އިދިކޮޅު ޕީޕީއެމްގެ މެމްބަރުންނަށް ވެސް ކަންތައްތައް ކޮށްދިނީ މިސަރުކާރުން ކަމަށާއި އެހެންކަމުން އެމްޑީޕީއާއި ގުޅުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ޕީޕީއެމްގެ މެމްބަރުންނަށް ގޮވާލައްވައިފިއެެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ޕީޕީއެމްގެ މެމްބަރުންނަށް ވެސް ކަންތައްތައް ކޮށްދިނީ މި ސަރުކާރުން ކަމަށާއި، ރައީސް ޔާމިންގެ ފަހަތުން މެމްބަރުން ދުވާނެ ކަމެއް ނެތް ކަމަށެވެ. ރޮޒައިނާ ވަނީ ޕީޕީއެމް މެމްބަރުން ވެސް ސަރުކާރާއި ގުޅުމަށް ދައުވަތު ދެއްވާފައެެވެ. ކޮމަންޑޫ ރައްޔިތުން ޕީޕީއެމަށް ވޯޓް ދޭން ނުޖެހޭ ކަމަށާއި، އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އިންތިޚާބުކޮށްގެން އެދާއިރާގެ ތަރައްގީއަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ޕާޓީއަކަށް ވަދެގެން މިއުޅެނީ ބޭނުމެއްގައި، ޕާޓީގައި މަސައްކަތް ކުރަނީ ވެސް ބޭނުމެއްގައި. އެބޭނުން ނުފުދޭ ކަމަށް ވައްޏާމު އަޅުގަނޑުމެން ނުޖެހޭ ހޭވައްލާ ތައްޔާރޭ، ޕީޕީއެމޭ، ރައީސް ޔާމިނޭ، ޒައީމޭ، އޭއްޗެކޭ މީއްޗެކޭ ކިޔަމުން ދުވާކަށް ނުޖެހޭ އަޅުގަނޑުމެންނެއް. މިއަދު އަަޅުގަނޑު މި ގޮވާލަނީ ޕީޕީއެމްގެ ހުރިހާ މެމްބަރުންނަށް ތިބޭފުޅުންނަށް ކަންތައްތައް ކޮށްދީފައިވަނީ މި ސަރުކާރުންނޭ، އަޅުގަނޑުމެންނާއި ގުޅެން އަންނާށޭ. މޫނަށް ހިރަފުސް ބުރުވާފައި ކެންޑިޑޭޓް ފަހަތުން ދާހިއްލާ ފޯވެގެން ދުވާނެ ކަމެއް ނެތޭ." ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒައިނާ ވަނީ ރައީސް ޔާމިނާއި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ މަސައްކަތްކުރައްވަނީ ރަށުގެ ރައްޔިތުންނަށް ސަރުކާރުން ކަންތައްތަށް ކޮށްދޭތީ އެކަން ހުއްޓުވަންތޯ ނުވަތަ ޖެއްސުމެއް ކުރަންތޯ ސުުވާލު ކުރައްވާފައެވެ. އަދި ހެއު ހިތުން ކަމެއް ކޮށްދޭނަމަ ޕީޕީއެމްގެ ވެރިކަމުގައި ކޮމަންޑޫއަށް އެކަމެއް އޮންނާނީ ކޮށްދީފައި ކަމަށް ރޮޒައިނާ ވިދާޅުވިއެެވެ.

ރޮޒައިނާ ވަނީ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ބައި އިލެކްޝަންގަައި އެމްްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދު އެގޮނޑިއަށް އިންތިޚާބު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ފޯރި ގަދަވެފައިވާއިރު އިންތިޚާބުގައި ތިން ޕާޓީއެއްގެ ކެންޑިޑޭޓުން ވާދަކުރަށްވައެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީހެވެ.



ކިޔުންތެރިންގެ ހިޔާލު