އެޗްޑީސީއަށް ދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމަށް ނިންމި ނިންމުމަށް ޢަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމްގެ މައްސަލަ ހައިކޯޓުގައި ފަށަން ތާވަލުކޮށްފިއެވެ.

ހުޅުމާލޭގެ ރަޖިސްޓްރީ ބާޠިލްކުރުމަށް ސިޓީ ކައުންސިލުން ނިންމީ މިމަހުގެ 8 ވަނަ ދުވަހުއެވެ. ނަމަވެސް ސިޓީ ކައުންސިލުގެ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅައި އެނިންމުން ބާޠިލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށާއި އެލް.ޖީ.އޭއަށް އެޗްޑީސީން މައްސަލަ ހުށަހެޅުމުން، ސިވިލް ކޯޓުން ވަނީ ހުޅުމާލޭގެ ރަޖިސްޓްރީ ބާޠިލްކުރުމަށް ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުނުކުރުމަށް އަންގާފައެވެ.

ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނީ ސިޓީ ކައުންސިލްގެ ނިންމުމަށް ޢަމަލުކުރަން ފަސްކޮށް، ސިޓީ ކައުންސިލްގެ ނިންމުން ތަންފީޒްކުރުމަށް ދަޢުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް މަސައްކަތެއް ނުކުރުމަށެވެ.

ސިވިލް ކޯޓުގެ ނިންމުން ސިޓީ ކައުންސިލުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، އެމައްސަލައިގެ އަޑުއެހުމެއް އަންނަ އާދީއްތަދުވަހަށް ވަނީ ތާވަލުކޮށްފައެވެ.

ހުޅުމާލޭ ރަޖިސްޓްރީގެ މައްސަލައިގައި މާލޭ ސިޓީ ކައުންސިލްގެ ނިންމުން މަޑުޖައްސާލަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިންވެސް ވަނީ އަންގާފައެވެ. އަދި އެއީ ގާނޫނީގޮތުން ސިޓީ ކައުންސިލަށް ނިންމޭނެ ނިންމުމެއް ނޫންކަމަށްވެސް އެލްޖީއޭއިން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު