21 މާރިޗު 2020 - 13:11
9 ވަނަ އެޕިސޯޑް

==========

މާލެ އާދެވުނީއްސުރެން ޝިޔާން ހުންނަނީ މޫޑު މުޅިން ބަދަލުވެފައެވެ. އަބަދުވެސް އޭނާ ހުންނަނީ ބޮޑު ފިކުރެއްގެ ތެރޭގައެވެ. އެއުފަލަށް އޭނާއަށް އެދެވެނީއެވެ. އެބީހުންތަކުގެ އިޙްސާސްތަކަށް އޭނާއަށް އެދެވެނީއެވެ.

އޭނާ ޤަބޫލުކުރަނީ މިހާރު ތާރާއަކީ އޭނާގެ ބައިވެރިޔާ ކަމުގައެވެ. ވުމާއެކު ތާރާ ނުފެންނަ ހިސާބަށް އާދެވުމުން އޭނާއަށް އެވަނީ ބޮޑު ފިކުރީ އޮއިވަރެއްގައި ޖެހިފައެވެ.

[ޝިޔާންކޮ....ރަށުން އައިފަހުން ކިހިނެއްވެފައިތަ ތިހުންނަނީ. ހީވަނީ ވަރަށް ބޮޑަށް މާޔޫސްވެފައި ހުންނަހެން. އަނެއްކާ ކޮއްކޮ...ކަމެއް ފެށީތަ؟] އޭނާގެ ދައްތަ ޝިނާ އޭނާގެ ބޮލުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ.

[ދޮންތަ ދައްކާ ވާހަކަ. އަހަރެން އެކަމަކު އަދި ރަށަށް ޖައްސާލާހިތްވޭ. ޙަޤީޤަތުގައި އަހަރެން ބޮޑަށް އުޅޭހިތްވަނީ ރަށުގައި. ރަށުގައިވީ ދުވަސްކޮޅުގެ ތެރޭގައި ރަށާމެދު ވަރަށް ބޮޑަށް ޝައުޤުވެރިކަން އުފެދުނު.] ޝިޔާން ބުންޏެވެ.

[އެކަމަކުވެސް ވަރިހަމަ ޝިޔާނަކަށް ރަށަކު ނޫޅެވޭނެ. އަހަރެމެން އެންމެން މިރަށުގައި އުޅޭއިރު އެކަނިމާއެކަނި ޝިޔާން ރަށުގައި ހުންނާކަށް ނުފޮނުވޭނެ. ފޮނުވާހިތެއް ނުވެސްނެތް.] ޝިނާ ބުންޏެވެ.

ޙަޤީޤަތުގައި ދޮންތައާ ދެކޮޅަށް ޝިޔާނަކަށް އެއްވެސް ކަމެއް ކުރާކަށް ނުކެރޭނެއެވެ. އަމުދުން އޭނާ ނުވެސް ކުރާނެއެވެ.

[ދޮންތަ ނުފޮނުވަންޏަކާ އަހަރެން ނުވެސްދާނަމޭ. ދޮންތާ...އަހަރެން މިހާރު ޝައުޤުވެރިވަނީ ހޮޓެލް ސްކޫލް ހަދައިގެން ރިޒޯޓަކަށް ދާން...ރަނގަޅުވާނެތަ؟] ޝިޔާން މިހާރު ވިސްނަނީ ހޮޓެލް މެނޭޖްމަންޓް ހަދައިގެން އަތޮޅުގެ ރިޒޯޓެއްގައި ވަޒީފާ އަދާކުރެވޭނޭ މަގު ހޯދަންކަންނޭނގެއެވެ.

ނަމަވެސް އެއީ ޝިނާ އެހާ ގަޔާވާ ކަމެއް ނޫނެވެ. އޭނާ ބޭނުންވަނީ ޝިޔާންވެސް ރާއްޖެއިން ބޭރަށް ފޮނުވައިގެން ބޭރުން މަތީ ތަޢުލީމް ޙާޞިލް ކުރުވާށެވެ.

[ޝިޔާންކޮ ހަމަ ފޮނުވާނީ މެލޭޝިޔާއަށް. މިއަހަރުތެރޭ ޝިޔާންކޮގެ ކޯސް ހަމަޖެހޭނެ.]

ކޮންމެގޮތެއް ހަދާފައިވެސް ޝިޔާން ވިސްނަނީ ރަށަށް ދެވޭނޭ ގޮތަކާމެދުގައެވެ. އޭނާ ބޭނުންވަނީ ތާރާ ފެންނަފަށަށް ދާށެވެ. ދެން އޭނާއަށް ތާރާ ފެންނަފަށަށް ދެވިއްޖެނަމަ، އޭނާ ތާރާއަށް އޭނާގެ ހިތް ހުޅުވާފައި ދައްކާނެއެވެ.

އެއީ އޭނާގެ އުންމީދެވެ. ތާރާއަކީ މީހެއްގެ އަންބަކަށްވިޔަސް، އޭނާ މުޅިން ވިސްނަނީ ތާރާއާ މެދުގައެވެ. ހޭލާ ހުރެގެންވެސް އޭނާގެ ލޯމަތިން ތަޞްވީރު ވަމުންދަނީ ތާރާއެވެ. އެގުޅުންތަކާއި އެ އިޙްސާސްތައް އަބަދުވެސް އޭނާގެ ސިކުނޑީގައި އާލާވަމުންދާފަދައެވެ.

[އަހަރެން ވަރަށް ބޮޑަށް ބޭނުން...އަދި އެއްފަހަރު ރަށަށް ޖައްސާލަން. އެކަމަކު މިހާރު ދޮންތަ ހުއްދައެއް ނުދޭ ދާކަށެއް. އެކަމަކު އަހަރެން ވަރަށް ބޮޑަށް އޭނާގެ މަތިން ހަނދާންވޭ.] ޝިޔާން ވާހަކަ ދެއްކީ ހުވަދުއަތޮޅުގައި ތަރައްޤީ ކުރަމުންދާ ރިޒޯޓެއްގައި ވަޒީފާ އަދާކުރަމުންދާ އޭނާގެ ބެސްޓް ފްރެންޑް ނާއިޝްއާއެވެ. ނާއިޝްއަކީ އެންމެ ކުޑައިރުއްސުރެންވެސް އޭނާ ހުރިހާ ސިއްރުތަކެއްވެސް ޙިއްޞާކުރާ މިތުރެވެ.

[ޝިޔާން ތިދައްކާ ވާހަކަ އަދި އަހަންނަކަށް ޤަބޫލެއް ނުކުރެވޭނެ. ތެދަށް ބުނަން...ތިވާހަކަ އަހަންނަށް ވަނީ ވަރަށް ބޮޑު ޖޯކަކަށް.] ޝިޔާން އޭނާއަށް ދިމާވި އާދަޔާ ޚިލާފު ޙާދިޘާ އެކުވެރިޔާއަށް ފުރަތަމަފަހަރަށް ކިޔައިދިނުމުން، އެވާހަކަ ޤަބޫލުކުރަން ދަތިވެފައި ހުރެ ނާއިޝް ބުންޏެވެ.

[ނާއިޝް ޤަބޫލު ކުރިޔަސް ނުކުރިޔަސް، އަހަންނަށް ފެނުނީ ހުވަފެނެއް ނޫން. އެންމެފަހުރޭ އަހަންނަށް ހޭވެރިކަންވީ ހަމަ އެގެއިން ނިކުމެވުނުތަނާހެން.] ޝިޔާން ބުންޏެވެ. ނަމަވެސް އެވާހަކައަކީ ނާއިޝްއަކަށް ޤަބޫލުކުރާކަށް ފަސޭހަ ކަމެއް ނޫނެވެ.

ނާއިޝް އެވާހަކަ ޤަބޫލުކުރަން ފަސްޖެހުމުން ޝިޔާން ދެން ނިންމީ އިތުރަށް އެވާހަކަ އެއްވެސް މީހެއް ގާތު ނުދެއްކުމަށާއި، އެކަން އަމިއްލަ މަސައްކަތުން ހޯދާށެވެ.

މިހާރު ތާރާ ހުންނަނީ ވަރަށް ބޮޑަށް އުފާވެފައެވެ. އޭނާގެ ހުރިހާވެސް އުންމީދަކީ އުފަންވާން އުޅޭ އޭނާގެ އަލަތު ދަރިފުޅެވެ. އޭނާ އަލަތު ދަރިފުޅާމެދު އުފާފާޅުކޮށް އުޅުނު ކަމުގައިވިޔަސް، އަރުފާންގެ މޫނުމައްޗަކުން އުފާވެރިކަމުގެ އެއްވެސް ކުލަވަރެއް ނުފެނެއެވެ.

[އަރުފާން...މާދަމާވެސް މަހަށް ދަނީތަ؟] ތާރާ ފާރުގައި އަޅުވާފައި ހުރި ކަލަންޑަރަށް ނަޒަރު ހުއްޓައިގެން ހުރެ އަރުފާނާ ވާހަކަ ދެއްކީ، ކުރިއަށް އޮތީ އޭނާ ޑޮކްޓަރަށް ދައްކަންޖެހޭ ދުވަހަށްވުމާއެކު، އެކަން ހަނދާން ހުރިތޯ ބެލުމަށެވެ.

