އިސްލާމީ ތަރިކައާއި ދީނުގެ ޞައްޙަ ޢަޤީދާގެ ބިންގަލަކީ ފުރިހަމަ ދިވެހި ޖީލެއް ބިނާވުމުގެ އަޞްލުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ގައުމިއްޔަތު ބިނާވެ، ދިރި ދެމިއޮންނަންޖެހޭ ބަހާތަކުގެ މައްޗަށް ތާއަބަދުމެ ސަރުކާރު މިއޮތީ ސަމާލުވެ ހޭލާކަމަށެވެ. އަދި މާތްވެގެންވާ އިސްލާމްދީނާ ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިޤުލާލަށް ބުރުލެއް އަދި ގުޑުމެއް އައުމަށް ސަރުކާރުން ކުޑަވެސް ފުރުޞަތެއް ނުދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހިންގެ އަމާން ސުލްހަވެރި ދިރިއުޅުމުގެ މައްޗަށް ނާމާންކަމާ ހަތުރުވެރިކަމާ ޢަދާވާތްތެރިކަމަކަށް ވެރިވެއެއް ނުގަނެވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިސްލާމީ ތަރިކައާއި ދީނުގެ ޞައްޙަ ޢަޤީދާގެ ބިންގަލަކީ ފުރިހަމަ ދިވެހި ޖީލެއް ބިނާވުމުގެ އަޞްލުކަމަށެވެ. އަދި މިދިޔަ އަހަރު ސަރުކާރުން އެންމެ އިސްކަން ދިން ސިޔާސަތަކީވެސް އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ދިވެހިންގެ ހިތްތަކުގަ އަށަގެންނެވުމާއި އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގާ ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުންކަމަށެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖޭގެ 180 ރަށެއްގައި އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ދިނުމާ، އިސްލާމްދީނުގެ ރިވެތި އުޞޫލުތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދީނުގެ ނަމުގައާއި ދީނާ ދެކޮޅަށް، ހަރުކަށި ފިކުރު ފަތުރައި، މީހުންގެ ފުރާނައާ މުދަލަށް ގެއްލުންދޭ މީހުންނަށް، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ ހާމަކޮށްދިނުމުގާ ދީނީ ޢިލްމުވެރިންގެ އެހީގާ މިއަހަރު "ނޭޝަނަލް މޮޑެރޭޝަން ކެމްޕޭން" ކުރިއަށް ގެންދެވޭނެކަމަށެވެ.

"އިމާމުންނާ މުދިމުންނަށް އިސްލާމީ ތަޢުލީމުގެ ރޮނގުން ޑިގްރީ ހޯދާދިނުމަށް 290 މީހުން ދަނީ ތަޢުލީމީ މަރުހަލާ ފުރިހަމަ ކުރަމުން. ޤުރުއާން މުދައްރިސުން ބިނާކުރުމަށް މިދިޔަ އަހަރު 1,599 މީހުން ވަނީ ތަމްރީނުކޮށް ނިމިފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޙައްޖާ ޢުމްރާ އާ ވަޤްފުގެ ކަންކަމާއި އަދި ޒަކާތާ ބެހޭ ޤާނޫނުތައް އެކުލަވާލާ މިއަހަރު މަޖިލީހަށް ފޮނުވާނެކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގާ ޒަމާނީ ފަރުމާގެ އާ މިސްކިތްތައް ބިނާ ކުރުން ހުއްޓުމެއް ނެތި ކުރިއަށް ދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު