އައްޑޫގެ މަޝްރޫޢުތަކަށް ޖުމްލަ 2.6 ބިލިއަން ރުފިޔާ ޚަރަދުކުރަން ނިންމައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ދިވެހިރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއް ފެށޭ ފާހަގަ އަބަދުވެސް ޖެހެނީ އައްޑޫން ކަމަށެވެ. އެގޮތުން އައްޑޫ ސިޓީ ތަރައްޤީނުވެ ރާއްޖެ ތަރައްޤީ ނުކުރެވޭނެ ކަމަށާއި އިންޑިއާ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫސިޓީގެ މަގުތަށް ހަދާ ފެންބޮޑުވުން ހައްލު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން އައްޑޫސިޓީގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގާއި ޖުމްލަ 107 ކިލޯމީޓަރުގެ މަގު އަޅާނެ ކަމަށާއި އައްޑޫގެ ތަރައްޤީގެ ޕްލޭނާއި އެއްގޮތަށް 236.5 ހެކްޓަރުގެ ބިން އިތުރު ކުރެވޭނެ ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.

"މިއާއެކު އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭގޮތަށް، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެވޭނެ. މި މަޝްރޫޢުތަކަށް ޖުމްލަ 2.6 ބިލިއަން ރުފިޔާއަށްވުރެ ގިނައިން ޚަރަދު ކުރެވޭނެ." ރައީސް މިއަދު ވިދާޅުވިއެވެ.

ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު