އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދު ﷲ ޔާމީނާއި މިހާރުގެ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ މައްސަލަ ކޯޓުގައި ކުރިއަށް ގެންދާއިރު ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ އެމައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މިމައްސަލަ ކޮމިޓީއަށް ހުށަހަޅާފައިވަނީ ޕީޕީއެމްގެ ނާއިބު ރައިސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.

ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އަދުލުވެރިކަމާއި އިންސާފުވެރި ކަމާއެކު ޝަރީއަތްތައް ކުރެވެންޖެހޭއިރު، މިހާރު ފެނިގެން ދަނީ ސަރުކާރުން ކޯޓުތަކުގެ ތެރެއަށް އަތްބާނާ، ރައީސް ޔާމީންގެ ހައްގުތަކަށް އަރައިގަނެ ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބުނާ ހަމަހަމަކަމުގެ ހައްގު ނިގުޅައިގަންނަމުން ދާ މަންޒަރު ކަމަށެވެ.

އެހެންކަމުން މަހްލޫފްގެ މައްސަލަ ކުރިއަށް ނުގެެންގޮސް، ރައީސް ޔާމިންގެ މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވާ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބައްލަވައި ދެއްވުން އެދި މަޖިލީހުގެ ރައީސަށް ޝިޔާމް ފޮނުއްވި ސިޓީގައިވެއެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުވާ ކުރުމުގައި ތަފާތުކުރުންތައް ގެންގުޅޭކަމަށް ބުނެ އެމައްސަލަ ކޮމިޓީއަށް ހުށަހަޅާފައިވާއިރު، މަހްލޫފާގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ކޯވިޑާއި ގުޅިގެން ވަނީ ފަސްކޮށްފައެވެ. ނަމަވެސް ރައީސް ޔާމީންގެ މައްސަލައިގެ ތާވަލަށް ބަދަލު ގެނެސް، ހުކުމް އިއްވުން ވެސް އަވަސްކޮށްފައިވާ ކަމަށް ރައީސް ޔާމީން ގެ ވަކީލުން ވިދާޅުވެ އެވެ.



ކިޔުންތެރިންގެ ހިޔާލު