ފެނާއި ނަރުދަމާގެ ހިދުމަތާއެކު ގުޅީގެ ފަތުުރުވެރިކަން ކުރިއަރައިގެންދާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ މިހެން ވިދާޅުވީ ސްޓެލްކޯއިން ކ. ގުޅީގެ ފެނާއި ނަރުދާމާގެ ހިދުމަތްދޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ މިއީ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށް ވެވަޑައިގެންފައިވާ ވައުދުގެ ދަށުން މި ސަރުކާރުން ފެނާއި ނަރުދަމާގެ ހިދުމަތް އެންމެ ފުރަތަމަ ފަށައިގަނެވުނު ރަށް ކަމަށެވެ.

އެގޮތުން 2019 ވަނަ އަހަރު ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ކުރެވުނު މަސައްކަތުގެ ދަށުން މިއަދު މި ހިދުމަތް ގުޅީ ރައްޔިތުންނަށް ލިބިގެންދިއުމަކީ، ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި އަދި އެހާމެ މުހިންމު އަސާސީ ދެ ޚިދުމަތެއް ލިބިގެން ދިއުންކަން މުޣުނީ ވަނީ ފާހަގަކުރައްވާފައެވެ.



"މިސަރުކާރުގެ މުހިންމު އެއް ވައުދަކީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގެ ސަރުކާރުގައި ފެނާއި ނަރުދަމާގެ ހިދުމަތް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ޤާއިމްކުރެއްވުން. އެގޮތުން މި ރަށުގައި އެ ދެ ހިދުމަތް ދިނުމުގެ މަސައްކަތް 2019 ވަނަ އަހަރު ފައްޓަވައިދެއްވައި، މި މަޝްރުޢުގެ ދަށުން މި ދެ ހިދުމަތް މިރަށުގެ އާބާދީއަށް ފޯރުކޮށް ދިނުމަށް މިއަދު އަޅުގަނޑުމެން މިވަނީ ފަށާފައި. މި ސަރުކާރުން މި ދެ ހިދުމަތް ފަށައިގަންނަ ފުރަތަމަ ރަށަކީވެސް މި ރަށްކަން އަޅުގަނޑު ފާހަގަކޮށްލަން." މުޣުނީ ވިދާޅުވިއެވެ.



ގުޅި އަކީ ފަތުރުވެރިކަމާއި، އޮޑި ދޯނިފަހަރު އެހެލާ މަރާމާތުކުރުމުގެ މަސައްކަތް ފުޅާކޮށް ކުރިއަށް ގެންދާ ރަށެއްކަން ފާހަގަކުރައްވައި މުޣުނީ ވިދާޅުވީ، މި ޚިދުމަތުގެ ސަބަބުން ރަށުގެ އިގްތިސާދަށް އެކަމުގެ މަންފާ ލިބިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސްޓެލްކޯ އިން މި ޚިދުމަތް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދާނެ ކަމަށްވެސް މުޣުނީ ވަނީ ވިދާޅުވެފައެވެ.

މިވަގުތު ގުޅީގައި ފޯރުކޮށްދެމުންދާ ޔޫޓިލިޓީ ހިދުމަތްތަކުގެ ތެރެއިން ކަރަންޓާއި، ފެނާއި އަދި ނަރުދަމާގެ ހިދުމަތް އިއްޔެއިން ފެށިގެން ދެމުން ގެންދާނީ ސްޓެލްކޯއިންނެވެ. ގުޅީގެ ފެނާއި ނަރުދަމާގެ ހިދުމަތާއި ސްޓެލްކޯއިން ހަވާލުވީ އެކަމަށްޓަކައި ގުޅީ ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ އެވެ.

މި ރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރ ގެ އިތުރުން، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒްވަރާއި، ކުންފުނީގެ ބައެއް ބޯޑް މެމްބަރުންނާއި، އިސްވެރިންގެ އިތުރުން، ގުޅީ ކައުންސިލް މެމްބަރުންނާއި، އެންވައިރޮމެންޓް މިނިސްޓްރީއާއި، ޕްލޭނިންގ މިނިސްޓްރީގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅީގައި ސްޓެލްކޯ އިން ކަރަންޓާއި، ފެނާއި އަދި ނަރުދަމާގެ ހިދުމަތް ދެމުންދާއިރު، ފެނުގެ ހިދުމަތް ދިނުމަށްޓަކައި، 40 ޓަނުގެ 2 އާރުއޯ ޕްލާންޓާއި، ވާރޭފެން ޓްރީޓްމަންޓް 1 ޕްލާންޓްގެ އިތުރުން ފެން ރައްކާކުރުމަށް 200 ޓަނުގެ 3 ތާންގީ ވަނީ ބެހެއްޓިފަ އެވެ. ފެނާއި ނަރުދަމާގެ ހިދުމަތް ފަށައިގަނެވޭއިރު، ފެނަށް 181 ކަނެކްޝަން އަދި ނަރުދަމާގެ ހިދުމަތް ހޯދުމަށް 175 ފަރާތަކުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު