ކޮންމެ ވޯޓަކީ ވެސް އަމާނާތެއް ކަމަށާއި ވޯޓަށް އަމާނަތްތެރި ނުވެވިއްޖެނަމަ ފަހުން ހިތާމަ ކުރަންޖެހިދާނެ ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ފޯރިގަދަ ވާދަވެރި ކެމްޕޭނަކަށްފަހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މާދަމާ ބޭއްވުމަށް ވަނީ ނިންމާފައެވެ. އެކަމާ ގުޅިގެން ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ ކޮންމެ ވޯޓަކީ ވެސް އަމާނާތެއް ކަމަށެވެ.

ވޯޓަކީ ވަކި ޕާޓީއެއްގެ މީހަކަށް ވެގެން ނުވަތަ ގިނަ ފައިސާ ދޭ މީހަކަށް ވިއްކާލާ އެއްޗަކަށް ވެގެން ނުވާނެ ކަމަށް ޑރ. އިިޔާޒް ވިދާޅުވިއެވެ.



"ވޯޓަކީ އެންމެ ގާބިލް އެންމެ އިޚުލާސްތެރި ކެންޑިޑޭޓަކަށް ދޭންޖެހޭ އެއްޗެއް، މި އަމާނާތަށް ރައްކާތެރި ނުވެވިއްޖެނަމަ އެކަމުގެ ހިތާމަ ފަހުން ކުރަންޖެހިދާނެ." މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދި ސަރުކާރު ވެރިކަމަށް ގެނައުމަށް އިސް ދައުރެއް އަދާކުރެއްވި ޑރ. އިޔާޒް ވިދާޅުވިއެވެ.

މާދަމާ ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޑރ. އިޔާޒް ނިސްބަތްވާ އަދާލަތު ޕާޓީން ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއިދު ކުރުމަށް ނިންމާފައެެވެ. އެހެން ނަމަވެސް ރާޝިދަށް ތާއިދު ކުރުމާއި ގުޅޭ ގޮތުން އަދާލަތު ޕާޓީން ބޭއްވި ބައްދަލުވުމުގައި ޑރ. އިޔާޒް ވޯޓުދެއްވާފައިވަނީ ރާޝިދަށް ތާއިދުކުރުމާއި ދެކޮޅަށެވެ. އަދާލަތު ޕާޓީގެ ނިންމުމާއި މެދު ހިތްހަމަޖެހިވަޑައިނުގެން އެޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު ކަމުން ޝައިހް އަލީ ޒައިދު ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި 3 ޕާޓީއަކުން ވާދަކުރެއެވެެ. ޢެއީ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދާއި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއާއި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީހެެވެ.



ކިޔުންތެރިންގެ ހިޔާލު