ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އިއްޔެ އިއްވެވި ރިޔާސީ ބަޔާނަކީ، އުއްމީދީ ގިނަ ސިޔާސަތުތަކެއް އިޢުލާނު ކުރެވިގެންދިޔަ ރިޔާސީ ބަޔާނެއް ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒަޢާމަތުގައި ހިންގަމުން ގެންދާ މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ބަޔާނާއި ގުޅިގެން އެމްއާރުއެމުން ނެރުނު ބަޔާނެއްގަައި ބުނެފައިވަނީ ރައީސް ހާމަކުރެއްވި ކަންކަމަކީ، ގިނަގުނަ ގޮންޖެހުންތަކާއި އެކުވެސް މި ސަރުކާރު އުފެއްދުމަށް އުފެދުނު ކޯލިޝަނުން އިސްލާޙަށް ކަނޑައެޅި އަމާޒުތައް ޙާޞިލްވަމުންދާކަމުގެ ޔަޤީންކަން އާވެގެންދިޔަ ކަންތައްތަކެއް ކަމަށެވެ. ޚާއްސަކޮށް އިސްލާޙަށް މަސައްކަތް ކުރާ ޕާޓީއެއްގެ ޙައިޞިއްޔަތުން އެ ޕާޓީގެ ވިސްނުމާއި ފިކުރު، ރިޔާސީ ބަޔާނުގައި ރައީސް ޞާލިޙު ފާހަގަކުރެއްވި ގިނަ ކަންތައްތަކާއި ނުހަނު އެއްގޮތް ކަމަށް އެމްއާރްއެމްގެ ބަޔާނުގައިވެއެެވެ.

އެގޮތުން މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤްލާލަށް ބުރުލެއް އަދި ގުޑުމެއް އައުމަށް ސަރުކާރުން ކުޑަވެސް ފުރުޞަތެއް ނުދޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވުމަކީ، އެ ޕާޓީގެ މެންބަރުންނާއި، ދިވެހި ރައްޔިތުން ފަޚުރުވެރިކަމާއިއެކު ބަލައިގަންނަ ކަމެއް ކަމަށްވެސް އެމްއާރްއެމުން ބުނެއެެވެ.

އިސްލާމީ ރިވެތި އުޞޫލުތަކަށް ހޭލުންތެރިކުރުމަށް މިހާރުވެސް ކުރެވެމުންދާ މަސައްކަތްތަކާއި، ކުރިއަށް އޮތް ތާނގައި ކުރުމަށް ރާވާފައިވާ މަސައްކަތްތައް ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވިއިރު، އެއީ ދީނީ ސައްޙަ މަޢުލޫމާތު ނޭނގުމުގެ ސަބަބުން މިހާރު ދިވެހި މުޖުތަމައުގެ ތެރޭގައި ފެތުރެމުންދާ އިސްލާމް ދީނާއި ދެކޮޅު ފިކުރުތަކާއި، އިސްލާމް ދީނުގެ ނަމުގައި ހައްދު ފަހަނައަޅައިދިއުމުގެ ފިކުރުތަކަށް ނިމުމެއް ގެނައުމަށް ކުރެވޭ މުހިއްމު މަސައްކަތްތަކެއްކަމަށް އެ ޕާޓީން ދެކޭ ކަމަށް އެބަޔާނުގައިވެއެެވެ.

ޤައުމުގެ ކުރިމަގަކީ ޒުވާނުންގެ ޖީލު ކަމުގައިވާއިރު އެ ޒުވާން ޖީލަކީ ބަވަނަ ވެފައިވާ ދުނިޔެއަށް ލޯ ހުޅުވިފައިވާ، ދުނިޔެއާއި އެއް ހަމައެއްގައި ވާދަކުރެވޭފަދަ ޢިލްމީ، ޤާބިލު ބަޔަކަށް ހެދުމަށް، ރައީސް ޞާލިޙުގެ ސަރުކާރުގައި ތަޢުލީމާއި ތަމްރީނަށް ދެއްވާފައިވާ މުހިއްމުކަން އެމްއާރުއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި ހިލޭ ޑިގްރީ އާއި، ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢުލީމުގެ ތެރެއިން ކޮންމެ އަހަރަކު އެތައްހާސް ޒުވާނުންނެއް ތަޢުލީމު ޙާޞިލްކޮށް، ޤައުމީ ޚިދުމަތަށް ނުކުންނައިރު މި މުހިއްމު މަސައްކަތުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާ އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ދައުލަތުގެ ވަޒީރު، ޑރ. އިބްރާހިމް ޙަސަނާއި ހަވާލުކުރައްވާފައިވުމަކީ އެމްއާރްއެމަށް ލިބޭ ފަޚުރެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

ތަޢުލީމީ ޤާބިލް ޒުވާނުން ޤައުމީ ޚިދުމަތަށް ނުކުންނައިރު، އެކަށޭނަ މުސާރައެއް ޔަޤީންކޮށްދިނުމަށް މި ސަރުކާރުން ވީ ވަޢުދު ފުދި، އޭގެ ފޮނިކަން ނިމިގެންދިޔަ ޖަނަވަރީ މަހުން ފެށިގެން އެތައް ހާސް މަސައްކަތްތެރިންނަށް ލިބެމުންދާއިރު، ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ސަރވިސް ޗާޖު އެ ދާއިރާގެ މުވައްޒަފުންނަށް ލިބޭނެކަން ޤާނޫނުން ކަށަވަރުވެގެން ދިއުމާއިއެކު، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ލިބޭ އެތައް އާއިލާއަކަށް އިތުރު ފުރުޞަތުތައް ހުޅުވިގެން ހިނގައްޖެ ކަމަށް ވެސް އެމްއާރްއެމުން ބުނެފައިވެއެވެ.

ސިއްޙީ ދާއިރާ ތަރައްޤީކުރުމާއި ގުޅޭގޮތުން ގިނަ ކަންތައްތަކެއް ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއިރު، ނަފްސާނީ ފަރުވާ ރާއްޖޭގެ އެކި ހިސާބުތަކުން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމާއި އަދި އެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަކޮށްފައިވާކަމީ އެ ޕާޓީން އުފަލާއިއެކު ފާހަގަކުރާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ނަފްސާނީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަކީ އެ ޕާޓީގެވެސް މުހިއްމު މަޤުސަދަކަށް ވާއިރު، މިއީ ރައްޔިތުން އެ ޚިދުމަތަކަށް ނިހާޔަތަށް ބޭނުންވެފައިވާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ. ހަމަ މިއާއިއެކު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ ޚިދުމަތްތަކާއި ފުރުޞަތުތައް، އަދި އެފަރާތްތަކަށް ސަރުކާރުން ދެމުންދާ އިނާޔަތް ބޮޑު ކުރުމަށް ނިންމާފައިވާ ނިންމުމަށާއި، ރާއްޖޭގައި ލާމަރުކަޒީ އުޞޫލުން ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމު އަލުން އަނބުރާ ޤާއިމުކުރުމުގެ ތައްޔާރީތައް، ސަރުކާރުން ހިންގަމުން ގެންދާ ކަމަށާއި، އެގޮތުން، މީހުން ދިރިއުޅޭ 58 ރަށެއްގައި ޕަބްލިކް ހެލްތު ކެއަރ ޕޯޓަލް މިހާރު ތަޢާރުފް ކުރެވިފައިވާ ކަމަށާއި، ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ކަށަވަރުކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު، މި އަހަރު މަޖިލީހަށް ފޮނުވާނެކަމަށް ވިދާޅުވެފައިވާތީ، އެމްއާރުއެމުން ވަނީ އެކަމަށްވެސް މަރުހަބާ ކިޔާފައެވެ.

ގިންތީގެ ހަމަހަމަ ކަމާއި، ނާޒުކު ޙާލަތްތަކުގައި ތިބި ފާރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ގެވެށި އަނިޔާ ހުއްޓުވުމަކީ ފެށުނީއްސުރެވެސް އެ ޕާޓީން އިސްކަންދޭ ދާއިރާތަކަކަށް ވާއިރު، އެ ދާއިރާތަކުން ކާމިޔާބީތަކެއް ހޯދައި، އިތުރު މަސައްކަތްތައް ކުރެވެމުންދާކަން ރިޔާސީ ބަޔާނުގައި ރައީސް ޞާލިޙު ހާމަކުރެއްވުމަކީ އެ ދާއިރާތަކުން ކުރެވޭ އުއްމީދު އާލާވެގެން ދިޔަ ކަމެއްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުންވެސް ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ އެހެން މައްސަލަތައް ކަމުގައިވާ ބޯހިޔާވަހިކަމާއި، ޑްރަގްގެ މައްސަލައަށް އެކަށޭނަ ޙައްލުތަކެއް ހޯދުމުގެ މަސައްކަތް ކުރެވެމުންދާތީ އެ ޕާޓީން ވަނީ އެކަމަށް މަރުޙަބާ ކިޔާފައެވެ.

ކޮވިޑްގެ ޢާލަމީ ވަބާ އާއިއެކު ދުނިޔެ ފުރަބަންދުވެ، ދުނިޔޭގެ އިޤުތިޞާދު ހީނަރުވެ، ޤައުމުތައް ބަނގުރޫޓުވާ ހިސާބަށް ދިޔައިރު، ރާއްޖޭގެ އިޤުތިޞާދަށް ކުރިމަތިވި ހީނަރުކަމާއިއެކުވެސް ސަރުކާރުން މުހިއްމު ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އިޤުތިޞާދު ވަރުގަދަ ކުރުމަށް ސަރުކާރުން ކުރަމުންދާ ކަންކަމާއި، ކުރިއަށް ރާވާފައިވާ ކަންތައްތަކުގެ ގޮތުގައި ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ކަންކަމަކީ އެ ކަންކަމަށް އެ ޕާޓީއިން މަރުޙަބާ ކިޔާ ކަމެއްކަން ބަޔާނުގައި ބުނެފައިވެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާނަކީ ރައްޔިތުންނަށް މި ސަރުކާރުން ފޯރުކޮށްދެވިފައިވާ ގިނަގުނަ ކަންތައްތަކަށް އަލިއަޅުވާލެވިފައިވާ، އަދި އުއްމީދީ ގިނަ ސިޔާސަތުތަކެއް އިޢުލާނު ކުރެވިގެންދިޔަ ރިޔާސީ ބަޔާނެއް ކަމަށް އެމްއާރުއެމުން ބުނެފައިވެއެވެ. އެގޮތުން، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެ ޕާޓީގެ ފަރާތުން ސަރުކާރުގައި ސިޔާސީ މަޤާމުތައް ފުރުއްވަމުން ގެންދަވާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބޭނެ ކަމުގެ ޔަޤީންކަން އެމްއާރްއެމުން ދީފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު