އަހުމަދު މަސްނޫމް   5 ފެބްރުއަރީ 2022 - 18:43
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މިހާތަނަށް 56.7 އިންސައްތަ މީހުން ވޯޓްލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު އަވަހާރަވުމުންނެވެ. މިއިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުޙައްމަދު ރާޝިދެވެ. އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓަކީ މޫސާ ފަތުހީ އާދާމެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީހެވެ.

އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނުން ފެށިގެން، މެންދުރު 1:00 ޖެހުމާއި ހަމައަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 3309 މީހުންގެ ތެރެއިން 56.7 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ. އެއީ ޖުމްލަ 1857 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ 941 އަންހެނުންނާއި 916 ފިރިހެނުންނެވެ.



ކޮމަންޑޫގެ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން މާލޭގެ އިތުރުން، ބާއްވަނީ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށީގަ އެވެ. އަދި އިންތިހާބުގައި ވޯޓްލުމަށް ޖުމްލަ 7 ވޯޓް ފޮށްޓެއް ވަނީ ބަހައްޓާފައެވެ. އެއީ ކޮމަންޑޫގައި ދެ ފޮށްޓާއި ފޯކައިދޫގައި ދެ ފޮއްޓާއި މަރޮށީގައި އެއް ފޮށި އަދި މާލޭގައި ދެ ފޮށްޓެވެ. މާލޭ ދެ ފޮށި ބަހައްޓާފައިވަނީ އިސްކަންދަރު ސްކޫލުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލުން ކުރިއަށްދަނީ ހެނދުނު 8:00 އިން މެންދުރުފަހު 4:00 އަށް ކަމަށެވެ. އަދި 3:00 އިން 4:00 އަށް ހާއްސަކުރާނީ ކޮވިޑް ޖެހިފައިވާ މީހުން ވޯޓްލުމަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ގުނުމަށް ހަމަޖެހިފައިވަނީ ވޯޓުލާ ނިމޭތާ ބައިގަޑިއިރު ފަހުންނެވެ.

މިއަދުގެ އިންތިހާބު ފޯރިއާއެކު ކުރިއަށްދާއިރު އިންތިހާބާއި ގުޅޭގޮތުން ބައެއް ޝަކުވާތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމާއި ގުޅިގެން އެކަންކަން ދަނީ ބަލަމުންނެވެ. ނަމަވެސް ޖުމްލަ ގޮތެއްގައި އިންތިހާބުގެ ކަންކަން ދަނީ އޮމާންކޮށެވެ.



ކިޔުންތެރިންގެ ހިޔާލު