[ހަނދާން އެބަހުރި. މާދަމާ މަންމަޔާއެކު ދާންވީނު. ވާގޮތަކީ އަހަރެމެން ކޮންމެހެންވެސް މާދަމާ މަހަށްދާންޖެހޭނެ. މުޅި ދޯނި އެއޮތީ އެމުން ބަރުކޮށްފައި. މާދަމާ ޑޮކްޓަރަށް ދައްކާފައި ގޯހެއް ވެއްޖެއްޔާ އަހަންނަށް ގުޅާތި. މިހާރު އަހަރެމެން ދޯނިން މަހަށްދާ ދެމީހަކު މާދަމާ މަހަށް ނުދާނެ ވާހަކަ ކުރިން ވަނީ ބުނެފައި.] އަރުފާން ބުންޏެވެ. ޙަޤީޤަތުގައި އަރުފާން ތާރާ ގޮވައިގެން ޑޮކްޓަރަށް ދާން ބޭނުންނުވަނީކީ ނޫނެވެ.

[އެންމެ ރަނގަޅު...މަހަށް ގޮސް އުޅޭއިރު ފޯނު އޮންކޮށްގެން އުޅޭތި. މިހާރު އަހަރެންގެ ބަނޑަށް ވަރަށް ބޮޑަށް އުނދަގޫވޭ. އެކަމަކު ކުއްޖާ ތޮޅޭހެނެއް ހިއެއްނުވޭ. ވަރަށް ބޮޑަށް ބަނޑަށް އުނދަގޫވޭ.] ތާރާ ބަނޑުގައި އަމިއްލައަށް އަތް ކާއްތާލިއެވެ. އަރުފާންވެސް އޭނާގެ ލޯބިވާ އަނބިމީހާގެ ބަނޑުގައި ފިސާރި އޯގާތެރިކަމާއެކު ފިރުމާލިއެވެ.

[މައްސަލައެއް ނެތް...ކިރިޔާ ކަމެއް ގޯސްވިޔަސް އަހަންނަށް ގުޅާތި...އޭރުން އަހަރެމެން ދޯނި އަނބުރާލާނަން.] އަރުފާން މިހެން ބުނެފައި އެނދުގައި އޮށޯތެވެ.

ޖެހިގެން އައި ދުވަހު ތާރާ ޑޮކްޓަރަށް ދައްކަން ދިޔައީ އޭނާގެ މަންމައާއެކު ހިތަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށެވެ. އެއީ ޞިއްޙީ މަރުކަޒަށް ފުރަތަމަ ދެއްކުމުން އެތަނުގެ ޑޮކްޓަރު ދިން އިރުޝާދުގެ މަތިންނެވެ.

އެދުވަހު ހޮސްޕިޓަލްގައި ހުރި އަންހެނުންގެ ޚާއްޞަ ޑޮކްޓަރު ޝަންގީތާ ތާރާ ބެލުމަށްފަހު ވަގުތުން ތާރާ ހޮސްޕިޓަލްގައި އެނދުމަތިވާން ޖެހޭނެ ކަމަށާއި، ބަނޑުގައިވާ ދަރިފުޅު ވަރަށް ބޮޑަށް ވަރުދެރަވެފައިވާ ކަމުގައި ބިންޏެވެ. އެކަމާ ތާރާ ވަރަށް ދެރަވިއެވެ. އެދުވަހު އޭނާ ވަރަށް ބޮޑަށް ރުއިވެސްމެއެވެ. ހޮސްޕިޓަލްގައި އެނދުމަތި ކުރުމާއެކު ތާރާ އަރުފާނަށް ގުޅާފައި އެވާހަކަ ކިޔައިދިނެވެ.

އެދުވަހު ތާރާ ހޮސްޕިޓަލްގައި އެނދުމަތި ކުރިގޮތަށް ތިންދުވަސް ފާއިތުވެގެންދިޔައިރުވެސް ތާރާގެ ބަނޑުގައިވާ ދަރިފުޅަށް އެއްވެސް ބަދަލެއް ނާދެއެވެ. ވުމާއެކު ޑޮކްޓަރުގެވެސް ލަފާގެ މަތިން އޭނާ ނިންމީ ޖެހިގެން އައި ދުވަހު ތާރާ މާލެ ގެންދިޔުމަށެވެ.

ތާރާއަށް މާލެދާން މިޖެހުނީ ތަޤްދީރުގައި ތާރާއާއި ޝިޔާން ދިމާވާން ހަމަޖެހިފައިވާތީ ކަމަށްވެސް ޤަބޫލުކުރެވެއެވެ.

[ތާރާއާއެކު މަންމަވެސް ދާނަން. އަރުފާނަށް އެކަނިމާއެކަންޏަކު ހޮސްޕިޓަލަކުވެސް ނުހުރެވޭނެއެއްނު. އަރުފާން....މަންމައަށްވެސް ޓިކެޓް ނަގަންވާނެ.] ޓިކެޓް ނަގަންދާން އަރުފާން ނިކުތީމާ ޞަފޫރާ ބުންޏެވެ.

ޝިޔާނަށް މާލެދިޔަފަހުން އަދި އެންމެފަހަރަކު ނޫނީ ތާރާއާ ގުޅޭގޮތެއް ނުވެއެވެ. ފުރަތަމަ ދެދުވަހު ގުޅުނު ކަމުގައި ވިޔަސް، ފަހުން އެގެއިން ފޯނު ނުވެސް ނަގަނީއެވެ. ލަފާކުރެވޭ ގޮތުން މިހާރު އެގޭ ފޯނުގެ ރިންގު ހުންނަނީ އޮފްކޮށްފައެވެ. އެކަން ކޮށްފައިވަނީ އަރުފާނެވެ. ޝިޔާން ތާރާއަށް ގުޅާނޭކަން އެނގޭތީ އެކަން ވުމަށް އޭނާ ނޭދެނީއެވެ. އެދޮރުތައް އޭނާ ބޭނުންވަނީ ބަންދުކުރާށެވެ.

އެއަރޕޯޓުން ތާރާ ގެންދިޔައީ ސީދާ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލުން ޑޮކްޓަރުން ބެލުމަށްފަހު ލަފާދިނީ ދެތިން މަސް ދުވަސް ވަންދެން ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށެވެ.

[ތާރާގެ ބަނޑުގައިވާ ދަރިފުޅުގެ ޙާލު ވަރަށް ދެރަ. މިތާނގައި ބާއްވައިގެން ފަރުވާކުރަންޖެހޭނެ.] އަރުފާން ގާތު ޑޮކްޓަރު ބުންޏެވެ.

ތާރާ ހޮސްޕިޓަލްގައި އެޑްމިޓްކުރި ދުވަހަކީ ޝިޔާންވެސް އޭނާގެ ދޮންތައާއެކު އެހޮސްޕިޓަލްގައި އޮތް ދޮންތަގެ ރައްޓެއްސަކަށް ޒިޔާރަތްކުރި ދުވަހެވެ.

ދުވަސްތަކަކަށްފަހު އޭނާއަށް ތާރާ ފެނުނީ ދޮންތަގެ ރައްޓެހި މީހާ އޮތް ތަން ނޭނގިގެން ހޯދުމުގެ ތެރޭގައެވެ. ކުއްލިއަކަށް އޭނާއަށް ތާރާ ފެނުމުން އޭނާގެ ހިތަށް ވަރަށް ބޮޑަށް ފިނިކަމެއް ލިބުނު ކަހަލައެވެ.

[ތާރާ!؟ އަޅެ ކޮންއިރަކު އައީ....ކިހިނެއްވީތަ؟] ޝިޔާން އައިސް ތާރާ އޮތް އެނދާ އަރާހަމަކުރަމުން ވާހަކަ ދެއްކިއެވެ.

ޝިޔާން ފެނުމުން މިފަހަރު ތާރާއަށްވެސް ކުރެވުނީ މުޅިން ތަފާތު އިޙްސާސެކެވެ. އޭނާއަށްވެސް ހީވީ ދުވަސްތަކަކަށްފަހު ގާތް ބައިވެރިޔަކު ފެނުނީހެންނެވެ.

[ޝިޔާން...އަހަރެމެން އައީ މިއަދު. ބޭބީގެ ޙާލު ދެރަވާތީ....ވަރަށް އުފާވެއްޖެ ފެނުނީމަ....] ތާރާ އަތް ދިއްކޮށް ޝިޔާނާ ސަލާމްކޮށްލިއެވެ.

[އަހަރެންވެސް ވަރަށް އުފާވެއްޖެ....ތާރާ ހަނދާންވާތީ އަހަރެން މިހުންނަނީ އެނބުރި އަލުން ރަށަށް ދާންވެސް ބޭނުންވެފައި.] ޝިޔާންގެ ހިތް އެއްވެސް އިޚްތިޔާރަކާނުލާ ހުޅުވެން ފެށިއެވެ. ޝިޔާން އެހެން ބުނީމާ ހިސާބަކަށް ތާރާއާއި އޭނާގެ މަންމައަށް ޙައިރާންކަން ލިބުނެވެ.

[ޝިޔާން ހަމަ އަހަރެންގެ މަތިން އެހާވަރަށް ހަނދާން ކުރަންތަ؟] ތާރާ ޝިޔާންގެ ލޮލަށް ބަލަން އޮވެފައި، މިހެން އެހި ވަގުތަކީ އަރުފާން އައިސް ވަން ވަގުތެވެ. އަރުފާނަށް ޝިޔާން ފެނުމާއެކު އޭނާއަށް ސިހުން ލިބި ހުއްޓުންއެރިއެވެ.

[ޝިޔާން! ކިހިނެއް....ޝިޔާނަށް އެނގުނީ އަހަރެމެން މާލެ އައިކަން.] އަރުފާން އައިސް ޝިޔާންގެ ކޮނޑަށް އަތް ވައްޓާލިއެވެ.

[އަހަރެން ދައްތައާއެކު މިތަނަށް އައިސް އުޅެނިކޮށް އިއްތިފާޤުން ދިމާވީ. ރަނގަޅުތާ ދިމާވިކަންވެސް. ކޮންތާކުން އަރުފާން ތިއައީ.] އަދިވެސް ޝިޔާނަށް ބެލެނީ ތާރާގެ މޫނަށެވެ. ޝިޔާން ބަލާގޮތުން ބައެއްފަހަރު ތާރާ ލަދުގަންނަންގޮތްވެސް ވެއެވެ. އެކަން އަރުފާނަށް ވިސްނޭތީ އޭނާ ޝިޔާންގެ އަތުގައި ހިފައިގެން ބޭރަށް ނިކުމެއްޖެއެވެ.

[ކޮންތާކަށް؟ އިހަށް ތާރާ ގާތު މަޑުކޮށްލަން ހިނގާބަލަ.] ޝިޔާން ބޭރަށް ނިކުންނާކަށް ބޭނުމެއް ނޫނެވެ.

[ހިނގާބަލަ ކެންޓީނަށް ގޮސް ސައިތަށްޓެއް ބޯލަން. އަދި އަހަރެން މިހުރީ ހެނދުނުއްސުރެން ކަރު ތެތްމާނުލާއި.] އަރުފާނުގެ މިޞްރާބު ހުރީ ހޮސްޕިޓަލް ކެންޓީނާ ދިމާއަށެވެ. އޭނާގެ ފަހަތުން ޝިޔާންވެސް ދިޔައެވެ. އަރުފާން އަޞްލު ބޭނުންވަނީ މާގިނައިރު ވަންދެން، ތާރާގެ ކުރިމަތީގައި ޝިޔާން ނުބަހައްޓާށެވެ.

[އަރުފާން...މިހާރު ތާރާގެ ބަނޑަށް ކިތައް މަސްތަ؟] ތާރާ ވިހަންދެން މާލޭގައި މަޑުކުރަންވީނު. އަލަށް ވިހާއިރު ޚިދްމަތް ރަނގަޅަށް ލިބޭ ތަނެއްގައި ތިބުމަކީ ވަރަށް މުހިންމު ކަމެއް.] ޝިޔާން އެދެނީ ތާރާ އަބަދުވެސް އޭނާއަށް ފެންނަފަށުގައި މާލޭގައި ހުރުމަށެވެ.

[ފަހަރެއްގައި ވިހަންދެން މިތާ ހޮސްޕިޓަލްގައި ތިބެންވެސް ޖެހިދާނެ.] އަރުފާން ބުންޏެވެ.

ކޮންމެގޮތެއްވިޔަސް މިހާރު ޝިޔާނަކީ އަރުފާންގެ ދިރިއުޅުމަށް އެޅިފައިވާ ވަރަށްބޮޑު ހުރަހެކެވެ. ވުމާއެކު ތާރާގެ ބަނޑުގައިވާ ދަރިފުޅު އުފަންވުމުގެ ކުރިން އެކަމަށް ޙައްލެއް ހޯދައި، އެހުރަސްތައް ނައްތާލަން އަރުފާން ކިތަންމެހާވެސް ބޭނުންވެއެވެ.

[ޝިޔާން...އަދިވެސް ބިޓެއް ނުނަގަންތަ؟ ތިޢުމުރަށްދާއިރު ބިޓެއް ހުންނަންވާނެ. އޭރުން ފޫހިފިލާނީ.] އަރުފާން ޝިޔާންގެ ހިތް ދެނެގަތުމަށްޓަކައި ބުންޏެވެ.

[އަދި މިއުޅެނީ ބިޓެއް ސެޓް ނުވެގެން. ކުރިން ބުނިހެން، ހުވަފެނީ ބައިވެރިޔަކު ހުރޭ. އެކަމަކު އަދިވެސް އެއީ ކާކުކަމެއް ނޭނގެ....އޭނާ ހޯދަން ވަރަށް ބޮޑަށް މަސައްކަތް އެބަ ކުރެވޭ.] ޝިޔާން ބުންޏެވެ.

[އޭނާ ހަމަލޮލަށް އަދި ނުވެސް ފެނޭތަ؟ ބުނަން ޝިޔާން... ފެންނަ ކޮންމެ ހުވަފެނެއް ނުވާނެ ޙަޤީޤަތަކަށް. އެކަމާމެދު ވިސްނުމަށްވުރެން މާ ރައްކާތެރިވާނެ...އަވަހަށް އެހެން ގޮތެއް ހޯދިއްޔާ. މިހާރުވެސް ތިޔަކަމަކާ ވިސްނާތާ ކޮން ދުވަހެއް.] އަރުފާން ބޭނުންވަނީ ޝިޔާންގެ ވިސްނުން ބަދަލުކުރުވާށެވެ.

[އަރުފާން...އަހަރެން ކިތަންމެ މަސައްކަތް ކުރިޔަސް، އަހަންނަކަށް އެހަނދާންތަކާ ދުރަކަށް ނުދެވޭނެ. އަރުފާންގެ ހިތަށްވެސް ނާރާފަދަ ގާތް ގުޅުންތަކެއް އަހަރެންގެ ހުވަފެނީ ބައިވެރިޔާއާއެކު ވަނީ ޤާއިމުކުރެވިފައި. އެއިޙްސާސްތައް އަހަންނަކަށް ހަނދާންނައްތައެއް ނުލެވޭނެ. އަހަރެންގެ ޒުވާންކަމުގެ ރަހަ އެބައިވެރިޔާވެސް ވަނީ ވަރަށް ރަނގަޅަށް ބަލައިގެންފައި.] ޝިޔާން ކިޔައިދިނެވެ.

ޝިޔާންގެ އެވާހަކަތަކުން އަރުފާންގެ ގާތަށް ހިސާބަކަށް ރުޅިވެސް އައެވެ. ނަމަވެސް އޭނާ އެއަސަރު ޝިޔާނަކަށް ނުދައްކައެވެ. ޝިޔާންގެ ފޯނަށް އޭނާގެ ދޮންތަ ގުޅީ އެވަގުތެވެ.

[އާނ....ދޮންތަ ކޮންތާކު؟] ފޯނުން ވާހަކަ ދައްކަމުން ޝިޔާން ތެދުވިއެވެ.

[ހޮސްޕިޓަލްގެ ބޭރުގައި...އަވަހަށް އާދޭ...ޝިޔާންކޮ ކޮންތާކު؟] ޝިނާ ހުރީ ޝިޔާން ލަސްވެގެން ހިތްހަމަނުޖެހިފައެވެ.

[ހޮސްޕިޓަލް ތެރޭގައި...މިނިކުންނަނީ. އަރުފާން އަހަރެން ދާންޖެހިއްޖެ. ދޮންތަ އަހަރެންގެ އިންތިޒާރުގައި ބޭރުގައި އެބަހުރި....ދަނީ....] ޝިޔާން ފޯން ކަނޑާލުމަށްފަހު ޖީބަށްލަމުން އަރުފާނާ ސަލާމްކޮށްފައި ހިނގައިގެންފިއެވެ. އަރުފާން ވިހަގޮތަކަށް ޝިޔާނާ ދިމާއަށް ބަލައިލިއެވެ.

ޝިޔާންގެ މަދުރަސީ ޙަޔާތުގައި އެންމެ ގާތްކޮށް އުޅުނު އޭނާގެ ރަޙްމަތްތެރިޔާ ވިއާމާ ދިމާވީ އޭނާ ހޮސްޕިޓަލުން ނިކުންނަން އުޅުނު ވަގުތެވެ.

[ވިއާމް...މިތާ ކީއްތިކުރަނީ؟ އަދިވެސް ކޯސް ލިބޭގޮތެއް ނުވޭތަ؟] ޝިޔާން ވިއާމާ އަރާހަމަކުރަމުން ވާހަކަ ދެއްކިއެވެ.

[އާނ....އެހާ ފަސޭހައިން ކޯސް ލިބޭތަ؟ އަހަރެން މިއައީ މިތާ އޮތް ބަލިމީހަކަށް ގޮވާލަން. ޝިޔާން ކީއްކުރަން އައިސް ތިއުޅެނީ؟ ޝިޔާންގެ ކޯސްވެސް ހަމައެއްނުޖެހޭދޯ އަދި.] ވިއާމް ޝިޔާނާ ސަލާމްކޮށްލަމުން ވާހަކަ ދެއްކިއެވެ.

[އަހަރެން ދޮންތައާއެކު އައިސް މިއުޅެނީ. މިފެށޭ މަހު އަހަރެންގެ ކޯސް ހަމަޖެހޭނެ ކަމަށް މިބަލަނީ. އޭތް ވަރަށްބޮޑު ކަމަކާ މަޝްވަރާ ކުރަން އެބަޖެހޭ...ހިނގާބަލަ މިއަދު ދެމީހުން ދިމާވަމާ.]

[އެންމެ ރަނގަޅު...ހަވީރު އަހަރެން ތިގެޔަށް ދާނަން. ފަހަރެއްގައި އަހަރެން ހަނދާންނެތިދާނެ...ގުޅާތި.] ވިއާމް ހިނގައިގަންނަމުން ވާހަކަ ދެއްކިއެވެ.

[އޯކޭ...އަހަރެން ގުޅާނަން. އަނެއްކާވެސް ދޮންތަ އެގުޅަނީ.] ޝިޔާން ނުކުތެވެ. އޭރު ހޮސްޕިޓަލާ ދިމާ މަގުމަތީގައި ޝިނާ ހުއްޓެވެ.

އެދުވަހުގެ ހަވީރު ޝިޔާނާއި ވިއާމް ބައްދަލުކުރިއެވެ. ޝިޔާން އޭނާގެ ޙަޔާތުގައި ކުރިމަތިވެގެން އުޅޭ ކަންތައްތައް ރަޙްމަތްތެރިޔާއަށް ވަރަށް ސާފުކޮށް އެދުވަހު ކިޔައިދިނެވެ. ޝިޔާން އެވާހަކަތައް ކިޔައިދިނުމުން ވިއާމް ވަރަށް ބޮޑަށް ޙައިރާންވިއެވެ.

[ޝިޔާން...ތިޔަބުނާ ވާހަކަޔަކީ އާދައިގެ ކަމެއްގެ ވާހަކައެއް ނޫން. އަހަރެންނަށް ފެންނަނީ މިހާރުން މިހާރަށް ކޮންމެވެސް ފަންޑިތަ ހަދާ މީހެއްގެ އިރުޝާދު ހޯދަން. އެހެން ނޫނީ ޝިޔާނަށް ނޭނގިހުއްޓާ ލަނޑެއް ލިބިދާނެ. އެއްގޮތަކަށްވެސް ތިޔައީކީ ކުޑަކަމެއް ނޫން.] ވިއާމް ޚިޔާލުދިނެވެ. ވިއާމްގެ ޚިޔާލަށް އޭނާއަށްވެސް ތާއީދު ކުރެވުނެވެ.

ޝިޔާން ބުނަނީ ނިދީގައި އޭނާއަށް ތާރާއާއެކު ވަަރަށް ގާތް ގުޅުމެއް ބޭއްވިފައިވާ ކަމަށް ޤަބޫލުކުރެވޭ ކަމަށާއި، ތާރާ ބަލިވެއިނީވެސް އޭގެފަހުން ކަމަށެވެ. ވުމާއެކު، އެދުވަހު ވިއާމް ޝިޔާން ގޮވައިގެން ދިޔައީ މާލޭގައި އުޅޭ ފުވައްމުލަކު މީހެއް ކަމުގައިވާ އިބްރާހީމް މަނިކުގެ ގާތަށެވެ. އިބްރާހީމް މަނިކަކީ އެބާވަތުގެ ކަންކަމަށް ވަރަށް އަރާހުރި ހުޝިޔާރު ފަންޑިތަވެރިއެކެވެ.

އެމީހުންނަށް އެގެޔަށް ދެވުނުއިރުވެސް އެގޭގައި މަނިކާ ބައްދަލުކުރުމަށްޓަކައި ގިނަބަޔަކު ކިޔު ހަދާލާފައި އޮތެވެ. ވުމާއެކު އެމީހުންނަށްވެސް ޖެހުނީ ކިޔު ޖައްސާލައިގެން މަޑުކޮށްލާށެވެ.

[ވިއާމް...މިއީ ހައްތާވެސް މަނިކު ކައިރިއަށް އައިސް ތިބި މީހުން...މިއީ ހާދަ ބާރުބޮޑު މީހެކޭދޯ؟] ޝިޔާން ހަމައެކަނި ވިއާމަށް އިވޭވަރަށް ވިއާމްގެ ކަންފަތްބުޑުގައި ބުންޏެވެ.

[ތަންކޮޅެއް ކުރިން އަހަރެންގެ ތިމާގެ މީހަކު މަސްވެރިކަމު ނިކުމެ އުޅެނިކޮށް ގެއްލިގެން އަހަރެން މަނިކު ކައިރިއަށް ފާލެއް ބެލުމަށް އައީމޭ. ވަރަށް ސީދަލަށް އޭނާ ބުނި. އޭނާ އެދުވަހު ބުނީ ތިންދުވަސް ތެރޭ އެމީހުން ފެންނާނޭ....ފެނުނު. އޭގެފަހުން އަހަރެން މަނިކުގެ ކުޅަދާނަކަން ޤަބޫލުކުރަން ފެށީ.] ވިއާމް މަނިކުގެ ކުޅަދާނަ ކަމަށް ތަޢުރީފްކޮށް ވާހަކަ ދައްކަން ހުއްޓާ، މީހުންވެސް މަދުވިއެވެ. މިހާރު އެމީހުންގެ ކުރިއަށް ހުރީ އެންމެ މީހެކެވެ. އެއީ ޒުވާން އަންހެން ކުއްޖެކެވެ. ކުރިން އަންހެން ކުދިން މިކަހަލަ ތަންތަނުން ފެނުން މަދުވިޔަސް، މިހާރު އެބައިވެސް ވަރަށްގިނަކަން ފާހަގަކުރެވިއްޖެއެވެ. ޝިޔާންމެނަށް އެތެރެއަށް ވަދެވުނީ އެތާނގައި ތިބޭތާ ގަޑިއެއްހާއިރު ފަހުންނެވެ. ޝިޔާނާއެކު ވިއާމްވެސް ވަނެވެ. ޝިޔާނަށް ދިމާވެގެން އުޅޭ ޙާދިޘާ މަނިކަށް ފުރަތަމަ ކިޔައިދިނީ ވިއާމެވެ. ޝިޔާން ދިނީ އެއަށް އިތުރު ތަފްޞީލެވެ.

[ކޮއްކޮއަށް އަވަހަށް ތިއާދެވުނީ ކޮއްކޮގެ ފުރާނަ ސަލާމަތްވާންވެގެން. ތިޔައުޅެނީ ކޮންމެވެސް ނާމާން ކަންތައްގަނޑެއް. ތިބުނާ އަންހެނަކު ބަލިވެދޯ މިހާރު އިނީ....] މިހެން ބުނެފައި މަނިކު ޝިޔާންގެ ޢާއިލާއާއި ޝިޔާންގެ ފުރިހަމަ ނަން ހޯދުމަށްފަހު ފާލުބަލަން ފެށިއެވެ.

މަނިކު ދެތިންފަހަރު ތަކުރާރުކޮށް ފާލުބެލިއެވެ. ނަމަވެސް ދިމާވަނީ އެއްގޮތަކަށެވެ. ފާލުން ދައްކާގޮތުން ޝިޔާންވަނީ ޖިންނިއެއްގެ ބާރުގައި ގޮސް އެއަންހެނަކާއެކު ގުޅުންތަކެއް ޤާއިމްކޮށްފައެވެ.

[ޝިޔާނަށް ތިކަމަކީ ބޮޑު ކަމެއްހެން ހީނުވިޔަސް، ވަރަށް ނުރައްކާތެރި ކަމެއް ތިޔައީ. މިއަދު އަހަރެން ލިޔެދޭނަން ތަވީދެއް. މީގެފަހުން ޝިޔާން އުޅެންވާނީ އެތަވީދު އަޅައިގެން.] އިބްރާހީމް މަނިކު ތަވީދު ލިޔަން ފަށަމުން ބުންޏެވެ. ޝިޔާންހުރީ ހިސާބަކަށް ޙައިރާންވެ ހުއްޓުން އަރާފައެވެ.

[ޖިންނި އަވަލީއޭ! މަނިކުބޭ ތިބުނަނީ ހަމަ ރަނގަޅު ވާހަކައެއްތަ؟] ޝިޔާން ޤަބޫލުކުރަން ދަތިވެފައި ހުރެ ވާހަަކަ ދެއްކިއެވެ.

[އާނ...ޝިޔާން...ޙަޤީޤަތުގައި ވަރަށް ނުރައްކާތެރި ހިސާބަކުން އަހަންނާ ހަމައަށް ތިޔަ އާދެވުނީ. މިހާރު ދެން އަހަރެން މިއަޅުވައިދޭ ތަވީދު އަޅައިގެން އުޅެންވީ. އޭރުން ދެން އެއްވެސް ނުރައްކަލެއް އިރާދަކުރެއްވިއްޔާ ކުރިމައްޗެއް ނުވާނެ.] މަނިކު ތަވީދު ލިޔަމުން ވާހަކަ ދެއްކިއެވެ.

[އެކަމަކު މަނިކުބޭ...މިކަން މިގޮތަށް ހިނގަން މެދުވެރިވީ ކީއްވެބާ...މިހާރު އަހަރެން ބިރުގަންނަން ފަށައިފި.] ޙަޤީޤަތުގައިވެސް މިހާރު ޝިޔާން ބިރުގެންފިއެވެ. މިހާރު އޭނާ ނިކަން ހާސްވެއްޖެއެވެ.

[މިތަވީދު އެޅުމަށްފަހު ތިކޮޔަށް އެއްވެސް ބިރުވެރިކަމެއް ނެތް. މާބޮޑަށް ފިކުރުބޮޑުނުވޭ. އިރާދަކުރެއްވިއްޔާ އެއްވެސް ނުރައްކަލެއް ނެތް.] މަނިކު ތަވީދު ނިންމުމަށްފަހު ޝިޔާންގެ އުނަގަނޑުގައި އަޅުވާލަދިނެވެ.

އެއަށްފަހު މަނިކު ލަފާދިނީ ޝިޔާން ތާރާ ގާތަށް ހޮސްޕިޓަލަށް ދިޔުމަށެވެ. އަދި ހޮސްޕިޓަލަށް ގޮސް ވީހާވެސް ގިނައިރު ވަންދެން ހޮސްޕިޓަލްގައި މަޑުކުރުމަށްވެސް އޭނާލަފާދިނެވެ.

[އެހާ ގިނައިރު ވަންދެން ހޮސްޕިޓަލްގައި ތާރާ ގާތުގައި މަޑުކުރުމުގެ ބޭނުމަކީ ކޮބައިތޯ؟] ޝިޔާން މަނިކު ގާތު އެއްސެވެ.

[ބޭނުމަކީ ތާރާގެ ފިރިމީހާގެ ޙަޤީޤަތް ހޯދުން. އަހަރެންގެ މަސައްކަތުގައި އިތުރަށް ކުރިޔަށް ދިޔުމަށްޓަކައި އެއީ ވަރަށް މުހިންމު ކަމެއް.] އިބްރާހީމް މަނިކު ބުންޏެވެ.

ޝިޔާން ހޮސްޕިޓަލަށް ދިޔައީ ރޭގަނޑު އަށެއްޖަހަން އުޅެނިކޮށެވެ. އޭނާ ދިޔައީ ވިއާމްވެސް ގޮވައިގެނެވެ.

[ނަޞީބު ދިމާކުރިގޮތުން، ހޮސްޕިޓަލްގައި ތާރާ އޮތް ވޯޑަށް ވިއާމްމެނަށް ވަދެވުނު ވަގުތަކީ އަރުފާން ތާރާއަށް ދޭން ކުރުނބާ ފެން ގަންނަން ކެންޓީނަށް ދިޔަ ވަގުތެވެ.

[ތާރާ...އަރުފާން ކޮބާ؟] ތާރާ އޮތް އެނދު ކައިރީގައި ހުރި ހުސް ގޮނޑިއެއްގައި އިށީންނަމުން ޝިޔާން އެއްސެވެ.

[ކުރުނބާ ފެން ގަންނަން ކެންޓީނަށް ގޮސްވީ. މިހާރު އަންނަން އުޅޭނީ.] ތާރާއަށް މިހެން ބުނެވުނު ވަގުތަކީ އަރުފާން ކުރުނބާ ފަނި ހިފައިގެން އައިސް އެތަނަށް ވަންނަން ދިމާކުރި ވަގުތެވެ. ނަމަވެސް އޭނާއަކަށް އެތެރެއަކަށް ނުވަދެވުނެވެ.

ވޯޑުތެރެއިން އޭނާއަށް އާދަޔާ ޚިލާފު ދިލަ ހޫނެއް އިޙްސާސް ކުރެވުމާއެކު، ޝިޔާންމެނަށް ނުފެނި އޭނާ އެތަނުން ނިކުތެވެ. އޭނާއަށް އެތެރެއަށް ވަދެވުމުގައި ހުރަހަކަށްވީ ކާކުކަން އޭނާއަށް އެނގުނީކަންނޭނގެއެވެ. އޭނާ އެވޯޑާ ދިމާ މާދުރުގައި ހުރި ގޮނޑިއެއްގައި އިށީނދެގެން އިނީއެވެ. އިތުރު އެއްވެސް މީހަކަށް ނުފެންނާނޭހެންނެވެ. ނަމަވެސް އޭނާ އެހެން އިންނަތާ ގަޑިއެއްހާއިރު ވެގެންދިޔައިރުވެސް ޝިޔާންމެނެއް އެތަނަކުން ނުއެއް ނިކުތެވެ.

[އަދިވެސް އަރުފާނު ނާދޭދޯ. ކެންޓީނަށްދިޔަ މީހާ ކުރުނބާ ފަންޏަކަށްވީދޯ؟ އަޅެ ޝިޔާން...އޭނާ އެތަނުގައި ހުރިތޯ ބަލާލަދީބަލަ.] ތާރާ ކުޑަކޮށް ބުރަކަށި ތެދުކޮށްލަމުން އެދުނެވެ. ޝިޔާނާއި ވިއާމް ނިކުތެވެ.

އެމީހުން ނިކުތް މަންޒަރު ބަލަން ހުރެފައި، ދަނޑިވަޅު ބަލާފައި އަރުފާން އެތެރެއަށް ވަނެވެ.

[އަރުފާން...ހާދައިރަކުން...ކޮންތާކުން ތިއައީ. މިހާރު އަރުފާން ދިޔަފަހުން ދޮޅުގަޑިއިރުވީ. ތިވަރު މީހަކަށް ކިހިނެއް ބަލިމީހަކު ބަލަން ހުރެވޭނީ....] އަރުފާން އައިސް ވަނީމާ ތާރާ ޝަކުވާ ކުރިއެވެ.

[ވަރަށް ޒަމާންވީ ރައްޓެއްސަކާ ދިމާވެގެން ބޮޑު ވާހަކައިގައި ހުރެވުނީ. މިހާރު ދެން މިރާއްޖޭގައި ދެމީހަކު އެއްތަންވާއިރަށް މިދައްކަނީ މުޅިންވެސް ސިޔާސީ ވާހަކަ.] އަރުފާން ކުރުނބާ ފެންތަށި ތާރާއަށް ދެމުން ބުންޏެވެ.

[ރައްޓެއްސަކާ ޖެހުނީމާ އަހަރެން މިތާ އޮތްކަންވެސް ހަނދާން ނެތުނީތަ؟ ޝިޔާނާއި އޭނާގެ ރައްޓެއްސަކު މިތާނގައި އެތައްއިރެއް ވަންދެން ތިބެފައި އަރުފާންގެ ޚަބަރެއްވޭތޯ އެދިޔައީ. އަހަރެން މިތާ އެކަނި އޮތީމާ އެމީހުން މަޑުކޮށްގެން ތިއްބާ އަހަރެން ފޮނުވީ ކެންޓީނަށް.] ތާރާ މިހެން ބުނުމާއެކު، އަރުފާނަށް އަނެއްކާވެސް ނުތަނަވަސްކަމެއް ލިބުނު ކަހަލައެވެ. އެނބުރި ޝިޔާންމެން އެތަނަށް އަންނާނޭކަން އެނގުމާއެކު، ޝިޔާންމެން ހޯދައިގެން އަންނާނަމޭ ބުނެފައި އަރުފާން އަނެއްކާވެސް ނިކުމެއްޖެއެވެ.

ދުވާލު ހަތަރުދަމުހެން ހޮސްޕިޓަލްގައި ހުރެފައި ތާރާގެ މަންމަވެސް މިހާރުވީ ކޮޓަރިއަށް ގޮހެވެ. އަރުފާން ހުއްޓަސް ޞަފޫރާ ތާރާ ގާތުގައި ހުރެއެވެ. އަންހެން ދަރިޔަކު ބަލިވީމާ މަންމަގެ އެހީތެރކިަން ބޭނުންވާނޭކަމާއި، ދަރިފުޅު ނުބުންޏަސް ދަރިފުޅަށް ޚިދްމަތް ކުރަން އޭނާ ހުންނަން ޖެހޭނެކަމަށް އަބަދުވެސް ޞަފޫރާ ޤަބޫލުކުރެއެވެ. ޙަޤީޤަތުގައި ޞަފޫރާއަކީ ހެޔޮވިސްނޭ އޯގާތެރި މަންމައެކެވެ. އަބަދުވެސް އޭނާ ދަރިފުޅާމެދު ވިސްނައި ފިކުރު ހިންގައެވެ.

ދެވަނަފަހަރަށް ޝިޔާނާއި ވިއާމް އައިސް ތާރާ އޮތް ވޯޑަށް ވަނީ އެވަގުތެވެ.

[އަރުފާން މިހާރު ހިނގައްޖެ ޝިޔާން ހޯދަން. ދިމައެއްނުވޭތަ؟] ޝިޔާންމެން ވަނީމާ ތާރާ ބުންޏެވެ.

[ނުވޭ ދިމައެއް...އަހަރެން ކެންޓީނުތެރެ ހޯދާފައި ހޮސްޕިޓަލްގެ ބޭރުވެސް ބެލިން.] ޝިޔާންގެ ފޯނަށް އޭނާގެ ދޮންތަ ޝިނާ ގުޅީ އެވަގުތެވެ. ޝިޔާން ފޯނު ނަގަމުން ވޯޑުން ބޭރަށް ނިކުތެވެ.

[ކީކޭ ދޮންތާ....]

[ވަރަށް އަވަހަށް ގެޔަށް އައިސްބަލަ....ފިހާރަތައް ބަންދުކުރުމުގެ ކުރިން ދޮންތައާއެކު މިރޭ ފިހާރައަކަށް ދާން އެބަޖެހޭ....] ޝިނާ މިހެން ބުނެފައި ފޯނު ބާއްވައިފިއެވެ.

އެޔާއެކު ޝިޔާނަށް މަޖުބޫރުވީ އަރުފާނާ ދިމާނުވިޔަސް ގެޔަށްދާށެވެ.

[ކުއްލިއަކަށް ގެޔަށް ދާން ޖެހިއްޖެ. ދޮންތަ ގޮވައިގެން ފިހާރަތައް ބަންދުކުރުމުގެ ކުރިން ފިހާރައަކަށް ދާންޖެހިއްޖެ. ތާރާ...އަހަރެން މާދަމާ އަންނާނަން.] މިހެން ބުނެފައި ޝިޔާނާއި ވިއާމް ނިކުމެއްޖެއެވެ.

އެހާ ހިސާބުންވެސް ވިއާމްގެ ހިތުގައި އަރުފާނާމެދު ޝައްކު އުފެދެން ފެށިއެވެ. އަރުފާން އެމީހުންނާ ދިމާނުވާން އެއުޅެނީ ކީއްވެގެންބާއޭ އޭނާގެ ހިތަށްއަރަން ފެށިއެވެ.

[ޝިޔާން ކީއްވެބާ...މިރޭ އެއްގޮތަކަށްވެސް ތާރާގެ ފިރިމީހާއާ އަހަރެމެންނާ ދިމާނުވާންވީ. މިހާރު އުފެދޭ ސުވާލަކީ އެއީ ވަރަށްބޮޑު ސިއްރުތަކެއްވާ ކަމެކޭ. މީގެ އަހަރެއްހާ ދުވަސް ކުރިން، ނޫސްތަކުގައި ލިޔެފައި ވަނިކޮށް އަހަރެން ބެލިން، އައްޑުއަތޮޅު އަންހެނަކު ޖިންނިއަވަލީ ވާހަކައާއި ޖިންނިއަކާއެކު ފަޅުރަށެއްގައިވެސް އުޅުނު ވާހަކަ...އަނެއްކާ ތިއެއްނޫންތަ އެ އަންހެނަކީ.] ވިއާމް ހަނދާންކުރަމުން ބުންޏެވެ. ނަމަވެސް އެއީ ހުޅުދޫގައި ހިނގި ކަމެއް ކަމަށްވިޔަސް، އޭނާއަކަށް އެއްވެސްވަރަކަށް އެކަމެއް އެނގިފައެއް ނުވެއެވެ.

[އަހަރެން އަޑެއްވެސް ނާހަން. އަޅެ ވިއާމް...ތިކަން ރަނގަޅަށް އޮޅުންފިލުވަބަލަ.] ޝިޔާން ސައިކަލް ދުއްވާލިއެވެ.

[މައްސަލައެއް ނެތް...އަހަރެން ތިކަމާ އުޅޭނަން. އަހަރެންގެ ވަރަށްގިނަ ރައްޓެހިން އުޅޭނެ، ނޫސްވެރިކަމުގެ ތެރޭގައި. އެއިން މީހެއް ގާތު އަހާލާނަން.] ޝިޔާން ފުރަތަމަ ގޮސް ވިއާމް އޭނާގެ ގެޔަށް ބޭލިއެވެ.

ވިއާމް ގެޔަށް ވަންތާ މާގިނައިރެއް ނުވެއެވެ. އަނެއްކާވެސް ޝިޔާން އައިސް އެގެޔަށް ވަދެއްޖެއެވެ. މިފަހަރު އޭނާއައީ ވަރަށް ބޮޑަށް ހާސްވެފައި ހުރެއެވެ.

[ބަލަ ބާޒާރަށް ނުދަނީތަ މިރޭ....] ޝިޔާން އައިސް ވަނީމާ ހިސާބަކަށް ޙައިރާންވެފައި ހުރެމެ ވިއާމް އެއްސެވެ.

[އާނ...ދޮންތަ ހިނގައްޖެ ދޮންތަބެޔާއެކު. އަވަހަށް ހިނގާބަލަ...މިރޭ ޖެހޭނެ އަރުފާން ހޭއަރުވާލަން. ވިއާމަށް އެނގޭތަ...އެއީ އިންސާނެއް ނޫނޭ...އޭނާ އަހަރެމެން ހޮސްޕިޓަލްގައި ތިއްބާ އެތަނަށް ނުވަނީ އެހެންވެ.] ޝިޔާން ވާހަކަ ދައްކަމުން ނިކުތެވެ. ފަހަތުން ވިއާމްވެސް ނިކުމެއްޖެއެވެ.

[ކުއްލިއަކަށް މިހާރު ޝިޔާނަށް އެނގުނީ ކިހިނެއް؟ އަދި ހަމަގައިމުވެސް ޝިޔާނަކަށް އެއްވެސްތާކަށް ދެވޭހާއިރެއް ނުވޭ.] ޝިޔާންގެ ފަހަތުން ގޮސް ޝިޔާންގެ ސައިކަލުގެ ފަހަތަށް އަރަމުން ވިއާމް އެއްސެވެ. އޭނާހުރީ ވަރަށް ބޮޑަށް ޙައިރާންވެފައެވެ.

[އިހަށް އަހަންނާއެކު އައިސްބަލަ. އެނގުނުގޮތް އަހަރެން ކިޔައިދޭނަން.] ޝިޔާން ސައިކަލް މަޑުކުރީ ވިލިނގިލީ ފެރީ ޓަރމިނަލަށެވެ.

[ކީއްކުރަން ވިލިނގިއްޔަށް ދަނީ!؟] ޝިޔާން ފެރީ ޓިކެޓް ނެގުމުން، ވިއާމް ޙައިރާންވެފައި ހުރެ އަހާލިއެވެ. ނަމަވެސް ޝިޔާން ޖަވާބެއް ނުދެއެވެ. އޭނާ ގޮސް ފެރީއަށް އަރައިފިއެވެ. ވިލިނގިއްޔަށް ދެވެންދެން ވިއާމްވެސް އިތުރަށް ވާހަކައެއް ނުދައްކައެވެ.

[އަހަރެންގެ ފަހަތުން އާދޭ...] ފެރީން ފައިބަމުން ފަސްއެނބުރި ބަލައިލުމެއްވެސް ނެތި މިހެން ބުނެފައި ޝިޔާން ހިނގައިގެންފިއެވެ. ހިނގަމުން ހިނގަމުން ގޮސް އޭނާ މަޑުޖެހިލީ އެއަވަށުގައި މީހުން ނޫޅޭ ހިސާބަކަށެވެ. ނަމަވެސް ތޮއްޖެހެމުންދާ އެއަވަށުގެ އެހިސާބަކީވެސް ކޮންމެވެސްވަރަކަށް މީހުން އުޅެމުންދާ ސަރަޙައްދެކެވެ.

[ޝިޔާން...ކީއްކުރަންތަ މިތަނަށް ތިއައީ!؟] ވިއާމް މަޑުޖެހިލިއެވެ.

[މިތަނަށް މިއައީ ކަލޭ އަހަރެންގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން މީހަކަށް ލަފާދޭތީ، ކަލޭގެ ކިބައިން ސަލާމަތްވާން. އެނޫން އެއްވެސް ބޭނުމެއް އަހަރެންގެ ނެތް.] ކުއްލިއަކަށް ޝިޔާންގެ އަޑާއި ރާގުވެސް ބަދަލުވެއްޖެއެވެ. އިސާހިތު ސިފަވެސް ބަދަލުވެއްޖެއެވެ.

ލިބުނު ސިހުމާއި، ގަތްބިރާއެކު ވިއާމް އުޅުނީ ދުއްވައިގަންނާށެވެ. ނަމަވެސް މިހާރު އޭނާގެ ކުރިމަތީގައި ހުރި ބިރުވެރި އެތީގެ އަތް މާދިގެވެ. ތޫނު ވަކިތަކާއެކު އޭތި ވިއާމްގެ އަތުގައި ހިފަހައްޓައިފިއެވެ. ވިއާމް ނިކަން ބާރަށް ހަޅޭއްލަވައިގަންނަމުން އޭތީގެ އަތުން ވީއްލިގަތުމަށްފަހު ދުއްވައިގެންފިއެވެ. އޭނާގެ ޖީބުގައި އޮތް މޯބައިލް ފޯން ރިންގްވާން ފެށީ އެވަގުތެވެ. އޭނާ ދުވެދުވެ ހުރެ ފޯނު ނަގައިފިއެވެ. ގުޅީ ޝިޔާނެވެ.

[އަހަރެން ސަލާމަތްކުރޭ...ސަލާމަތްކުރޭ...] އޭރުވެސް އޭނާގެ ފަހަތުން ބިރުވެރި ސިފައިގައި ހުރި ޖިންނި އާދެއެވެ.

[ވިއާމް...ކޮންތާކުތަ ތިހުރީ....ކިހިނެއްތަ ވެގެން ތިއުޅެނީ. ތަންކޮޅެއް ހަމަޖެހިލައިގެން ކިޔާބަލަ!....] ޝިޔާން ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވިއެވެ.

[ވިލިނގިލީގައި...އަހަރެން ސަލާމަތްކުރޭ...އަހަންނަށް އެހީވެދީ.] މިހާ ހިސާބަށް އޭނާއަށް ބުނެވުނުތަނާހެން ޖިންނި އޭނާގެ އަތުން ފޯނު އަތުލުމަށްފަހު ހޫރާލައިފިއެވެ. ފޯނު ގޮސް ޖެހުނީ މޫދުގެ ލޮނުގަނޑުގައެވެ.

[ކަލެއަށް އެހީވާކަށް އެއްވެސް މީހަކު ނާންނާނެ. ކަލެއަށް އެނބުރި މީހުންގެ ތެރެޔަކަށް ނުވެސް ދެވޭނެ. ކަލޭ ޝިޔާންގެ ބޮލަށް ވަދެގެން އަހަރެންގެ ދިރިއުޅުމަށް ވިހަލާން އުޅުނުއިރު، ހިތަކަށް ނާރާދޯ...އަހަންނަކީ މިހާ ހުޝިޔާރު މީހަކަށްވާނޭ ކަމަކަށް.] އަނެއްކާވެސް އޭތި ވިއާމްގެ އަތުގައި ހިފެހެއްޓިއެވެ. ވިއާމް ތެޅިގަތެވެ. ދެންވެސް ވިއާމް މަސައްކަތްކުރީ އޭތީގެ ކިބައިން ސަލާމަތްވޭތޯއެވެ. ނަމަވެސް މިފަހަރު އޭތި ހިފަހައްޓާފައިވަނީ މާބާރަށެވެ.

ހަމަ އެވަގުތެވެ. ވިއާމްގެ ފޯންކޯލަށްފަހު ޝިޔާން އެހުރީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފައެވެ. ވިއާމް ސަލާމަތަށް އެދި ގޮވީ ވިލިނގިލީގެ ކޮން ދިމާއެއްގައި ހުރެފައިކަން ނޭނގުނަސް، އޭނާ ވަގުތުން ފުލުހުންނަށް ގުޅައިގެން އެކަން އެންގިއެވެ. ޝިޔާން ފޯނުކުރީމާ އެކޮޅުން އިވުނު އަޑުކޮޅުވެސް އޭނާގެ ފޯނުގައި ރެކޯޑްވެފައިވާތީ، އޭނާ އެ އޯޑިއޯކޮޅުވެސް ފުލުހުންނާ ޙަވާލުކުރިއެވެ.

ދުވަސްވަރަކީ މާލޭގެ އެތަން މިތަނުގައި މާރާމާރީ ޢާންމުވެފައިވާ ދުވަސްވަރަކަށް ވުމުން، ފުލުހުންވެސް ވަގުތުން ފިޔަވަޅު އެޅިއެވެ. ފުލުހުން ވިއާމް އުޅޭ ގެޔަށް ގޮސް މަޢުލޫމާތު ހޯދުމަށްފަހު ވިލިނގިއްޔަށް ގޮސް ވިއާމް ހޯދުމުގެ މަސައްކަތް ވަގުތުން ވަގުތަށް ފަށައިފިއެވެ. އޭރުވެސް ބިރުވެރި ސިފައިގައި ހުރި ޖިންނީގެ ކިބައިން ސަލާމަތްވާން ވިއާމް މަސައްކަތް ކުރަނީއެވެ.

[އާދޭސްކުރަން...އަހަރެން ސަލާމަތްކުރޭ. އަހަރެން ކަލެއަށް އެއްވެސް ގެއްލުމެއް ނުދޭނަން. އަހަންނަށް އަނިޔާނުކުރޭ.....] ވިއާމް ރޮއިރޮއިފައި އާދޭސްކުރަން ފެށިއެވެ. ނަމަވެސް، އެ ނާމާން ސިފައިގައި ހުރި ޖިންނީގެ ހިތުގައި ކުޑަވެސް ރަޙުމެއް ނުއުފެދެއެވެ.

[ކަލޭ ސަލާމަތުން ދޫކޮށްގެން އަހަންނަށް އަމާންކަމާއެކު އުޅެން ފަސޭހައެއް ނުވާނެ. ކަލޭ ކިތަންމެ އާދޭސް ކުރިޔަސް، ދޫކުރެވޭކަށް ނެތް. ކަލޭ މަރާލުން ނޫން އެހެން އެއްވެސް ގޮތެއް މިރެޔަކު ނެތް.] ޖިންނި އަނެއްކާވެސް ވިއާމްގެ އަތުގައި ހިފަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭތި ހިފުމުގެ ކުރިން ވިއާމް ދުއްވައިގެންފިއެވެ. މިފަހަރު ސަލާމަތަށް އެދި ގޮވަމުން އޭނާ ދުވަމުންދިޔައީ ވިލިނގިލީގައި މީހުން އުޅޭ ސަރަޙައްދާ ދިމާޔަށެވެ. ނަމަވެސް އޭނާ ދުވަމުން ދަނިކޮށް ކުއްލިއަކަށް އޭނާ ހުއްޓުވީ އޭނައާ ދާދި ގާތުން މީހަކު ހިފެހެއްޓުމުންނެވެ.

އޭރުވެސް ވިއާމް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ފުލުހުންނަށް ވިއާމްގެ ފުރާނަ ނެތް ހަށިގަނޑު ފެނުނީ ވިލިނގިލީ އަތިރިމަތީގެ ރާޅުޖަހާފަށުންނެވެ. އޭނާ މަރާލާފައި ވަނީ ވަރަށް ބޮޑެތި ޒަޚަމްތަކަކާ އެކުގައެވެ. ބަނޑުގެ އެތަން މިތަނަށް ތޫނު އެއްޗަކުން ޙަމަލާ ދީފައިވާއިރު، ކަރަށްވެސް ވަނީ ތޫނު އެއްޗަކުން ޙަމަލާދީފައެވެ.

ވިއާމްގެ މަރުގެ ޙާދިޘާވެސް ހިމެނިގެންދިޔައީ ފަހަކަށްއައިސް މާލޭގައި ހިނގަމުންދާ ނުރައްކާތެރި މާރާމާރީގެ ތެރޭގައެވެ. ވުމާއެކު އެ ޙާދިޘާއާ ގުޅުންހުރި މީހަކު ފެނޭތޯ ފުލުހުން މަސައްކަތް ކުރިއެވެ. ނަމަވެސް، އޭގެފަހުން މަހެއްހާ ދުވަސް ފާއިތުވެގެންދިޔައިރުވެސް އެޙާދިޘާއާ ގުޅުންހުރި އެއްވެސް މީހަކު ހޯދިފައެއް ނުވެއެވެ.

ވިއާމްގެ މަރުގެ ޙާދިޘާއަށްފަހު، ދެރަވެ މާޔޫސްވެފައި ހުރި ޝިޔާނަށް ތާރާގެ މަތިން ހަނދާންވެ ހޮސްޕިޓަލަށް އޭނާ ދިޔައީ އޭގެ މަހެއްހާ ދުވަސް ފަހުންނެވެ. އޭނާ ފުރަތަމަވެސް ދިޔައީ މާބަނޑު މީހުންގެ ވޯޑަށެވެ. ނަމަވެސް އެތާކު ތާރާއެއް ނެތެވެ. ދެން އޭނާ ގުޅީ ތާރާގެ މޯބައިލަށެވެ. އެފޯނު އޮތީ އޮފްކޮށްލާފައެވެ. އެހާ ހިސާބުން އޭނާ ކުރިޔަށްވުރެންވެސް މާޔޫސްވެއްޖެއެވެ.

[އަނެއްކާ ތާރާ ކޮބައިބާ؟ އަރުފާންގެ ފޯނަށް ގުޅަންވީކަންނޭނގެ....] ޝިޔާން ހޮސްޕިޓަލް ތެރޭގައި ހުރެ އަރުފާންގެ ފޯނަށް ގުޅިއެވެ. އެފޯނުންވެސް ޖަވާބެއްނުދެއެވެ. ދެން އޭނާ ދިޔައީ ގެޔަށްދާށެވެ. ނަޞީބުވެރި އިއްތިފާޤެއްކަންނޭނގެއެވެ. އޭނާޔަށް އެހިސާބުގައި ހުރި ބޭސް ފިހާރަޔަކަށް އަރުފާން ވަންތަން ފެނުނެވެ. އޭނާ ލިބުނު ހިތްހަމަޖެހުމާއެކު އެދިމާޔަށް ހިނގައިގެންފިއެވެ. ނިކަން ބާރަށެވެ.

ނަމަވެސް އެހާ ބާރަށް ހިނގާފައި ގޮސް ވަންއިރުވެސް އެތާކު އަރުފާނެއް ނެތެވެ.

[މިތަނަށް ދެންމެ ވަނެއްނު، ރަތް ޓީޝާޓެއް ލައިގެން ހުރި ޒުވާނެއް....އޭނާ ކޮބައިތަ!؟] ޙައިރާންވެފައި ހުރެ ޝިޔާން އެއްސެވެ.

[އޭނާ ގަންނަން އައި ބޭސް މިތަނުން ނުލިބުނީމާ ވަގުތުން ނިކުމެއްޖެ...ދިމައެއްނުވޭތަ؟] އެ ބޭސްފިހާރައިގައި ހުރި އަންހެން ކުއްޖާގެ ޖަވާބާއެކު ޝިޔާން އެތަނުން ނިކުތެވެ.

މިފަހަރު އޭނާޔަށް ފެނުނީ އޭގެ ވިއްސަކަށް ފޫޓް ދުރުގައި ހުރި ސައިހޮޓަލަކަށް އަރުފާން ވަންތަނެވެ. އޭނާ ޝިޔާނާ ދިމާއަށް ބަލައިވެސްނުލައެވެ. ޝިޔާން ނިކަން ހަލުވި ހިނގުމެއްގައި ގޮސް ހޮޓަލުގެ އެތެރެއަށް ބޯދިއްކޮށްލިއެވެ. ރަތް ޓީޝާޓް ލައިގެން ތިބި ކިތަންމެ މީހުންނެއް އެތާނގައި ސައިބޯން ތިއްބެވެ. ނަމަވެސް އެތާކު އަރުފާނެއް ނެތެވެ. ވުމާއެކު މާޔޫސްކަމާއެކު ދެއަތަށް ބޯހޫރާލައިގެން އޭނާ އެތަނުން ނިކުމެއްޖެއެވެ.

ދެން އޭނާ ޤަޞްދުކުރީ އެސަރަޙައްދުގައި އިރުގަނޑެއް ވަންދެން މަޑުކޮށްލާށެވެ. އޭރުން ކޮންމެވެސް ގޮތަކުން ތާރާގެ މަންމައާވެސް ދިމާވެދާނެ ކަމަށް ވިސްނާފައެވެ. އެކަމަކު އެތާނގައި ހުންނަތާ ބައިގަޑިއެއްހާއިރު ފަހުން ދެންވެސް އޭނާއަށް ފެނުނީ އަރުފާން ހޮސްޕިޓަލް ދޮރުމަތީގައި އޮތް ޓެކްސީއަކަށް އެރި ތަނެވެ. ޝިޔާން އަތް ހޫރިކަމުގައި ވިޔަސް ކާރު ޑްރައިވަރަށް ހިލަންނުވިއެވެ. އެކާރު ނުހަނު ބާރު ސްޕީޑްގައި އޭނާ ހުރަސްކޮށް ދިޔައީއެވެ.

[ޔަޤީން...ތާރާ އަދި ހޮސްޕިޓަލްގައި އެބައޮތް. ހޮސްޕިޓަލުން މަޢުލޫމާތު ހޯދާނީ.] މިހެން ހިތަށްއެރުމާއެކު އޭނާ އަނެއްކާވެސް ހޮސްޕިޓަލަށް ވަދެއްޖެއެވެ.

އޭނާ ކިތަންމެ ބާރަށް ވަނަސް ތާރާއާ ބެހޭ މަޢުލޫމާތު ނޭނގޭ ކަމަށްވާނަމަ، ހޮސްޕިޓަލްގައި މަޢުލޫމާތުދޭން ތިބޭ ބަޔަކަށްވެސް މަޢުލޫމާތު ދޭކަށް ފަސޭހައެއް ނުވާނެއެވެ.

ވީވެސް އެހެންނެވެ. ޝިޔާނަކަށް އެކަމެއް ނުވިއެވެ. އޭގެފަހުން މާޔޫސްވެގެން އޭނާއަށް ޖެހުނީ އެނބުރި ގެޔަށްދާށެވެ.

އޭނާ އެންމެ ކަންބޮޑުވަނީ ތާރާގެ ފޯނު އޮފްކޮށްފައިވާއިރު، އަރުފާންގެ ފޯނުން އެއްވެސް ޖަވާބެއް ނުދޭތީއެވެ. އެދުވަހު އޭނާ އެނބުރި ގެޔަށްދިޔައީ ހަވީރު ބަލިމީހުންނަށް ޒިޔާރަތްކުރާ ގަޑީގައި ހޮސްޕިޓަލްގެ ހުރިހާ ދިމާޔަކަށް ދާން ނިންމައިގެން ހުރެއެވެ.

[ދަރިފުޅާ ޝިޔާން...ދަރިފުޅު ހާދަ ބޮޑު ފިކުރެއްގައި ހުންނަހެން ހީވެޔޭ. އަނެއްކާ ކިހިނެއްވީތަ...އަދިވެސް ވިއާމްގެ ކަންތަކާ މާބޮޑަށް ވިސްނެނީތަ؟ ޤައުމު މިޙާލަތުގައި އޮތްއިރު، ދަންވަރު މަގުމައްޗަށް ނިކުމެ ނޫޅޭތި.] ޝިޔާން ގެޔަށް އައިސް ވަނީމާ ޝަކީބާ ވާހަކަ ދެއްކިއެވެ.

[މަންމާ...މާލެތެރޭގައި ކިތަންމެވަރަކަށް މާރާމާރީ ހިންގިޔަސް، އަހަންނާ ބެހޭ މީހަކު ނުވާނެ. އަހަންނަކީ އެއްވެސް މީހަކަށް އުނދަގޫކުރާ މީހެއް ނޫން.] ޝިޔާން މަންމަ ގާތުގައި އިށީނެވެ. އޭރު އޭނާގެ ދޮންތަގެ ދެކުދިން ކަމުގައިވާ މާލާއާއި މާލް ކުޅެން ތިއްބެވެ.

[އެކަމަކުވެސް މަންމައަކަށް ނުފެނޭ، ރޭގަނޑު ނުވައެއްގެ ފަހުން އެއްގޮތަކަށްވެސް ބޭރުތެރޭގައި އުޅޭކަށް. ދަރިފުޅުގެ ދޮންތަބޭވެސް ރޭގައި އެވާހަކަ ދެއްކި.] ޝަކީބާ ޝިޔާންގެ ބޮލުގައި އަތް ކާއްތާލިއެވެ.

[އެންމެ ރަނގަޅު...އަހަންނެއް ބޭރަކަށް ނުދާނަން. އެކަމަކު މަންމާ...އަހަރެން ވާހަކައެއް އަހާލަންތަ؟] ޝިޔާން ބޭނުންވަނީ މަންމަ ގާތުން ތާރާއާބެހޭ މަޢުލޫމާތު ހޯދާށެވެ.

[އަހާބަލަ....]

[އަހަރެމެންގެ ގޭ ކުރިމަތީގައި ހުރެއެއްނޫންތަދޯ ޞަފޫރާއްތަމެންގެ. އެގޭ ތާރާއަކީ ކޮންކަހަލަ މީހެއްތަ؟] ޝިޔާން އެއްސެވެ.

[ތާރާއޭ! އެއީ ވަރަށް ރަނގަޅު ގެވެހި ކުއްޖެއް. އެކަމަކު މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން އެމަންޖެއަށް ޖިންނި ކަންތައްގަނޑެއް ލައިގަތީ. އެމަންޖެގެ ފިރިމީހާ ހައްޔަރު ކުރުމަށްފަހު، އޭނާގެ ސިފައިގައި ޖިންނިވެސް އެގޭގައި އުޅެފައިވޭ. މިހާރު ފަންޑިތަ ހަދައި އެކަށްވަނީ ސަލާމަތްވެފައި. ދަރިފުޅު ތާރާގެ ވާހަކަ ތިޔަ އެހީ ކީއްވެ؟] ތާރާއާބެހޭ މަޢުލޫމާތު ދިނުމަށްފަހު މަންމަ އެއްސެވެ.

[ރަށުގައި އުޅުނު ދުވަސްކޮޅު އަހަންނާ ވަރަށް ރައްޓެހިކަން އޮވޭ. މިހާރު އޭނާ ބަނޑުވެސް ބޮޑު. ބަލިވެގެން މިތާ ހޮސްޕިޓަލްގައި ބާއްވާފައި އޮތީވެސް. އޭނާގެ މަންމަވެސް އައިސް އެބައުޅޭ.] ޝިޔާން ބޭނުންވާވަރަށް މަޢުލޫމާތު ލިބުމުން އުފާވެފައި ހުރެ ޝިޔާން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

އޭނާ ހަވީރު ހޮސްޕިޓަލަށް ގޮސް ވަރަށް ގިނައިރު ވަންދެން ހޯދިއެވެ. ތާރާ ފެނޭތޯއެވެ. ތާރާ ނުފެނުނުތާ، ތާރާއާ ގުޅުންހުރި މީހަކުވެސް އޭނާއަކަށް ނުފެނުނެވެ. ތާރާގެ ރަޙްމަތްތެރިޔާ ޝަހްލާއާއި އޭނާގެ ފިރިމީހާ ނަވާޒް ހޮސްޕިޓަލަށް ވަދެގެން އަންނަތަން ޝިޔާނަށް ފެނުނީ، އޭނާ ނާއުންމީދުވެގެން ދާން ހިނގައިގަތްތަނާހެނެވެ.

[ޝަހްލާ...ތާރާ އޮތީ ކޮންތާކު...ތާރާ ހޯދާހޯދާ އަހަރެން ވަރުބަލިވެއްޖެ.] ޝިޔާން ޝަހްލާ ހުއްޓުވިއެވެ.

[އަހަންނަކަށްވެސް ނޭނގެ، ސީދާ އޭނާ އޮތް ތަނެއް. އަހަރެމެން މާލެ އައީވެސް މިއަދު. އެއްޗެހި ކޮޓަރިއަށް ވައްދާލާފައި ތާރާއާ ބައްދަލުކުރަން މިއައީ.] ޝަހްލާ ބުންޏެވެ. އަނެއްކާވެސް ޝިޔާން މާޔޫސްވިއެވެ.

[ކިހާދެރަ...އިއްޔެގައިވެސް މިތަނަށް އައިސް އަހަންނަކަށް ތާރާއެއް ނުފެނުނު. އެކަމަކު އަރުފާން ބޭސް ފިހާރަޔަކަށް ވަންތަން ފެނުނު. އޭނާއާ ދިމާކުރަން އެބޭސްފިހާރަޔަށް ވަންއިރު އޭނާ ނިކުމެއްޖެ.] ޝިޔާން ބޯހޫރާލިއެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން