އަހުމަދު މަސްނޫމް   3 ފެބްރުއަރީ 2022 - 16:3
މިލަދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

މިމަސައްކަތްކުރަމުންދާ އެމްޓީސީސީން ބުނީ ނ. މިލަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓް 1 ފެބްރުއަރީ 2022 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ ހާބަރ ޕޭވްމަންޓްގެ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށާއި ކުރިއަށްދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްކަމަށެވެ.



އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން 37,222 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 209 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 152 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭކަމަށެވެ. އަދި 1،430 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 45.26 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.



ކިޔުންތެރިންގެ ހިޔާލު