ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް، ނޫމަޑި މައްސަލައިގައި ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލުކޮށްފި އެވެ.

މިމައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ މިއަދު މެންދުރު އެކެއް ޖަހާއިރަށެވެ. މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވަން މިދިޔަ ޖޫން މަހުގެ ހަވަނަ ދުވަހު ތާވަލް ކުރި ނަމަވެސް އެ އަޑުއެހުން ފަހުން ވަނީ ކެންސަލްކޮށްފައެވެ.

ނޫމަޑި މައްސަލައިގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ އެެވެ. އެހެން ނަމަވެސް މުއިއްޒު ވަނީ އެދައުވާއަށް އިންކާރު ކުރައްވާފައެވެ.

ޑރ. މުއިއްޒުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ބުނީ ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލާއި އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަ ކަމަށާއި، ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާ ކަމަށެވެ.

މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހެދި ބްރިޖް ވިއު ޕްލެޓްފޯމްގެ އެގްރީމެންޓާ ގުޅޭ މައްސަލައެއްގައި ވެސް އޭސީސީން މުއިއްޒުގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީއަށް ފޮނުވިއެވެ. އެހެން ނަމަވެސް ޕީޖީ އޮފީހުން ވަނީ އެ މައްސަލަ އިތުރަށް ފުރިހަމަކުރުމަށް އޭސީސީ އަށް އަންގައި މަައްސަލަ ފޮނުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު