ކުރީގެ ސަރުކާރުގައި ހިންގި ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނާއި މެދު ގޮތެއް ނިއްމާނީ އާ އޭސީސީ ވުޖޫދަށް އައުމުން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީ (އޭސީސީ) ތިއްބެވި މެމްބަރުން މަގާމުން އިސްތިއުފާ ދެއްވުމުން އެކޮމިޝަން މިހާރު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ. ޢެކޮމިޝަނަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި 30 އަށް ވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފައެވެ.

ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަންގެ ނަމުގައި ރިޔާސީ ކޮމިޝަނެއްް އުފެއްދެވީ ފުލުހުންނާއި އޭސީސީ ފަދަ މުވައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ނެތުމުން ކަމަށާއި، އެހެން ނަމަވެސް މުވައްސަސާތަކަށް މިހާރު އިތުބާރު ލިބެން ފަށާފައިވާ ކަމަށެވެ.

މުވައްސަސާތަކަށް އިތުބާރު ލިބެން ފެށުމުން ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް އެ މުވައްސަސާތަކަށް ބަދަލުކުރައްވާނެ ކަމަށް ރައީސް މީގެ ކުރިން ވިދާޅުވެފައިވާ ކަމަށާއި އެމަރުހަލާ މިހާރު އޮތީ ކައިރީގައި ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މުޅިން އާ އޭސީސީ އެއް ވުޖޫދުވަމުން އަންނަތަން. ފުލުހުން މުވައްސަސާ އަށް ވެސް މިވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ. ޚާއްސަކޮށް ޖިނާއީ ވަރަށް ބޮޑެތި މައްސަލަތައް މީގެ ތެރޭގައި އެބަހިމެނޭ. އެކޮމިޝަނާއި ގުޅުންހުރި އެމަސައްކަތަށް ގާނޫނީ ގޮތުން އަސްލު މަތިކޮށްފައިވާ މުވައްސަސާތަކަށް ހަވާލުކުރާ ވާހަކަ ރައީސް ވިދާޅުވީ. އެއްގޮތަކީ ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް މުވައްސަސާތަކާއި ހަވާލުކޮށް އެހިސާބުން ކޮމިޝަންގެ މަސައްކަތް ނިމުން. ނުވަތަ މަޑުމަޑުން ހަވާލުކުރަމުން ގެންދިޔުން." އަލީ ޒާހިރު ވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު، 17، 2018 ވަނަ ދުވަހާ (އެމަނިކުފާނު ވެރިކަމުގެ ހުވާކުރެއްވުމާ) ހަމައަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތަކާ ހެދި ރަނގަޅަށް ނުބެލި އޮތުމުން އެފަދަ މައްސަލަތައް ބެލުމަށެވެ. އެކޮމިޝަނަށް ސަރުކާރުން ވަނީ ތަހުގީގީ ބޮޑެތި ބާރުތަކާއި ދައުވާކުރުމުގެ ބާރު ގާނޫނަކުން ދީފައެވެ. ޢެހެން ނަމަވެސް އެކޮމިޝަނަށް އެކަށީގެންވާ ނަތީޖާ ނުނުރެވޭ ކަމަށް ބުނެ ގިނަ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު