ފޯރިގަދަ ކެމްޕެއިނަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓްލުން ފަށައިފިއެވެ.

ކޮމަންޑޫގެ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓްލުން މާލޭގެ އިތުރުން، ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށީގައި ކުރިއަށްދާނެއެވެ. އަދި އިންތިހާބުގައި ވޯޓްލުމަށް ޖުމްލަ 7 ވޯޓް ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ ކޮމަންޑޫގައި ދެ ފޮއްޓާއި ފޯކައިދޫގައި ދެ ފޮއްޓާއި މަރޮށީގައި އެއް ފޮށި އަދި މާލޭގައި ދެ ފޮށްޓެވެ. މާލޭ ދެ ފޮށި ބަހައްޓާފައިވަނީ އިސްކަންދަރު ސްކޫލުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލުން ކުރިއަށްދަނީ ހެނދުނު 8:00 އިން މެންދުރުފަހު 4:00 އަށް ކަމަށެވެ. އަދި 3:00 އިން 4:00 އަށް ހާއްސަކުރާނީ ކޮވިޑް ޖެހިފައިވާ މީހުން ވޯޓްލުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ގުނުމަށް ހަމަޖެހިފައިވަނީ ވޯޓުލާ ނިމޭތާ ބައިގަޑިއިރު ފަހުންނެވެ.

ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެން ބާއްވާ ބައި އިލެކްޝަންގައި ވާދަކުރަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝީދު، ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމް އަދި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާނު އިދުރީހެވެ.

މި އިންތިހާބުގައި 3309 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު