އަންނަ މާޗް ނިމޭއިރު ހުރިހާ ރަށެއްގައި އެމްބިއުލާންސް ހުންނާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރާއްޖޭގެ 5 ސަރަހައްދުގާ ތަރައްޤީކުރާ 5 ޓަރޝަރީ ހޮސްޕިޓަލުގާ މިހާރު ސިޓީ އަދި މޯބައިލް އަލްޓްރާ ސައުންޑް ސްކޭނާ އެކު ލެބޯރޓްރީ ނިޒާމް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން އުތުރާ ދެކުނުގައި އެމް.އާރް.އައި. ޚިދުމަތާއި ހިތުގެ ބަލިތައް ދެނެގަނެ ފަރުވާދެވޭނެ ނިޒާމް ޤާއިމް ކުރެވިއްޖެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް މިއަދު ވިދާޅުވީ އަންނަ މާޗް ނިމޭއިރު ހުރިހާ ރަށެއްގައި އެމްބިއުލާންސް ހުންނާނެ ކަމަށެވެ.

"އެމްބިއުލާންސްގެ ޚިދުމަތް ފުރިހަމައަށް ނުދެވޭ 96 ރަށަކަށް ޒަމާނީ އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ފެށިން. އޭގެތެރެއިން 41 އެމްބިއުލާންސް ރާއްޖެ ގެނެވި، ރަށްތަކަށް ފޮނުވިއްޖެ. އިރާދަ ކުރެއްވިއްޔާ އަންނަ މާޗް ނިމޭ ހިސާބުގާ ބާކީހުރި ހުރިހާ އެމްބިއުލާންސްތައް ލިބި ރަށްތަކަށް ފޯރުކޮށްދެވޭނެކަމުގެ އުންމީދު ބޮޑު." ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ އަތޮޅު ތެރެއަށް ނަފްސާނީ ސިއްޙަތުގެ ޚިދުމަތް ފޯރުކޮށްދިނުން ނުހަނު މުހިންމު ކަމަށާއި އެގޮތުން ރާއްޖޭގެ 5 އަތޮޅަކުން މިހާރު ސައިކޭޓްރިސްޓުންގެ ޚިދުމަތް ލިބޭނެ ކަމަށެވެ.



ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު