އެމްޓީސީސީގެ ޓެކްނިކަލް ވަޒީފާތަކަށް ދިވެހިން ތަމްރީން ކުރުމަށް ބާއްވާ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގެ މި އަހަރުގެ ފުރަތަމަ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އެމްޓީސީސީން ހުޅުވާލައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މިހަފުތާ ތެރޭގައި 140 ވަޒީފާގެ ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުޅުވާލި މި ފުރުސަތުގައި ބަސް ޑްރައިވަރުންނާއި، އެކްސްކަވޭޓަރު އޮޕަރޭޓަރުންނާއި ކްރޭން އޮޕަރޭޓަރުންނާއި، ލޯޑާ އޮޕަރޭޓަރުންނާއި، ސައިޓް ސުޕަވައިޒަރުންނާއި، ވެލްޑަރުންނާއި މެެރިން މެކޭނިކް އަދި ޓަކް މެކޭނިކުންނާއި ޓިންކަރުން ތަމްރީން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ތިން މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަށް ހޮވޭ ކުދިންނަށް 5،000ރ.ގެ އެލަވެންސެއް ދޭގޮތަށް ނިއްމާފައިވާ ކަމަށެވެ. މިތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދާނީ ސައިޓްތަކުގައިކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މި ޕްރޮގްރާމުން ފާސްވާ މީހުންނަށް ވަގުތުން ވަޒީފާގެ ފުރުސަތު އެމްޓީސީސީން ހަމަޖެހިގެންދާނެ ކަމަށެވެ. އެގޮތުން ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންނަށް 10000 އާއި 25000 ރުފިޔާއާއި ދެމެދުގެ މުސާރަ ލިބޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް އޯޕަންޑޭ ތިން ތަނެއްގައި ބޭއްވުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ. އެއީ ހދ. ކުޅުދުއްފުށްޓާއި ލ. ފޮނަދޫގެ އިތުރުން މާލޭގައެވެ.

އެގޮތުން ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ކުޅުދުއްފުށީގައި، ފަސް ވަނަ ދުވަހު މާލޭގައި އަދި ހަ ވަނަ ދުވަހު ފޮނަދޫގައި މި ޕްރޮގްރާމްގެ އޯޕަންޑޭ ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ. މި އޯޕަންޑޭގައިވެސް ވަޒީފާތަކަށް ކުރިމަތިލެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީގައި މިހާރު 3200 އެއްހާ މުވައްޒަފުން މަސައްކަތް ކުރެއެެވެ. އޭގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ 38 މުވައްޒަފަކުވެސް ހިމެނޭ ކަން ފާހަަގަކޮށްލެވެއެވެ.

އެމްޓީސީސީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދަކަށް ޕްރޮޖެކްޓްތައް ހިންގާ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏެެވެ.



ކިޔުންތެރިންގެ ހިޔާލު