މިއަދު ކުރިއަށްދާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މެންދުރު 12:00 ޖެހުމާއި ހަމައަށް ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 44.4 އިންސައްތަ މީހުން ވޯޓް ލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ކުރިއަށްދާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓްލުމުގެ ހައްގު 3309 މީހުންނަށް ލިބިފައިވާކަމަށެވެ. އަދި އޭގެތެރެއިން 1472 މީހަކު މެންދުރު 12:00 ޖެހުމާއި ހަމައަށް ވޯޓްލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ވޯޓް ލީ 1472 މީހުންގެ ތެރޭގައި ހިމެނެނީ 741 ފިރިހެނުންނާއި 731 އަންހެނުންނެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 44.4 އިންސައްތައަށްވުރެ ގިނަ މީހުން ވަނީ ވޯޓްލާފައެެވެ.

ކޮމަންޑޫގެ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓްލުން މާލޭގެ އިތުރުން، ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށީގައި ވެސް ކުރިއަށް އެބަދެއެވެ. އަދި އިންތިހާބުގައި ވޯޓްލުމަށް ޖުމްލަ 7 ވޯޓް ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ ކޮމަންޑޫގައި ދެ ފޮށްޓާއި ފޯކައިދޫގައި ދެ ފޮށްއްޓާއި މަރޮށީގައި އެއް ފޮށި އަދި މާލޭގައި ދެ ފޮށްޓެވެ. މާލޭ ދެ ފޮށި ބަހައްޓާފައިވަނީ އިސްކަންދަރު ސްކޫލުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލުން ކުރިއަށްދަނީ ހެނދުނު 8:00 އިން މެންދުރުފަހު 4:00 އަށް ކަމަށެވެ. އަދި 3:00 އިން 4:00 އަށް ހާއްސަކުރާނީ ކޮވިޑް ޖެހިފައިވާ މީހުން ވޯޓްލުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ގުނުމަށް ހަމަޖެހިފައިވަނީ ވޯޓުލާ ނިމޭތާ ބައިގަޑިއިރު ފަހުންނެވެ.



ކިޔުންތެރިންގެ ހިޔާލު