ރާއްޖޭގެ އުފެއްދުންތެރިކަން 12 ޕަސެންޓުގެ ކުރިއެރުމެއް ހޯދުމާއެކު 1.6 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމަކީ މިއަހަރުގެ އަމާޒެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެެވެ.

ރައްޔިތުންގެ މަޖިލީހުގައި މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެހެން އަހަރުތަކާ އަޅާބަލާއިރު 2020 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 33.5 ޕަސެންޓު ދަށްވި ކަމަށެވެ. އަދި އަވަސް ހަރުދަނާ ފިޔަވަޅުތަކެއް ނޭޅި ނަމަ އާންމުންގެ ދިރިއުޅުން ދުވަހަކު ނުދާހާ ދަށަށް ސޮއްސާލާނެ ފަދަ ހާލަތެއް މެދުވެރިވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ މިދިޔަ އަހަރު އެއް މިލިއަން ފަތުރުވެރިން ގެންނަން އަމާޒު ހިފިއިރު އަހަރު ނިމުނުއިރު 1.3 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި ކަމަށެވެ. އަދި އެ އަހަރު އުފެއްދުންތެރިކަން ވެސް ހުރީ 31.6 އާއި 38.5 ޕަސެންޓާ ދެމެދުގައި ކަމަށް ބެލެވޭ ކަމުގައި ރައީސް ސޯލިހް ވިދާޅުވި އެވެ.

މީގެ އިތުރުން ރަައީސް ސާލިޙު ވިދާޅުވީ ބޭރު ފައިސާގެ ތާށިކަން ހައްލު ކުރުމާ ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ފިޔަވަޅުތައް ސަރުކާރުން މި އަހަރު އަޅަން ފަށާނެ ކަމަށެވެ. އެގޮތުން ބޭރު ފައިސާގެ ބާޒާރާ ގުޅޭ ގާނޫނީ އޮނިގަނޑަށް ބަދަލު ގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން މިހާތަނަށް 447 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށެވެ.

"2019 ވަނަ އަހަރުގެ ޖުލައި މަހު، ދައުލަތުގެ ރިޒާރވް މެނޭޖްކުރުމަށް ރިޒާރވް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސްވޮޕް ފެސިލިޓީ ވަނީ، މިދިޔަ ޑިސެމްބަރު މަހުގެ 29 ގައި ދައްކާ ނިމިފަ، މީގެއިތުރުން ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން މިސަރުކާރުން މިހާތަނަށް 447 މިލިއަން ޑޮލަރު ވަނީ ދައްކާނިންމާފައި." ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވުގައި 791.2 މިލިއަން ޑޮލަރު އެބަހުރި ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު