ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރާއިރު ބޮޑުކުރާނީ ހަމައެކަނި ޓީޗަރުންގެ މުސާރަ ނޫންކަމަށާއި، ސްކޫލް ތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ އަންނަ މޭ މަހުން ފެށިގެން ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.

"މިބަދަލާއެކު، ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލާ 12,628 ރުފިޔާ އިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ. މިއީ 56 ޕަރސެންޓްގެ ކުރިއެރުމެއް." ރައީސް ޞާލިޙު މިއަދު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ބައެއް ފަރާތްތަކުން ތަރުޖަމާކުރި ގޮތުން ގިނަ ފަރާތްތަކަށް ހީވެފައި އޮތީ މުސާރަ ބޮޑުވާނީ ހަމައެކަނި ޓީޗަރުންގެ އެކަނި ކަމަށެވެ. ރައީސް ވާހަކަފުޅުގައި މިސާލެއްގެ ގޮތުން ޓީޗަރެއްގެ މުސާރައަށް ޖެހޭނެވަރު ވިދާޅުވުމުން މީސް މީޑިއާގައި ގިނަ ބަޔަކު މާނަކޮށް ފަތުރަމުން ގެންދަނީ މުސާރަ ބޮޑުވަނީ ޓީޗަރުންގެ އެކަނި ކަމަށެވެ.

ނަމަވެސް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ޓީޗަރުންގެ އިތުރުން ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި އިދާރީ މުވައްޒަފުންގެ މުސާރަވެސް ބޮޑުވާނެކަމަށެވެ.

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވާއިރު، ކޮމަންޑޫގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ދެން އޮތީ ސިއްހީ ދާއިރާގެ މުސާރައިގެ ކުރިއެރުންކަމަށެވެ.

ރައީސް ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހަދަންޖެހޭ ދިރާސާތައް މިއަހަރު ކުރިއަށްދާނެކަމަށެވެ. އަދި އެއަށް ފަހުގައި ދެން ފެނިގެންދާނީ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެ ނޫން މުވައްޒަފުންގެ މުސާރަތައް ބޮޑުވެގެންދާ މަންޒަރުކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު