ރައީސް ސާލިހަކީ ޤާބިލު ލީޑަރެއްކަން މިއަދު އިއްވި ރިޔާސީ ބަޔާނުން ސާބިތުވެއްޖެ ކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނާއި ގުޅޭގޮތުން އިމްރާން ވިދާޅުވީ ރިޔާސީ ބަޔާނުން ކަށަވަރުވިކަމަކީ ރައީސް ސާލިޙަކީ ކިތަންމެ ދަތި ޙާލަތެއްގައިވެސް ޤައުމާއެކު ކުރިއަށްދެވޭނެ ޤާބިލުކަންހުރި ލީޑަރެއްކަންކަމަށެވެ. އަދި އިޤްތިޞާދީ ބޮޑު ތަދުކަމާއެކުވެސް ވޭތުވެދިޔަ ތިން އަހަރުގެ ކާމިޔާބާއި ކުރިއަށް އޮތް ދެ އަހަރުގެ އަމާޒާއެކު މިރާއްޖެ އާހަރުފަތަކަށް ގެންދެވޭނެކަމަށް އުއްމީދުކުރައްވާކަމަށް އިމްރާން ވިދާޅުވިއެވެ.



އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްވެސް ވަނީ ރައީސް ސާލިހުގެ ރިޔާސީ ބަޔާނަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ.

ރައީސް މައުމޫން ވިދާޅުވީ ރައީސް ސާލިހު އިއްވެވި ރިޔާސީ ބަޔާނަކީ މައުލޫމާތުން ފުރިގެންވާ، ވަރުގަދަ ރިޔާސީ ބަޔާނެއްކަމަށެވެ. އަދި ކޯލިޝަން ޕާޓްނަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ފައިދާއަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް ތާއީދުކުރައްވާނެކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ގިނަ ކަންތައްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އިޤްތިޞާދު، ސިއްހަތު، ތައުލީމް އަދި އުމްރާނީ ތަރައްގީއަށް ރާވާފައިވާ ޕްލޭންތަކާއި ގުޅޭގޮތުން ވެސް ރައީސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި މިދިޔަ އަހަރު ސަރުކާރުން އެކި ދާއިރާތަކުން ހޯދި ކުރިއެރުންތަކާއި މިދިޔަ އަހަރު ސަރުކާރު ހިނގައިދިޔަ ގޮތުގެ މައްޗަށް އަލިއަޅުވާލައްވައި މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިއްވެވި 4 ވަނަ ރިޔާސީ ބަޔާނެވެ.



ކިޔުންތެރިންގެ ހިޔާލު