މިދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ހިނގާފައިވާ މަރުތަކުގެ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ކޮމިޝަނުން ކުރިއަށްގެންދާ ތަހުޤީޤް މިއަހަރު ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސާލިހު ވިދާޅުވީ ކުރީގެ މަރުތަކަށް އިންސާފު ހޯދުމުގައި އުންމީދު ކުރިވަރަށް ވުރެ މަސައްކަތް މާބޮޑުތަން ލަސްކަމަށެވެ. އަދި އެކަމުގައި ކުރަންޖެހޭ މަސައްކަތާ ފިލުވަންޖެހޭ އޮޅުން ބޮޑުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮމިޝަނުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންގޮސްފައިވަނީ، ނޫސްވެރިޔާ އަޙްމަދު ރިޟުވާން ގެއްލުވާލާފައިވާ މައްސަލަކަމަށެވެ.

"މިހާތަނަށް ކޮމިޝަންގެ ފަރާތުން 200 އަށް ވުރެ ގިނަ މީހުންނާ ސުވާލުކޮށްފި. ބޭރުގެ ފައިނޭންޝަލް އެކްސްޕަރޓެއްގެ އެހީގާ މާލީ މުޢާމަލާތްތައް ވަނީ އެނަލައިޒްކޮށްފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ މެދުތެރޭގައި ތަހްޤީގު އެއްކޮށް ނިންމައި ކޮމިޝަންގެ ހޯދުންތައް އެމަނިކުފާނަށް ހުށަހަޅާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށެެވެ.

ރައީސް ވިދާޅުވީ ދާދިފަހުން ޝަރުޢީ ފުރަތަމަ މަރުހަލާ ނިމިފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގާ ކުށް ސާބިތުނުވި ފަރާތްތަކުގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް ޕީޖީ އޮފީހުން ވަނީ ފަށާފައިކަމަށެވެ. އަދި ޔާމީން ރަޝީދުގެ މައްސަލަ އޭރު ކޯޓުގައި އޮތުމުން ރިޔާސީ ކޮމިޝަނުން ތަހްޤީގުކުރުމަށް ކަނޑައަޅާފައިވާ ބައި، ކުރިއަށް ނުގެންދެވި އޮތް އޮތުން މިހާރު މިވަނީ ނިމިފައިކަމަށާއި، އެމައްސަލައިގެ ތަހްޤީގު ރިޔާސީ ކޮމިޝަނުން މިހާރު ކުރިއަށް އެބަގެންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު