ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭގޮތަށް ހިންގާ ގޭންގް ކުށްތައް ހުއްޓުވުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެކުލަވާލަން ނިންމައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ ތެރެއިން އެކުލަވާލާ މިހާއްސަ ޔުނިޓް ހަރަކާތްތެރިވާނީ މަގުމަތީގައި ރައްޔިތުންނަށް ފެންނަ ގޮތަށްކަމަށެވެ. އަދި އެކަމަށް ބޭނުންވާ ތަމްރީނާއި އާލާތްތަކާއެކު ވަރަށް އަވަހަށް އެމަސައްކަތް ފެށިގެންދާ ތަން ފެނިގެންދާނެކަމަށްވެސް މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ސީޕީ ވިދާޅުވިއެވެ.

ގޭންގު ކުށްތަކުގެ މައްސަލަ ރައްޖޭގައި ވަރަށް ބޮޑަށް ބޮޑުވެފައިވާއިރު ސީޕީ ހަމީދު ވިދާޅުވީ ފުލުހުން މިފަހަރު ފަށާ މަސައްކަތުގެ ނަތީޖާ ފެންނާނެކަމަށެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވަން މި މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ދަނީ އޮޕަރޭޝަނެއް ހިންގަމުންނެވެ.

ރާއްޖޭގައި ކުށް ކުރުން އިތުރުވެފައިވާއިރު، އެކަންކަން ހުއްޓުވުމަށް ގާނޫނުގެ ތެރެއިން އިސްލާހުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.

އަމާން ވެއްޓެއް ގާއިމްކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ މަރުކަޒުތަކާއި ޑެސްކުތަކުގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު