މިއަދު ކުރިއަށްދާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަމާންކަމާއި، އޮމާންކަމާއެކު ކުރިއަށް ގެންގޮސްދިނުމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ރޭ އެދިވަޑައިގެންފިއެވެ.

ދައުލަތުގެ މީޑިޔާގައި ރޭ ވާހަކަ ދައްކަަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވަނީ ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ކަންކަން އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންގޮސްދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެން އަދި ވީހާ ވެސް ހެނދުނަކާއި ހުރިހާ ރައްޔިތުން ވޯޓްލައި ނިންމުމަށް ވެސް އެދިވަޑައިގެންފައެވެ.

ފުއާދު ވިދާޅުވީ ވޯޓްލާ ސަރަހައްދުގައި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތެއް ކުރިއަށް ގެންދިޔުމަކީ މަނާކަމެއް ކަމަށާއި އެފަދަ ކަންކަމުގެ ސަބަބުން މަސްލަހަތު ގެއްލިގެން ހިގައިދާނެ ކަަމަށެވެ. ފުއާދު ވިދާޅުވީ މަސްލަހަތު ގެއްލޭ ފަދަ ކަމެއް ހިގައިފިނަމަ ފުލުހުންގެ އެހީތެރިކަމަށް އެދޭނެ ކަމަށެވެ. އެފަދަ ހާލަތަކަށް ދިޔުމަކީ ކޮމިޝަނުން ބޭނުންވާ ގޮތެއް ނޫން ކަމަށް ފުއާދު ވިދާޅުވިއެެވެ.

"މިއަދު ކެމްޕޭން ކުރަން ނަހައްދަވާތި، އެހެންވެއްޖެއްޔާ އެތަނުގައި މަސްލަަހަތު ގެއްލިގެންދާތަން އަތުވެދާނެ. އެއީ އެކަމުގެ ސަބަބުން އެހެން މީސް މީހުން ޖަދަލު ކުރުމާއި ކަންކަންވާނެ. އަޅުގަނޑުމެން ފުލުހުން ބޭނުންކުރާ ހިސާބަށް ދިޔުމަކީ އެދޭކަމެއް ނޫން. ބޭނުންވާ ކަމެއް ނޫން. އެކަމަކު ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ފުލުހުންގެ އެހީއަށް އަޅުގަނޑުމެން އެދޭގޮތަށް އޮތީ. ފުލުހުން ވޯޓްލާ ހުރިހާ ރަށެއްގައި ތައްޔާރީ ހާލަތުގައި ތިބޭނެ. އެކަންތައްތައް ރަނގަޅަށް ގެންދިޔުމަށް އަޅުގަނޑު އިލްތިމާސްކުރަން." ފުއާދު ވިދާޅުވިއެެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ކޮމަންޑޫގެ އިތުރުން ފޯކައިދޫ އަދި މަރޮށީގައި ވެސް ވޯޓު ފޮށި ވަނީ ބަހައްޓާފައެެވެ. މި އިންތިހާބުގައި ވޯޓްލުމަށް ޖުމްލަ 7 ވޯޓް ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ ކޮމަންޑޫގައި ދެ ފޮށްޓާއި ފޯކައިދޫގައި ދެ ފޮށްޓާއި މަރޮށީގައި އެއް ފޮށި އަދި މާލޭގައި ދެ ފޮށްޓެވެ. މާލޭ ދެ ފޮށި ބަހައްޓާފައިވަނީ އިސްކަންދަރު ސްކޫލުގައެވެ.

ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން މެންދުރުފަހު 4:00 އަށެވެ. އަދި 3:00 އިން 4:00 އަށް ހާއްސަކުރާނީ ކޮވިޑް ޖެހިފައިވާ މީހުން ވޯޓްލުމަށެވެ. ވޯޓްލައި ނިމުމުން އެ ވޯޓްލީ މަރުކަޒެއްގެ ވަގުތީ ނަތީޖާ އެމަރުކަޒެއްގައި އިއުލާން ކުރާގޮތަށް ވަނީ ހަަމަޖެހިފައެެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ އެ ނަތީޖާ އިލެކްޝަން ކޮމިޝަންގެ މައި މަރުކަޒަށް ފޮނުވުމުން 7 ވޯޓް ފޮށީގެ ނަތީޖާ އެއްކޮށް މިރޭ ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ދާއީމީ ނަތީޖާ މިމަހުގެ 10 ވަނަ ދުވަހު އިއުލާންކުރާނެ ކަމަށާއި ދާއީމީ ނަތީޖާ އިއުލާންކުރާނީ އިންތިޚާބާއި ގުޅޭ ހުރިހާ ޝަކުވާތަކެއް ބެލުމަށްފަހު ކަމަށް ފުއާދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު