15 ދުވަހަށް ޖަލަށް ލާން މިއަދު ހުކުމްކުރިއިރު, ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި އައްސަދު އަލީ (އަޑުބަރޭ) ރާއްޖޭގައި ނެތްކަން ހާމަވެއްޖެއެވެ.

އަޑުބަރޭ ޖަލަށް ލާން ހުކުމްކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރި މައްސަލާގައި ޖާމިނުވިއެއްބަސްވުމާއި ހިލާފުވެފައިވާތީއެވެ. އަދި މިއަދު އޭނާގެ ޣައިރު ހާޒުރުގައި އިއްވި ޖަލު ހުކުމާއެކު އޭނާ ވަނީ ސްޓޭޓް މިނިސްޓަރުގެ މަގާމުން ވެސް ވަކިކޮށްފައެވެ.

އަޑުބަރޭގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވިނަމަވެސް އޭނާ މިވަގުތު ރާއްޖޭގައި ނެތްކަން ވަނީ ހާމަވެފައެވެ. އަދި އަޑުބަރޭއަށް އިއްވި ހުކުމް ތަންފީޒުކުރަން އޭނާ ހަވާލުކޮށްދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސުން ފުލުސް އޮފީހުގައި މިއަދު އެދިފައިވާކަން "ރަސް އޮންލައިން" އަށް ވަނީ އެނގިފައެވެ.

މުވައްޒަފުންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މަޤާމުން ވަކިކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ތިން ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ހާޒިރު ނުވެއްޖެނަމަ އޭނާގެ މައްޗަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އަށް ފިޔަވަޅު އަޅާނެކަމަށް ކޯޓުން މީގެ ކުރިން ވަނީ ބުނެފައެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ އަލީ ވަޙީދު އަނބުރާ ރާއްޖެ ގެނައުމަށް އައްސަދު ކުރި މަސައްކަތެއް ފެންނަން ނެތް ކަމަށެވެ. އެހެންކަމުން މިއީ ކޯޓާމެދު ނުބައި ތަސައްވުރެއް އުފެއްދުންކަމަށާއި އަދި އަދުލު އިންސާފަށް ހުރަސް އެޅުންކަމަށްވެސް ގާޒީ ހަސަން ސަޢީދު ވިދާޅުވިއެވެ.

އޭގެ އިތުރުން މިއަދުގެ އަޑުއެހުމަށް އައްސަދުވެސް ހާޒިރުވެފައިނުވާތީ ގާޒީ ޙަސަން ސައީދު ވަނީ އައްސަދު ޖާމިނުވުމުގެ އިޤްރާރާ ޚިލާފުވެ، ކޯޓުގެ ޙުރުމަތް ކެނޑުމަށް ކޮށްފައިވާ ކަންކަމަށް ރިއާޔަތް ކޮށް އޭނާ 15 ދުވަހަށް ޖަލަށް ލުމަށް މިއަދު ޙުކުމް ކޮށްފައެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރުމުން އޭނާ ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އަލީ ވަހީދު ފިލުމުގެ އިހުތިމާލު އޮތުމުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު އޭރު އެ އަމުރު ނެެރެފައިވަނީ އަލީ ވަހީދުގެ މައްސަލައަށް އޭނާގެ ގާތް އެކުވެރިޔާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ ޖާމިނުވާން އެއްބަސްވުމުންނެވެ.

ޖާމިނު އެއްބަސްވުމުގައި ބުނެފައިވަނީ ކޯޓުން ކަނޑައަޅާ ދުވަހެއްގައި އެ މީހަކު އަޑުއެހުމަށް ހާޒިރުކުރަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ހައިކޯޓަށް ހުށައެޅި މައްސަލާގައި އެ ކޯޓުން ކަނޑައެޅި ދުވަހަށް އަލީ ވަހީދު ހާޒިރުވެފައެއް ނުވެއެވެ.

އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް ހާޒިރުވާން ސުޕްރީމް ކޯޓުން ޗިޓު ފޮނުވުމުން އަޑުއެހުމަށް ހާޒިރުވެފައިނުވާތީ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ކަނޑައަޅައި އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން މިދިޔަ އަހަރުގެ އޮގަސްޓް 11 ވަނަ ދުވަހު ސްޕްރީމް ކޯޓުންވެސް ވަނީ ހުކުމްކޮށްފައެވެެ. އެ ހުކުމް ތަންފީޒުކުރުމަށް އަލީ ވަހީދު ރާއްޖެ ގެނައުމަށް ފުލުހުންގެ ކިބައިން ކަރެކްޝަން ސަރވިސުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު