ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރަކުކަމަށް ބޭފުޅަކު އައްޔަންކުރުމަށް މިއަދު ކުރިއަށްދިޔަ ބައި އިލެކްޝަންގެ ވޯޓްލުން ނިންމާލައިފިއެވެ.

އިލެކްޝަނަންސް ކޮމިޝަނުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިންތިހާބުގައި ގިނަ ބަޔަކު ވަނީ ވޯޓްލާފައެވެ. އަދި 4:00 ޖެހުމާއި ހަމައަށް ވޯޓްލުން ކުރިއަށްގެންދާ ގޮތަށް ހަމަޖައްސާފައިވާއިރު، އިންތިހާބުގައި ވޯޓްލުމަށް ބެހެއްޓި ހުރިހާ ފޮށިތަކެއްް މިހާރު ބަންދުކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ގުނުމަށް ހަމަޖެހިފައިވަނީ ވޯޓުލާ ނިމޭތާ ބައިގަޑިއިރު ފަހުން ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު އަވަހާރަވުމުންނެވެ. މިއިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވީ މުޙައްމަދު ރާޝިދެވެ. އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓަކީ މޫސާ ފަތުހީ އާދާމެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރެއްވީ އަބްދުލް ހަންނާން އިދުރީހެވެ.

މިއަދުގެ އިންތިހާބު ކުރިއަށް ދިޔައިރު ބައެއް ކަހަލަ ހަމަނިޖެހުންތައް ވަނީ ހިނގާފައެވެ. އެގޮތުން މާލޭގައި ވޯޓުފޮށި ބަހައްޓާފައި ހުރި އިސްކަންދަރު ސްކޫލް ސަރަހައްދުގައި ވެސް ބޮޑު ދެޕާޓީގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކޮށް ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިނގާފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު