ސަރުކާރުން ކ. ގުޅީގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމާއި، ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށައިފިއެވެ.

މިއާއެެކު މިވަގުތު ގުޅީގައި ފޯރުކޮށްދެމުންދާ ޔޫޓިލިޓީ ހިދުމަތްތަކުގެ ތެރެއިން ކަރަންޓާއި، ފެނާއި އަދި ނަރުދަމާގެ ހިދުމަތް މިއަދުން ފެށިގެން ދެމުން ގެންދާނީ ސްޓެލްކޯއިންނެވެ. ގުޅީގެ ފެނާއި ނަރުދަމާގެ ހިދުމަތާއި ސްޓެލްކޯއިން ހަވާލުވީ އެކަމަށްޓަކައި މިއަދު ގުޅީ ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ އެވެ. މި ރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރގެ އިތުރުން، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒްވަރާއި، ކުންފުނީގެ ބޯޑުގެ ބައެއް މެމްބަރުންނާއި، އިސްވެރިންގެ އިތުރުން، ގުޅީ ކައުންސިލް މެމްބަރުންނާއި، އެންވައިރަމެންޓް މިނިސްޓްރީއާއި، ޕްލޭނިންގ މިނިސްޓްރީގެ ބައެއް އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ މިއީ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމަށް ވެވަޑައިގެންފައިވާ ވައުދުގެ ދަށުން މި ސަރުކާރުން ފެނާއި ނަރުދަމާގެ ހިދުމަތް އެންމެ ފުރަތަމަ ފަށައިގަނެވުނު ރަށް ކަމަށެވެ.

އެގޮތުން 2019 ވަނަ އަހަރު ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތުގެ ދަށުން މިއަދު މި ހިދުމަތް ގުޅީ ރައްޔިތުންނަށް ލިބިގެންދިއުމަކީ، ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި އަދި އެހާމެ މުހިންމު އަސާސީ ދެ ޚިދުމަތެއް ލިބިގެން ދިއުންކަން މުޣުނީ ވަނީ ފާހަގަ ކުރައްވާފައެވެ.

"މިސަރުކާރުގެ މުހިންމު އެއް ވައުދަކީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގެ ސަރުކާރުގައި ފެނާއި ނަރުދަމާގެ ހިދުމަތް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ޤާއިމްކުރެއްވުން. އެގޮތުން މި ރަށުގައި އެ ދެ ހިދުމަތް ދިނުމުގެ މަސައްކަތް 2019 ވަނަ އަހަރު ފައްޓަވައިދެއްވާ، މި މަޝްރުޢުގެ ދަށުން މި ދެ ހިދުމަތް މިރަށުގެ އާބާދީއަށް ފޯރުކޮށް ދިނުމަށް މިއަދު އަޅުގަނޑުމެން މިވަނީ ފަށާފައި. މި ސަރުކާރުން މި ދެ ހިދުމަތް ފަށައިގަތް ފުރަތަމަ ރަށަކީވެސް މި ރަށްކަން އަޅުގަނޑު ފާހަގަކޮށްލަން." މުޣުނީ ވިދާޅުވިއެވެ.



ގުޅި އަކީ ފަތުރުވެރިކަމާއި، އޮޑި ދޯނިފަހަރު އެހެލާ މަރާމާތުކުރުމުގެ މަސައްކަތް ފުޅާކޮށް ކުރިއަށް ގެންދާ ރަށެއްކަން ފާހަގަކުރައްވައި މުޣުނީ ވިދާޅުވީ، މި ޚިދުމަތުގެ ސަބަބުން ރަށުގެ އިގްތިސާދަށް އެކަމުގެ މަންފާ ލިބިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސްޓެލްކޯ އިން މި ޚިދުމަތް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދާނެ ކަމަށްވެސް މުޣުނީ ވަނީ ވިދާޅުވެފައެވެ.

ގުޅީގައި ސްޓެލްކޯއިން ކަރަންޓާއި، ފެނާއި އަދި ނަރުދަމާގެ ހިދުމަތް ދެމުންދާއިރު، ފެނުގެ ހިދުމަތް ދިނުމަށްޓަކައި، 40 ޓަނުގެ 2 އާރުއޯ ޕްލާންޓާއި، ވާރޭފެން ޓްރީޓްމަންޓް 1 ޕްލާންޓްގެ އިތުރުން ފެން ރައްކާކުރުމަށް 200 ޓަނުގެ 3 ތާނގީ ވަނީ ބެހައްޓާފަ އެވެ. ފެނާއި ނަރުދަމާގެ ހިދުމަތް ފަށައިގަނެވޭއިރު، ފެނަށް 181 ކަނެކްޝަން އަދި ނަރުދަމާގެ ހިދުމަތް ހޯދުމަށް 175 ފަރާތަކުން ވަނީ ރަޖިސްޓްރީކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު