ހދ. ހަނިމާދޫގެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގެ ޕްލޭން ޑިޒައިން ކޮށްފައި އޮތީ މިލިޓަރީ ކޯޑަކަށް ކަމަށް އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މިއަދު ވިދާޅުވެއްޖެ އެވެ.

ޝޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި އިނަރ މޯލްޑިވިސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރުން ފަދަ ބޮޑު މަޝްރޫއެއް ބަޔަކަށް ދޭއިރު ސަރުކާރުގެ ފުރިހަމަ ބާރާއި އިހްތިޔާރު ކަންކަން ނިންމުމުގައި އޮންނަ ޖެހޭނެ ކަމަށެވެ. އަދި ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގެ ޕްލޭންގައި ބުނާގޮތުން މުޅި އެއާޕޯޓު ޑިޒައިން ކުރެވިފައި ވަނީ މިލިޓަރީ ކޯޑަކަށް ކަމުގެ މައުލޫމާތު އެކަން އެނގޭ ފަރާތަކުން ދީފައިވާ ކަމަށް ފިރާގު ވިދާޅުވި އެވެ.

އެހެންކަމުން އެ އެއާޕޯޓު ސިވިލް އެއާޕޯޓު ކޯޑަކަށް ގެނެވޭނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ފިރާގު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަމާއި މެދު ގައުމުގެ ވެރިން ވިސްނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އުންމީދުކުރަން މިވަގުތު ގައުމުގެ ވެރިން މިކަމަށް ވިސްނަވާނެ ކަމަށް، އަދި ކަމުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ލަފާ ބޭނުންކޮށް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން ގަބޫލުކުރާ ފެންވަރަށް ބަދަލު ގެނައުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް. އަވަށްޓެރި ގައުމެއްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ގަބޫލުކޮށް ސެޓިފައިޑް ކުރުމަކުން އެކަނި ނުފުދޭނެ." ފިރާގު ވިދާޅުވި އެވެ.

ހަނިމާދޫގެ އެއާޕޯޓު ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށް އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެެވެ. އެގޮތުން މި މަޝްރޫއަށް 85 މިލިއަން ޑޮލަރު ނުވަތަ 1.3 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެ މަޝްރޫއުގެ ދަށުން އެ އެއާޕޯޓުގައި 2.46 ކިލޯމީޓަރުގެ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ވަރުގެ ޓާމިނަލަކާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ނިއްމާފައެވެ. އަދި މަޝްރޫއު ނިމުމުން އެއާބަސް 320 އަދި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެެވެ.

ރާއްޖޭގައި އިންޑިއާގެ ކަނޑުގެ ސިފައިން އޮޕަރޭޓު ކުރަމުން އަންނަ އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ކަމަށްވާ ޑޯނިއާ 228 މަތިންދާބޯޓު ރާއްޖޭގައި އޮޕަރޭޓު ކުރުމަށް އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހަނިމާދޫގައި އެ ގައުމުގެ ސިފައިން ބޭތިއްބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.



ކިޔުންތެރިންގެ ހިޔާލު