ލަންކާގައި ކިޔަވާ ދިވެހި ކުޑަކުދިންގެ ވީޒާ ފީ ނެގުން ހުއްޓާލަން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.

ރައީސް ސާލިހު، މިކަމަށް އެދިވަޑައިގަތީ ސްރީލަންކާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އާދަމް މަޒްނާވީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އެރުވުމަށް ބޭއްވެވި ރަސްމިޔާތުގައެވެ.

ލަންކާ އައު ސަފީރު ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ފަތްކޮޅު އެރުވުމަށްފަހު ލަންކާ އައު ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންކާއާއި ރާއްޖެއާ ދެމެދު އެކި ދާއިރާތަކުން އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އޭގެތެރޭގައި އިގްތިސާދު، ތައުލީމު އަދި ދަނޑުވެރިކަމުގެ ދާއިރާ ހިމެނެއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންކާގައި ކިޔަވަމުންދާ އުމުރުން 18 އަހަރުން ދަށުގެ ދަރިވަރުންގެ ވީޒާ ފީ ނެގުން ހުއްޓާލުމަކީ ސަރުކާރުގެ ވަރަށް ބޮޑު އެދުމެއްކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން ލަންކާގައި އުޅޭ ދިވެހި އާއިލާތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ކޯވިޑްގެ ހާލަތާއި ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ސާލިހު ވަނީ މިމަހުގެ 4 ވަނަ ދުވަހު ފާހަގަކުރާ ލަންކާގެ މިނިވަން ދުވަހުގެ ތަހުނިޔާވެސް އަރިސްކުރައްވާފައެވެ.

ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު