އަހުމަދު މަސްނޫމް   4 ފެބްރުއަރީ 2022 - 15:19
ށ. ކޮމަންޑޫގައި މަސްކަނޑު ފައްޗެއް އަޅައިފިއެެވެ.

ކޮމަންޑޫ ކަނދުފަތި ކަނޑައިގެން ގޮސްފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން އެރަށް ކައިރީގައި ކަނދުފަތި އަޅާފައި ވަނީ މިއަދު ހެނދުނެވެ. ކަނދުފަތި އެޅުން ލަސްވެގެން މަސްވެރިން ވަނީ ވަރަށް ބޮޑަށް ޝަކުވާ ވެސް ކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ކޮމަންޑޫ ކަނދުފަތި، ކޮމަންޑޫގެ ހުޅަނގު އުތުރުން 14 މޭލު ބޭރުގައި މިއަދު ޤާއިމް ކޮށްފައިވާ ކަމަށެވެ. ކޮމަންޑޫ ކައިރީގައި މިއަދު ކަނދުފައްޗެއް އަޅާފައިވާއިރު ކޮމަންޑޫ ދާއިރާގެ ތަރައްގީއަށް ސަރުކާރު މިދުވަސްވަރު ގިނަ ކަންތައްތަކެއް ކުރަމުން ގެންދަނީ އެދާއިރާގައި މާދަމާ ބާއްވާ ބައި-އިލެކްޝަނަށް ނުފޫޒު ފޯރުވުމަށް ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.





ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި މާދަމާ ބާއްވަން ހަމަޖެހިފައިވާއިރު އެދާއިރާގެ ތަރައްގީއަށް މިފަހުން ފަށާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއުގެ އިތުރުން ކޮމަންޑޫގައި އައިސްޕްލާންޓެއް ގާއިމު ކުރުމާއި ފުޓްބޯޅަ ދަނޑެއް ތަރައްގީ ކުރުން ފަދަ ގިނަ ކަންތައްތަކެއް ހިމެނެއެެވެ.

ނަމަވެސް ސަރުކާރުން ބުނަމުންދަނީ މި މަޝްރޫޢުތަކަކީ މާދަމާ ބާއްވާ އެދާއިރާގެ ބައި-އިލެކްޝަނާއި ގުޅިގެން ކުރަމުންދާ ކަންތައްތަކެއް ނޫން ކަމަށެވެ. އެގޮތުން މި މަޝްރޫޢު ތަކަކީ ރައީސް ޞާލިޙުގެ ރިޔާސީ ވަޢުދުފުޅުތަކާއި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިގެން ހިންގާ ކަންކަން ކަމުގައި ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު