ރާއްޖޭގެ ރަށްރަށުގައި ހުރި އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރަން ސަރުކާރުން ވިސްނަމުން ގެންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެެ.

ށ. ފޯކައިދޫގެ އިންޖީނުގެ ހުޅުވުމަށް އެރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރަށްރަށުގައި ފެނަަކަ ކޯޕަރޭޝަންގެ ބްރާންޗުތަކުގައި އިންފްރާސްޓަކްޗަރ އެބަހުރި ކަމަށެވެ. އެހެންކަމުން ރަށްރަށުގައި ހުރި އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުން ފެނަކައާއި ހަވާލުކުރުމަށް ސަރުކާރުން ވިސްނަމުން ގެންދާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ފެނަކައިގެ އިންޖިނިއަރުން އެބަތިބި، ޓެކްނީޝަނުން އެބަތިބި، އެ އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ފެނަކައާއި ހަވާލުކުރުން އެއީ ސަރުކާރުން ގެންގުޅޭ ވިސްނުމެއް. އޭރުން ރަށްރަށުގައި ހަލާކުވެފައި ހުރި އެމްބިއުލާންސްތައް ހެދުމަށްޓަކައި މާލެ ގެންނާކަށް ނުޖެހޭނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ފެނަކައިން މަސްވެރިންނަށް އައިސްވެސް ފޯރުކޮށްދެވިދާނެ ކަމަށެވެ. އެހެންކަމުން ފެނަކައިގެ ޕްލޭންގެ ތެރެއަށް އެކަން ލައިދިނުމަށް ރައީސް ސޯލިހް ވަނީ އެދިވަޑައިގެންފައެވެ.

"އެހެންވީމަ ކުރިއަށް މި އޮތް މިދައުރުގެ ދެއަހަރުގެ ތެރޭގައި މިކަމާ ދޭތެރޭ ވިސްނަވައި ފެނަކައިގެ ޕްލޭންގެ ތެރެއަށް މިކަން (އައިސް ފޯރުކޮށްދިނުން) ލައިދެއްވައި ރައްޔިތުންނަށް ޚާއްސަކޮށް މަސްވެރިންނަށް މި ޚިދުމަތް ފޯރުކޮށްދިނުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށް އަޅުގަނޑު ދެކެން." ރައީސް ސާލިހް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު