ރޭވިލޭރޭ
ރޭވިލޭރޭ
14 ވަނަ އެޕިސޯޑް

==========

ކައިވެނި ކުރެވުނީ ހަތެއް ޖެހިއިރެވެ. ކައިވެނީގެ އުފަލުގައި ބާއްވާ ޙަފްލާ ފެށުނީ، އޭގެ އެއްގަޑިއިރު ފަހުންނެވެ. ކައިވެންޏާ ކިތަންމެ ދެކޮޅު ކަމުގައިވިޔަސް، އަންނަ މެހްމާނުންނަށް މަރްޙަބާ ކިޔުމަށްޓަކައި ޒާހިދާއެކު ޒައިހާވެސް ހުއްޓެވެ. ޖެހި ބުދެއްހެން ގަނޑުވެފައެވެ. އޭނާ ހިނިތުންވުމުގެ އަސަރާއެކު، އެއްވެސް މީހެއްގެ މޫނަކަށް ބަލައެއްނުލައެވެ. އެކަން ޒާހިދުގެ ބައެއް ރައްޓެހިން ފާހަގަކުރިވެސްމެއެވެ.

[ޒާހިދު...ޒާހިދުގެ ވައިފް ހީވަނީ ހިތްހަމަނުޖެހިފައި ހުންނަހެން...އަނެއްކާ ނުގަބޫލު ކައިވެންޏެއްތަ؟] ޒާހިދުގެ އެންމެ ގާތް ރަޙްމަތްތެރިޔާ، އެހެން ނަމަވެސް، މި ކައިވެނީގެ އެއްވެސް ކަމެއް އެނގިފައި ނެތް ފުރްޤާން ޒާހިދުގެ ކަންފަތްދޮށުގައި އެއްސެވެ.

ޒާހިދު ބުނީ ތިކަމާ ބަޙުޘްކުރާނީ ފަހުން ކަމަށާއި، އިހަށް ކާއެއްޗިއްސަށް އިންޞާފް ކުރަން ދިޔުމަށެވެ. ޒާހިދުގެ އެހެން ރައްޓެއްސަކުވެސް އެމައްސަލަ ނެގިއެވެ. އޭނާ ގާތުވެސް ޒާހިދު ބުނީ ފުރްޤާން ގާތު ބުނިގޮތަށެވެ.

[ކަލޭ ކީއްކުރަންތަ؟ އަހަރެންގެ މައިންބަފައިންގެ ބޮލަށް ވަދެގެން އަހަންނާ އިނީ....ކަލެއަށް އަހަރެންގެ ފަރާތުން އެއްވެސް އުފަލެއް ނުލިބޭނެ.] ޒާހިދަށް އެކަނި އިވޭވަރަށް ޒައިހާ މަޑުމަޑުން ބުންޏެވެ. ޒާހިދު ހިނިތުންވެލިއެވެ. ހީވާކަހަލައެވެ. ޒައިހާ ކިތަންމެ އެއްޗެއް ކިޔަސް އޭނާއަށް ވަރިހަމައެވެ. މިހާރު ޒައިހާ ކިތަންމެ ގަދަ ދެއްކި ކަމުގައިވިޔަސް، މިހާރު ޒައިހާއަކީ ޒާހިދުގެ އަންބެކެވެ. މިހާރު އޭނާއަށް ޖެހޭނީ ޒާހިދުގެ އެދުންތަކަށް ބޯލަނބާށެވެ.

ކައިވެނި ޙަފްލާއަށް އައި މީހުންތައް ގޮސް ނިމުމާއެކު، ފުރަތަމަ ކޮޓަރިއަށް ވަނީ ޒައިހާއެވެ. ރޮމުންނެވެ. އޭރުވެސް ޒާހިދު ހުރީ ހިނިއައިސްފައެވެ. ލިބުނު ކާމިޔާބީގެ ހިތްހަމަޖެހުމާއެކުއެވެ.

އޭނާ ކޮޓަރިއަށް ވަނީ ޒައިހާ ކޮޓަރިއަށް ވަންތާ ބައިގަޑިއެއްހާއިރު ފަހުންނެވެ.

[ކަލޭ ކީއްކުރަންތަ މިތަނަށް ތިވަންނަނީ....މިތަނުން ނުކުމޭ....] ޒާހިދު ކޮޓަރިއަށް ވަދެ ތަޅުލުމުން، އެނދުމަތީ ރޮއިރޮއި އިން ޒައިހާ ހަޅޭއްލަވައިގަތެވެ. ނަމަވެސް، ޒާހިދުގެ ފަރުވާލެއް ނެތްކަހަލައެވެ. އޭނާ ގަމީހުގެ ގޮށްތައް ނައްޓަމުން އައިސް ޒައިހާ ގާތުގައި އިށީނެވެ.

[ހަމަޖެހިބަލަ....ޒައިހާ....ކައިވެނީގެ ފުރަތަމަރޭގެ އުފަލަކީ، ހާދަ އެހެންކަހަލަ އިޙްސާސެކޭ....އެ އުފާ ލިބިގަންނަން ތައްޔާރުވެބަލަ....] ޒައިހާ އެއިންގޮތަށް އަނގައިންވެސް ނުބުނެ އިނެވެ.

ޒާހިދު ފާޚާނާއަށް ވަދެފައި ދެތިން މިނެޓްވެސް ނުވެއެވެ.

އޭނާ ފާޚާނާއިން ނުކުމެއްޖެއެވެ. އެހިނދު ކުއްލިއަކަށް ޒައިހާގެ ނަޒަރުވެސް ޒާހިދަށް ސީދާވިއެވެ. އެއާއެކު، ޒައިހާގެ އިޙްސާސްތައް ބަދަލުވީކަންނޭނގެއެވެ. އޭނާ އިސްޖަހާލުމަށްފަހު އެނދުގައި އޮށޯވެލައިފިއެވެ. ޒާހިދު އައިގޮތަށް އައިސް، ޒައިހާއާ ދިމާއަށް ގުދުވެލައިފިއެވެ. އޭރު ޒައިހާއަށް ބެލެނީ ޒާހިދުގެ ހަށިގަނޑަށެވެ. އިސާހިތަކު ޒާހިދު ގެނައި ކުޑަކުޑަ ޙަރަކާތަކާއެކު، ޒައިހާގެ ރުޅިވެރިކަމާއި ލަދުވެތިކަން ހިނގައްޖެއެވެ. މަޑުމަޑުން ޒައިހާގެ ދެއަތް ޒާހިދު ވަށާލީ ބޭއިޚްތިޔާރުގައެވެ.

[ކާކުތީ...ބީކާލްދޯތީ....އަހަންނަށް އިޙްސާސް މިކުރެވެނީ އަހަރެންގެ ލޯބިވާ ބީކާލްގެ ބީހުންތައް...] މަސްތީ އިޙްސާސާއެކު ދެލޯ މަރައިގެން އޮވެ، ޒައިހާ ވާހަކަ ދެއްކިއެވެ. އޭރު ޒާހިދު، އާ ކައިވެނީގެ އުފާ ލިބިގަންނަނީއެވެ.

[އިޙްސާސް ކުރެވެނީ، ބީކާލްގެ ބީހުންތައް ކަމުގައިނަމަ....ޔަޤީންކޮށްލާ....] ޒާހިދު ކުރިއަށްވުރެންވެސް ބާރަށް ޒައިހާގެ ހަށިގަނޑުގައި ބައްދާލިއެވެ.

އެހިނދު ޒައިހާގެ ހަނދާނަށް އަންނަމުން ދިޔައީ، މާސިންގާ ފަޅު ރަށެއްގައި، ބޮޑު ހަވޭލީއެއްގައި ބީކާލާއެކު ހޭދަކުރި އުފާވެރި ވަގުތުތަކެވެ.

މިހާރުވެސް އޭނާއަށް ކުރެވެމުން އެދަނީ، އެ އިޙްސާސްތަކެވެ. އެ ބީހުންތަކެވެ.

[ތީ ބީކާލްދޯ؟] އުފަލާއި އަރާމުގެ ވަގުތުތަކަށްފަހު، ޒައިހާ ޒާހިދާ ހަތަރުކަޅިހަމަކޮށްލަމުން އެއްސެވެ.

[އާނ...ލޯބީ...އުފާކުރޭ. ދުވަހަކުވެސް އަހަރެމެން ވަތްކެއް ނުކުރެވޭނެ....] އެއާއެކު، ޒައިހާގެ ކުރިމަތީގައި، ޒާހިދުގެ ސިފަ އެ ބަދަލުވީ، ޒައިހާ އެންމެ ލޯބިވާ ބީކާލްގެ ސިފައަށެވެ. ލިބުނު އުފަލާއެކު، ޒައިހާ ފުންމައިގެން ތެދުވެ، ބީކާލްގެ ހަށިގަނޑުގައި އޮޅުލައިގެންފިއެވެ.

[އަހަރެންގެ ދަރިފުޅު ކޮބާ؟] ޒައިހާ އުފަލުން ހީވަނީ މޮޔަވެސްވެދާނެހެންނެވެ. އެހިނދު ހަމަ ކުއްލިއަކަށް ޒައިހާއާ ދާދި ގާތުން އެފާޅުވީ، ކުޑަކުޑަ ކުއްޖެކެވެ. އެއީ ހިސާބަކަށް ބިރުވެރި ޒާތަކަށް ހުރި އަންހެން ކުއްޖެކެވެ. ނަމަވެސް، ޒައިހާ ކުޑަކޮށްވެސް ބިރެއްނުގަނެއެވެ. އޭނާ ގުދުވެ، ދަރިފުޅު އުރާލާ ލޯބިކޮށްލިއެވެ. މައެއްގެ މައިވަންތަ ލޯތްބަށް ފެންބޮވައިގެންފައިވާ އެ ތުއްތު ކުއްޖާ، މަންމަގެ ކަރުގައި އެލިގަތް މަންޒަރު ބަލަން، އުފާވެރި ހިނިތުންވުމަކާއެކު ބީކާލް ނުވަތަ ޒާހިދު ހުއްޓެވެ.

[ޒާހިދު....ނޫން.....ބީކާލް، އަޅެ މިގޭގައި އަހަރެމެން ގާތު މި މަންޖެ ގެންގުޅެވިދާނެތަ؟] ޒައިހާ ދަރިފުޅު އުރާލައިގެން އެއްސެވެ.

[އާނ ގެންގުޅެވިދާނެ. ޒައިހާ ތިގޮތަށް މަންމަމެންގެ ކުރިމަތީގައި އަހަންނަށް ބީކާލްގެ ނަމުން މުޚާޠަބު ނުކުރައްޗޭ.] ބީކާލް ބުންޏެވެ. މިހެން ބުނެފައި، ބީކާލް ޒައިހާގެ ކޮނޑުމަތީގައި އޮތް ދަރިފުޅު އުރާލިއެވެ.

[ކިހިނެއްތަ މިގޭގައި މިމަންޖެ ގެންގުޅޭނީ. އަހަރެން ބޭނުމީ އަބަދުވެސް އަހަންނަށް ފެންނަފަށުގައި ތިމަންޖެވުމަށް.] ޒައިހާ ހިތްހަމަޖެހުމުގެ ނޭވާއެއްލިއެވެ. އެއާއެކު، މިމަންޖެއަށް ދާއިމަށް މިގޭގައި އުޅެވޭނެއޭ ބުނެ، އޭނާގެ އަތުން ވަރުގަދަ އައްޔެއް ދަރިފުޅުގެ ލޮލާ ދިމާއަށް ފޮނުވާލިއެވެ.

އެއާއެކު އެކުއްޖާ އެބަދަލުވީ، ސާފު ހުދުކުލައިގެ ބޮޑު ބުޅަލަކަށެވެ. ބޮޑަށް ވައްތަރުވަނީ، ބޭރުން ގެނެސް މީސްމީހުން ގެންގުޅޭ ފާޑުގެ ބުޅަލަކާއެވެ.

[މިހާރު އަބަދުވެސް ގެންގުޅެވޭނެއެއްނު.] ބުޅަލުގެ ސިފައިގައިވާ އެމީހުންގެ ދަރިފުޅުގެ ކެހެރިގަނޑުގައި އަތް ހިންގާލަމުން ޒާހިދު ނުވަތަ ބީކާލް ބުންޏެވެ.

[މަންމަމެންނަށް ޝައްކެއްނުވާނެތަ؟] ޒައިހާ ވިސްނާލިއެވެ.

[އަހަރެން ހުރިހާ ހިއްމިއެއް ބައްދާލާނަން. އެވެރިންނަށް ޝައްކެއްނުވާނެ.] ޒާހިދު ޒިންމާ ނެގިއެވެ. އޭނާގެ އަތުތެރޭގައި އޮތް ބުޅާ ނުވަތަ ހަންޑި ކުއްޖާ ކޮޓަރިތެރެއަށް ދޫކޮށްލައިފިއެވެ. އެއާއެކު، އެބުޅާ ގޮސް ޒާހިދު ސިފައިގައި ހުރި ބީކާލްގެ އުނގަށް އެރިއެވެ. ޒާހިދު ބުޅަލުގެ ބުރަކަށީގައި އަތް ހިންގާލުމާއެކު، ބުޅާ ލޯތަކަށް ކަޝްފުވެއްޖެއެވެ.

[ކީއްވެ އެމަންޖެ ފޮނުވާލީ] ޒައިހާ ޒާހިދާ ދިމާއަށް ބަލަންހުރެ އެއްސެވެ. ޒާހިދު ބުނީ އެއީ އެވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށާއި، އޭނާއަށް ގެއްލުމެއް ނުލިބޭނޭ ކަމަށެވެ. އަދި އޭނާއަށް އެކަނި އުޅެންވެސް އެނގޭނެ ކަމަށް ޒާހިދު ބުންޏެވެ.

ދުވަސްތައް ބަދަލުވެއްޖެއެވެ. ޒައިހާގެ މައިންބަފައިން ހީވެސްނުކުރާފަދަ ހެޔޮ ބަދަލުތަކަކާ އެކުގައެވެ. ހެނދުނު ޒައިހާގެ ދެމަފިރިންނަށް ނާސްތާ ތައްޔާރުކޮށްގެން، އެމީހުން ޒައިހާމެންގެ އިންތިޒާރުގައި ތިބީ، ހިތުގައި ސުވާލު އުފެދިފައިވާ ހާލުގައެވެ. ޒައިހާ ކަންތައް ކޮށްފާނޭ ގޮތަކާ ދޭތެރޭ ވިސްނެނީއެވެ. ގޮތްދޫނުކުރުމަކީ ޒައިހާގެ ކިބައިން އެވެރިންނަށް ފާހަގަކުރެވިފައިވާ ވަރަށްބޮޑު އުނި ސިފައެކެވެ. ވުމާއެކުވެސްމެއެވެ. އެންމެންގެ ވިސްނުންވެސްވަނީ އެކަމާ ދޭތެރޭގައެވެ.

[ރޭގައި ކަންތައްވީ ގޮތެއްވެސް ނޭނގެ. އޭނަ ޒާހިދުގެ ކުރިމަތީގައި ޒުވާބުކޮށްފާނެތީ، އަހަރެން ބޮޑަށް ޖެހިލުންވަނީ.] ބަދުރިއްޔާ ވާހަކަ ދެއްކީ ޙުސްނީއާއެވެ. ނަމަވެސް، ޙުސްނީއަކަށް އެއަޑު އިވުނުހެނެއް ހިއެއްނުވެއެވެ. އެއީ ފަހަކަށްއައިސް ޙުސްނީގެ އާދައެކެވެ. އޭނާ ގިނަވަގުތު ހުންނަތަން ފެންނަނީ ގަނޑުވެފައެވެ. ހީވާކަހަލައެވެ. އެއީ މިހާރު ކޮންމެވެސް ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ މީހެކެވެ.

[ޙުސްނީ މިހާރަކަށްއައިސް ކިހިނެއްވެފައިތަ ތިހުންނަނީ....އަނެއްކާ ބަލީތަ؟] ބަދުރިއްޔާ ޙުސްނީ ގާތަށް ޖެހިލިއެވެ. ޙުސްނީ ބަދުރިއްޔާގެ މޫނަށް ބަލައިލިއެވެ.

[އަބަދުވެސް އަހަރެންގެ މޭގައި ރިހުން ހުރެއެއްނު. އެރިހުން މިހާރު ތަންކޮޅެއް ގަދަހެން ހީވަނީ....އެހެން ހުރެފައި ރަނގަޅު ވެދާނެކަންނޭނގެ.] ޙުސްނީ މަޑުމަޑުން މޭގައި އަތް ކާއްތާލިއެވެ.

[ހުސްނީ ތިޔަކަހަލަ ކަންތަކަކީ ފަރުވާކުޑަކުރަންވާކަހަލަ ކަންތައްތަކެއް ނޫން. ޙުސްނީވާނެ މިއަދު ޑޮކްޓަރަށް ދައްކަން...] ޙުސްނީ ދެއްކި ވާހަކަ އަޑުއަހަން ހުރެފައި މަނިކު ބުންޏެވެ.

[މަނިކު...މިއީ އެއްވެސް ކަމެއް ނޫން. މިއީ އަބަދުވެސް ހުންނަ ރިހުމެއް. މިހާރުވެސް ދެއަހަރެއް ދުވަސް ވެދާނެ، މިގޮތަކަށް ރިހުން ހުންނަތާ. އަހަރެން އަޅައެއްނުލަން. ބޮޑުވަރަކަށް ޕެނަޑޯލް ގުޅައެއް ކާލަނީ....] ޙުސްނީ ބުންޏެވެ.

ނަމަވެސް، މަނިކު ބުނީ މިފަހަރު ޑޮކްޓަރަށް ދައްކަންޖެހޭނެ ކަމަށާއި، އޭނާ އެކަން އެބަ ހަމަޖައްސާ ކަމަށެވެ. ވުމާއެކު، އެހެންފަހަރުތަކާ ޚިލާފަށް މިހާރު ރިހުންވެސް މާބޮޑަށް ހުންނާތީ، އޭނާ އެކަމަށް އެއްބަސްވިއެވެ.

އެވަގުތު ޒައިހާއާއި ޒާހިދު އެކުއެކީގައި އައިސް ކާގެއަށް ވަދެއްޖެއެވެ. ދެމަފިރިންގެ މޫނުމަތިންވެސް ފާޅުވަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ.

[ދަރިފުޅުމެންގެ އިންތިޒާރުގައި މަންމަމެން މިހެން ތިބޭތާ މިހާރު ކޮންއިރެއް. އަވަހަށް އާދޭ ސައިބޯން....] ޒައިހާގެ ހަމަޖެހުން ފެނުމުން، ހިތްހަމަޖެހިފައި އިން ބަދުރިއްޔާ ބުންޏެވެ. ޙަޤީޤަތުގައި އެމީހުން އުންމީދުކުރި ވަރަށްވުރެ، މާ އަވަހަށް ޒައިހާ އެވަނީ ހަމަޖެހިފައެވެ. ނަމަވެސް، ޒައިހާ ޒާހިދުގެ މޫނަށް ބަލައެއްނުލައެވެ. އެއީ ޒާހިދު ލަފާދީފައިވާ ގޮތެވެ. ޒާހިދު ބުނެފައިވަނީ، ޒައިހާގެ މައިންބަފައިންގެ ކުރިމަތީގައި ކޮންމެވެސްވަރަކަށް ނުރުހުމުގެ އަސަރު ދައްކަންވާނޭ ކަމަށެވެ. އެއީ މަންމަމެންނަށް ޝައްކުވިޔަ ނުދިނުމަށްޓަކައެވެ.

[ދަރިފުޅާ ޒާހިދު، ޒާހިދު އަނެއްކާ ހިތްހަމަޖެހިފައިތަ ތިޔަހުރީ؟] މަނިކު ޒާހިދު ގާތަށްޖެހި، ޒާހިދުގެ ބުރަކަށީގައި ފިރުމާލިއެވެ.

[އާނ....ހިތްހަމަޖެހޭ....] ޒާހިދު ފުން ނޭވާއެއްލިއެވެ. އޭރު އިސްޖަހާލައިގެން ޒައިހާ އިނެވެ.

[މަންމާ...ބައްޕާ....އަހަރެންގެ ނުރުހުމުގައި ކައިވެނިވެސް ވެވިއްޖެ. އަހަރެން މަންމަމެން ކަންބޮޑުވާވަރުގެ އެއްވެސް ކަމެއް ނުކުރާނަން. މިބުނީ އަންބެއްގެ ވާޖިބު އަދާކުރުމުގައި، ސާބިތުކަމާއެކު ހުންނާނަމޭ.] ޒައިހާ ޒާހިދުގެ މޫނަށް ބަލައިލުމަށްފަހު އިސްޖަހާލިއެވެ. ޒާހިދު ހިނިތުންވެލިއެވެ.

[މަންމަމެން ވަރަށް އުފާވެއްޖެ. ދަރިފުޅުގެ ބަދަލުވުންތީ މަންމަމެންނަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެއް....] ބަދުރިއްޔާ އައިސް ދަރިފުޅުގެ ބުރަކަށީގައި ނުހަނު ލޯތްބާއެކު ފިރުމާލިއެވެ.

[އަހަރެންގެ ވިސްނުން މިބަދަލުކުރީވެސް، މަންމައާއި ބައްޕަގެ އުފާވެރިކަން ދާއިމްވުމަށް އެދޭތީ....ދެން އަބަދުވެސް އަހަރެން މަންމަމެންގެ ބަސް ޤަބޫލުކުރާނަން.] ޒައިހާ އަނެއްކާވެސް އިތުރަށް މަންމަމެންގެ ހިތްހަމަޖައްސާލަދިނެވެ.

ނާސްތާކޮށްލައިގެން، ބޭރަށް ޖެހިލާފައި އެބަ އަންނަމޭ ބުނެފައި ޒާހިދު ނުކުމެގެން ދިޔައީއެވެ. ކޮންމެވެސް ކަމެއް ހަނދާންވެގެން އުޅޭފަދަ ގޮތަކަށެވެ.

އޭނާ ދިޔުމާއެކު އެންމެން އައިސް ޒައިހާއަށް ތަޢުރީފްކޮށް، ކައިވެނީގައި ދެމިހުރުމަށް މަސައްކަތް ކުރުމަށް ވިސްނައިދިނެވެ.

މަންމަމެންގެ އުންމީދުތައް ފުރިހަމަ ކުރުމުގައި ސާބިތުކަމާއެކު ދެމިހުންނާނެ ކަމުގެ ޔަޤީންކަން ޒައިހާ އެވެރިންނަށް ދިނެވެ.

[ހާދަ ރީތި ބުޅަލެއް. ކޮންތާކުން ހޯދި އެއްޗެއް؟] ޒާހިދު ބުޅާ ހިފައިގެން ގެޔަށް ވަންއިރު ސިޓިންގރޫމްގައި އިން ބަދުރިއްޔާ އެއްސެވެ. ޖަވާބުގައި ފުރަތަމަ ޒާހިދު ހިނިތުންވެލިއެވެ.

[މަޖީދީ މަގުގައި ހުރި ގެއެއްގެ ދޮރާށި ކައިރީގައި [ބޭރު ދޮންބުޅާ ވިއްކާ] ޖަހާފައި އޮތީމާ، ހިތަށްއެރީ، ގޮތް ބަލައިލަން ގަންނާނީއޭ. އަބަދުވެސް ޖަނަވާރު ގެންގުޅުމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަމެއް...] މަންމައާ ވާހަކަ ދައްކަމުން، ބުޅާ ހިފައިގެން ގޮސް ޒާހިދުވަނީ، އެމީހުންނަށް ޚާއްޞަ ކުރެވިފައިވާ ކޮޓަރިއަށެވެ. އޭރު ޒައިހާވެސް ކޮޓަރިތެރޭގައި ކޮންމެވެސް ކަމެއްގައި އަވަދިނެތި އުޅެއެވެ. އޭނާ ކޮޓަރިތެރެ ތަރުތީބު ކުރަނީއެވެ.

[ހާދައިރަކުން....ދަރިފުޅުތަ؟ ޒާހިދު ބުޅާ ކޮޓަރިތެރެއަށް ދޫކޮށްލުމާއެކު، ބުޅާ ގޮސް ޒައިހާގެ އަތުތެރެއަށް ވަނެވެ.

[އާނ....ރަނގަޅަށް ބަލާތި. ގަޑިން ގަޑިއަށް ނިންދަވަންވެސް ވާނެ.] ޒާހިދު އެނދުގައި އިށީނެވެ. ޒައިހާ ބުޅަލުގެ ކެހެރިގަނޑުގައި ބޮސްދެމުންދިޔައެވެ. ނުހަނު ލޯބިންނެވެ. ހިނިއައިސްފައި އެ މަންޒަރު ބަލަން ޒާހިދު އިނީ ހިތްހަމަޖެހިފައެވެ.

އޭރު މަނިކުވީ ބަދުރިއްޔާގެ ފިރިމީހާ ޙުސްނީ ގޮވައިގެން ޑޮކްޓަރަށް ދައްކަން ގޮހެވެ. ހޮސްޕިޓަލުން ގިނަ ޓެސްޓްތަކެއް ހަދަން ފެށުނެވެ. އޭނާ ބެލި ޑޮކްޓަރުން ބަލަމުން ދިޔައީ، އޭނާގެ ބައްޔަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައެވެ.

[ހުރިހާ ޓެސްޓްތަކެއްގެ ނަތީޖާ ލިބިގެން ނޫނީ، އެއްޗެއް ބުނާކަށް ނޭނގޭނެ. އަދި މިފެންނަގޮތުން ވަރަށް ސީރިއަސް މައްސަލަތަކެއް އެބަހުރި....ބޮޑަށް ލަފާކުރެވެނީ މޭގެ ކެންސަރު.....] ޑޮކްޓަރ ނާހިލް، މަނިކަށް އެކަނި އިވޭވަރަށް ބުންޏެވެ.

[ކެންސަރޭ!؟.....] މަނިކުގެ ދެލޯ ބޮޑުވިއެވެ. އެދުވަހު މަނިކު ގެޔަށް ގޮސްވެސް ޑޮކްޓަރ ލަފާކޮށްފައި ބުނި ބަލީގެ ވާހަކައެއް، ބަދުރިއްޔާމެން ގާތަކު ނުބުނެއެވެ. ބަދުރިއްޔާއާއި ޙުސްނީ ދެރަވާނެވަރު ހިތަށްއަރާފައެވެ.

[ޑޮކްޓަރު ބުނީ ކީކޭ!؟....] ބަދުރިއްޔާ ޙުސްނީ ވަނުމާއެކު، ޙުސްނީ ގާތު އެއްސެވެ. ޙުސްނީ ބުނީ ޑޮކްޓަރު އޭނާ ގާތު އެއްވެސް ވާހަކައެއް ނުބުނާ ކަމަށާއި، ޑޮކްޓަރު ވާހަކަ ދެއްކީ މަނިކާ ކަމަށެވެ. ޙުސްނީ އެހެން ބުނީމާ، ބަދުރިއްޔާއަށް ޖަވާބުދިނީ މަނިކެވެ.

[އަހަރެން ވަރަށް ދެރަވެސްވޭ މިވާހަކަ ބުނަން....އެކަމަކު މިއީ ސިއްރުކޮށްގެން ފުދޭނޭ ކަމެއް ނޫން....ޑޮކްޓަރު ބުނީ ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށްދާށޯ.....ޙުސްނީގެ ބަލި ބޮޑަށް ވައްތަރީ މޭގެ ކެންސަރާއޭ.....ވަރަށް އަވަހަށް ބޭރަށް ދިޔުމުގެ ކަންތައް އަހަރެން ހަމަޖައްސާނަން. ޙުސްނީ މާބޮޑަށް އެކަމާ ފިކުރުނުކުރާތި....ކެތްތެރިވާންވާނެ.] މަނިކު ކިޔައިދިނެވެ. ވަގުތުން ޙުސްނީގެ ލޮލުން ކަރުނަ ހިލުނެވެ. ބަދުރިއްޔާވެސް ފެންކަޅިވެއްޖެއެވެ. ޒައިހާވެސް ރޮއިގަންނަމުން ޙުސްނީގެ ހަށިގަނޑުގައި އޮޅުލައިގެންފިއެވެ.

[ނޫން...ބައްޕައަށް ކެންސަރެއް ނުޖެހޭނެ....] ޒައިހާ އޭނާގެ ޙަޤީޤީ ބައްޕަ ދެއްކި ވާހަކަ ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. އޭރު ޙުސްނީއަށާއި ބަދުރިއްޔާއަށްވެސް ރޮވެނީއެވެ.

އޭގެފަހުން އެދުވަސް ވެގެންދިޔައީ، އެގެއަށް އައި ކަރުނައިގެ ދުވަހަކަށެވެ. އެންމެނަށް ހިތްވަރުދޭން ތިބީ މަނިކާއި ޒާހިދެވެ. މަނިކު ރޭވީ، ވީހާވެސް އަވަހަކަށް ޙުސްނީ ގޮވައިގެން އިންޑިއަށް ދިޔުމަށެވެ.

[އިންޑިއާއަށް ދާން ބުނާއިރަށް ޙުސްނީ ވިސްނާކަށް ނުޖެހޭނެ. އަހަރެންގެ އަތުގައި ނުހުންނާނެ، ޒައިހާގެ ފައިސާއާއި މުދާ ނޫން އެއްޗެއް. އެމަންޖެގެ އަތުގައި މުދަލާއި ފައިސާ ހުރިއްޔާ، ޙުސްނީގެ އަތުގައިވެސް ހުރީއެއްނު.] މަނިކު ބަލައިލީ، އޭނާގެ ދަރިފުޅު ޒައިހާގެ މޫނަށެވެ.

[އަހަރެން މިހާރު ޓިކެޓްވެސް ނަގައިފިން. އިންޑިއާއަށް ދާނީ އަހަރެންނާއި ޙުސްނީއާއި ބަދުރިއްޔާ...ކައިވެނީގެ ކުރީކޮޅުވީމާ ޒާހިދާއި ޒައިހާ ނުގެންދަން އަހަރެން މިގަސްދުކުރަނީ....] މަނިކު ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު


13

ޒީށާ

31-May-2020

އަވަސް ކޮށް އަޕްލޯޑު ކުރާނަމަަދޯޯ 💘


-8

ނަހުލާ

30-May-2020

ކީއްވެ އިތުރުބައެއް ނެރެން މިހާ ދުވަސް ނަގަނީ...



ޓްރެންޑިން