ކޮވިޑް ވެކްސިން ފުރިހަމަ ކުރުމުން، ކޮންޓެކްޓްވި ނަމަވެސް އަލާމާތެއް ނުފެންނަ ނަމަ ކަރަންޓީން ވާން ނުޖެހޭ ގޮތަށް ހަމަޖައްސައި އެޗްޕީއޭއިން އެކަން އިއުލާންކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް ވެކްސިން ފުރިހަމަ ވެފައިވާ ކަމަށް މިހާރު ބަލަނީ ވެކްސިންގެ ދެ ޑޯޒްގެ އިތުރުން ބޫސްޓާ ޑޯޒް ވެސް ޖެހުމުން ކަމަށެވެ. އެޗްޕީއޭއިން ބުނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ބެލެވޭނީ ހުރިހާ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސްވެފައިވާ ނަމަ ކަމަށެވެ. އަދި ދެ ވަނަ ޑޯޒް ޖަހައި، ހަ މަސް ފާއިތު ނުވާ ނަމަ ވެސް ވެކްސިން ފުރިހަމަ ވެފައިވާ ކަމަށް ބަލާނެކަމަށް އެޗްޕީއޭއިން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

އެޗްޕީއޭއިން އާންމުކުރި އުސޫލުގައި ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ކޮންޓެކްޓުވާ މީހުންގެ ތެރެއިން ވެކްސިންގެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންގެ ފަރާތުން ބަލީގެ އަލާމާތް ފެނުނު ނަމަވެސް، ޕީސީއާރު ނުވަތަ އެންޓިޖެން ޓެސްޓެއް ނެގެޓިވްވެއްޖެ ނަމަ ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް އަމަލު ކުރެވޭނީ ޕޮޒިޓިވް ވެފައިވާ މީހާއާ ވަކި ގެއެއްގައި އުޅޭނަމަ ކަމަށް އުސޫލުގައިވެއެވެ.

އެޗްޕީއޭއިން ބުނީ ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައިވީ ނަމަވެސް ޕޮޒިޓިވް ވެފައިވާ މީހާއާ އެއް ގެއެއްގައި ދިރިއުޅޭނަމަ ކަރަންޓީންގެ މުއްދަތު ހަމަ ކުރަން ޖެހޭނެ ކަމަށެވެ. އަދި ގެއިން ޕޮޒިޓިވްވި މީހާ ބަލިން ފަސޭހަ ވުމުން ކޮންޓެކްޓުން ކޮވިޑް ޓެސްޓް ހަދައި ނެގަޓިވް ނަތީޖާއެއް ލިބެންދެން ކަރަންޓީންގައި ތިބެން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެޗްޕީއޭގެ އުސޫލުގައި ބުނެފައިވަނީ ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައިވީ ނަމަވެސް ޕޮޒިޓިވް ވެފައިވާ މީހަކާ ބައްދަލުވެފައިވާނަމަ އެ ބައްދަލުވި ދުވަހުން ފެށިގެން ފަސް ދުވަސް ފަހުން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭއިން ނެރުނު އާ އުސޫލު ބުނާގޮތުން ކޮވިޑު ޓެސްޓުކުރުމަށް އެންޓިޖެން ޓެސްޓްގެ ސެލްފު ކިޓެއް ބޭނުންކޮށްގެން ގޭގައި ކޮވިޑަށް ޓެސްޓު ކުރަންވާނީ ބަލީގެ އަލާމާތެއް ހުންނަ މީހުންނެވެ. ނަމަވެސް މި ފަރާތްތަކަށް އައިސޮލޭޝަން އަދި ކަރަންޓީން ޑޮކިއުމަންޓް ދޫކުރެވޭނީ ކޮވިޑަށް ޓެސްޓުކުރުމަށް ރަޖިސްޓާ ކޮށްފައިވާ ލެބަކުން ނުވަތަ ސިއްހީ ފަރުވާދޭ ތަނަކުން ކޮވިޑް އެންޓިޖެން ނުވަތަ ޕީސީއާރު ޓެސްޓު ހެދުމުން ކަމަށް އެޗްޕީއޭގެ އުސޫލުގައި ބުނެއެެވެ. އާ އުސޫލުގެ ދަށުން ލުއި ލިބޭ މީހުން މިވަގުތު ކަރަންޓީންގައި ތިބިނަމަ އެ މީހުންގެ ކަރަންޓީން ނިމޭނެ ކަމަށް ވެސް އެޗްޕީއޭއިން ނެރުނު އުސޫލުގައިވެއެވެ.

ކަރަންޓީނަށް އެޗްޕީއޭއިން ލުއިތަކެއް ދީފައިވަނީ ރާއްޖެއިން ދުވާލެއްގެ މައްޗަށް 3،000 އާ ގާތްކުރާ އަދަދަކަށް މީހުން ބައްޔަށް ޕޮޒިޓިވްވަމުންދާ ދަނޑިވަޅެއްގައެެވެ.



ކިޔުންތެރިންގެ ހިޔާލު