ރާއްޖޭގެ ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭންގެ ތެރެއިން އެމްޑީޕީން މިއަދު ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މި ސަރުކާރުން މުސާރަ ބޮޑުކުރަނީ ޓީޗަރުންގެ އެކަނި ނޫން ކަމަށާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކޮށްދެއްވާނެ ކަމަށެެވެ. ރައީސް ސޯލިހް ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ދިރާސާ އެއް ހަދަމުންގެންދާ ކަމަށާއި އެ ދިރާސާ ނިމުމުން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ ކަމަށެވެ. އެގޮތުން އެ ދިރާސާގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ އާއި ބެހޭގޮތުން އަަޅުގަނޑުމެން ދިރާސާ އެއް ހެދިން. މީގައި މިހުރީ މުސާރަތައް ބޮޑުވެގެންދާނެ ގޮތްތައް. ހަމަ މިކަހަލަ ދިރާސާއެއް ސިއްހީ ދާއިރާއަށް ކޮށް ނިންމާނަން. އެއަށް ފަހުގައި ދެން ފެނިގެންދާނީ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ދާއިރާގެ އެ ނޫން މުވައްޒަފުންގެ މުސާރަތައް ބޮޑުވެގެންދާތަން." ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިހް ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ގެންނަން ނިންމި ބަދަލާއެކު ރަނގަޅު މުސާރައިގެ ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެމީހުންގެ މުސާރަ 56 ޕަސެންޓް ބޮޑުވެގެންދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މުސާރައަށް ގެންނަ ހެއު ބަދަލާއެކު 21،000ރ. ލިބޭ ޕްރިންސިޕަލެއްގެ މުސާރަ 32،000 އަށް ބޮޑުވެގެންދާނެ ކަމަށެވެ. އަދި 14،000ރ. ޖެހޭ މީހުންނަށް މުސާރައިގެ ގޮތުގައި 28،000ރ. ލިބޭނެ ކަމަށް ރައީސް ސޯލިިހް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު