ޓީޗަރުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން ނިއްމި ނިއްމުމާއެކު ރާއްޖޭގެ ތައުލީމީ ދާއިރާގެ މުސްތަގުބަލަށް އުއްމީދެއް ލިބިގެން ހިނގައްޖެ ކަމަށް ޓީޗާސް އެސޯސިއޭޝަނުން ބުނެފިއެެވެ.

ޓޭމްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިއްޔެގެ ރިޔާސީ ބަޔާނުން ދާއިރާއާ މެދު ލިބުނު އުންމީދަކީ ގައުމު ބިނާކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި ދެކޭކަމަށެވެ. އަދި މި ބަދަލަކީ އެ އެސޯސިއޭޝަނުން ދާއިރާއަށް އައުމަށް އެދިއެދި ހުރި ބަދަލަކަށް ވުމާއެކު އެކަން އުފަލާއެކު ބަލައިގަންނަކަމަށް އެބަޔާނުގައިވެއެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނީ މި ބަދަލު އައިސްފައި މިވަނީ ތައުލީމީ ދާއިރާގައި ތިބި ފެންވަރު ރަނގަޅު ޓީޗަރުން އެހެން ދާއިރާތަކަށް ދިއުމާއި ކިޔަވައިގެން ތިބި މޮޅެތި ކުދިން ތައުލީމީ ދާއިރާއަށް ޝައުގުވެރިކަން ކުޑަވެފައިވާ ވަގުތެއްގައި ކަމަށެވެ. އެހެން ކަމުން މިބަދަލަށް އެ އެސޯސިއޭޝަނުންވަނީ މަރުހަބާ ކިޔައިފައެވެ.

ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ މޭ މަހު ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ޑިގްރީ ފެންވަރުގެ ޓީޗަރުންގެ މުސާރަ އަންނަ މޭ މަހުން ފެށިގެން 19،700 ރުފިޔާއަށް ބޮޑު ކުރާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެެވެ.



ކިޔުންތެރިންގެ ހިޔާލު