ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ޝަރީއަތުގެ އަޑުއެހުންތައް އަވަސްކުރަން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ސަރުކާރުގެ ނުފޫޒު އޮވެގެންކަމަށް އިދިކޮޅު، ޕީޕީއެމުން ތުހުމަތުކޮށްފިއެވެ.

ޕީޕީއެމުން މިހެން ބުނެފައި މިވަނީ ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް ހިނގަމުންދާ އާރަށް މައްސަލައާއި ފުއްގިރީގެ މައްސަލައިގެ އަޑުއެހުންތަކުގެ ޝެޑިއުލަށް ކޯޓުން ބަދަލު ގެނެސްފައިވާކަމަށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މި ދެ ރަށުގެ މައްސަލައިގެ ހުކުމް ކުރުންވެސް ޖޫންމަހަށް އަވަސްކޮށްފައިވާކަމަށް ރައީސް ޔާމިންގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅޭގޮތުން ޕީޕީއެމުން ނެރުނު ބަޔާނުގައި ވަނީ ސަރުކާރާއި އެމްޑީޕީން ޝަރުޢީ ނިޒާމަށް އަތްބާނައި ރައީސް ޔާމީނަށް ޙުކުމް ކުރުން އަވަސް ކުރުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

"ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ސަރުކާރާއި އެމް.ޑީޕީ ގުޅިގެން އުފައްދާފައިވާ ދެ ދައުވާގެ ޙުކުމް ކުރުމަށް ކްރިމިނަލް ކޯޓުން އެކުލަވާލާ ޢާންމުކޮށްފައިވާ ތާރީޚް އަވަސް ކުރުމަށް ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަން." ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

ޕީޕީއެމްއިން ބުނީ ދެފަރާތެއްގެ ދެމެދުގައި ހިނގަމުންދާ މައްސަލައެއް ކުރިއަށްގެނދިއުމަށް އެކުލަވާލެވޭ ތާރީޚްތަކަށް، އެ ދެފަރާތާއި މަޝްވަރާ ކުރުމެއް ނެތި ބަދަލު ގެނައުމަކީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނާއި މުޅިން ޚިލާފު ކަމެއްކަމަށެވެ. އަދި މިހާރު އޮތް ގޮތުން ކުރިއަށް އޮތް 3މަހެއްހާ ދުވަހު ކޮންމެ ދެދުވަހަކުން އެއްދުވަހަކުހެން ކަހަލަ ގޮތަކަށް ރައީސް ޔާމީން ހޭދަ ކުރައްވަން ޖެހިވަޑައިގަންނަވާނީ މިމައްސަލައިގެ އަޑު އެހުންތަކުގައި ކޯޓުގައިކަންވެސް ޕީޕީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޕީޕީއެމުން ބުނީ މިކަމަކީ ކަނޑައެޅިގެން ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ ނުފޫޒު އޮވެގެން ގެނެސްފައިވާ ބަދަލެއްކަމަށެވެ.

"ދާދި ފަހުން ސަރުކާރުގެ ވަޒީރުންނާއި މަޖިލީސް މެންބަރުންގެ އިތުރުން، ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި އެމް.ޑީޕީގެ އެކްޓިވިސްޓުން ސިޔާސީ ޕޯޑިއަމްތަކާއި ސޯޝަލް މީޑިއާގެ އިތުރުން ތަފާތު ފޯރަމް ތަކުގައި ވެސް ރައީސް ޔާމީން ހުންނަވަންޖެހޭނީ ޖަލުގައި ކަމަށާއި، ވަރަށް އަވަހަށް ޖަލަށް ލާނެ ކަމަށާއި މީގެ އިތުރުންވެސް މިއަހަރުގެ ރަމަޟާން މަހުގެ ކުރިން ޖަލަށް ލާނެ ކަމަށް ބުނެ ވަރަށް ފާޅުކަން ބޮޑުކޮށް ވާހަކަ ދައްކާ އެކަމަށް ބާރު އަޅާ މަސައްކަތް ކުރަމުން ދާކަންވެސް ވަނީ ހާމަވެފައެވެ." ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

ޕީޕީއެމުން ވަނީ ރައީސް ޔާމީންގެ މައްސަލަ ކުރިއަށް ގެންދިއުމަށް އެކުލަވާލި ތާވަލަށް ބޮޑު ބަދަލެއް ގެންނަން ޖެހުނު ސަބަބެއް ސާފުކޮށް އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއިބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.

ރައީސް ޔާމިންގެ މައްޗަށް ކޯޓުގައި އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް އަވަސްކޮށްފައިވާކަމަށް ރައީސް ޔާމިންގެ ވަކީލުން ވިދާޅުވާއިރު، ކްރިމިނަލް ކޯޓުން މިކަމާއި ގުޅޭގޮތުން ވަކި އެއްޗެެއް ވިދާޅެއްނުވެއެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އެކަމާއި ގުޅޭ ތަފްސީލްތައް ދެއްވާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު