ހުޅުމާލޭގައި ތަރައްގީ ކުރި ކޯވިޑް-19 ހެލްތު ފެސިލިޓީ
ހުޅުމާލޭގައި ތަރައްގީ ކުރި ކޯވިޑް-19 ހެލްތު ފެސިލިޓީ
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާގެ ޚިދުމަތްތެރިން އެންމެ ފުރަތަމަ ދުވަހުވެސް ވިދާޅުވަމުން ގެންދެވި އެއް ވާހަކައަކީ، ރާއްޖޭގައި އެބައްޔަށް ފަރުވާކުރުމަށް އެކަށީގެންވާ ވަސީލަތްތައް ނެތްކަމުގެ ވާހަކައެވެ. އެ ކަންބޮޑުވުންތައް ފާޅުކުރެއްވީ ހަމައެކަނި ސިއްހީދާއިރާގެ ތަޖުރިބާކާރުން އެކަންޏެއް ނޫނެވެ. ޚުދު ދިވެހި ސަރުކާރުންވެސް ވަނީ އެ ކަންބޮޑުވުން އެގޮތަށް ފާޅުކޮށްފައެވެ. އެހެން ނަމަވެސް މި ބަލިމަޑުކަމުން ދިވެހިން ސަލާމަތް ކުރުމަށް މަސައްކަތްކުރުމުގައި ދިވެހި ސަރުކާރުން އުންމީދު ގެއްލުވާލި މަންޒަރު ކުޑަހިނދުކޮޅަކަށްވެސް ފެނިގެން ގޮސްފައެއް ނުވެއެވެ. ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް، ރާއްޖޭގެ ސިއްހީ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފެށީ ފުރިހަމަ ޔަޤީންކަމާ އިތުބާރާ އެކުގައެވެ.

ކުރިމަތިވަމުންދިޔަ ގޮންޖެހުންތަކާއި، އެތެރެއިންނާއި ބޭރުން ވެރިވަމުން ދިޔަ ހާސްކަމުގެ ތެރެއިން ދިވެހިންނަށް އިތުބާރާއި ޔަޤީންކަން ހޯއްދަވައިދެއްވީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. ކީރިތި ކުރަށްވަމުން ދިވެހިންނަށް ދެއްވީ އުއްމީދެކެވެ. މި ޢާލަމީ ވަބާއިން ދިވެހިން ސަލާމަތްކުރުމަށް އެއްމެ އިސްބަހާއި ފަހު ބަސްވެސް ބުނާނީ ސިއްހީ ދާއިރާގެ ޚިދުމަތްތެރިން ކަމުގެ ޔަޤީންކަމެވެ. އެ ފަރާތްތަކުން ބޭނުންވާ ހުރިހާ ވަސީލަތެއް ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި އެންމެ މަތީ ދަރަޖައަކަށް މަސައްކަތްކޮށްގެން ހޯދައި ދޭނެ ކަމުގެ ޔަޤީންކަން ރައީސް ޞާލިޙް ދެއްވިއެވެ. ކޮންމެ ރެއެއްގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކްވެސް ދެއްކެވީ އެ ވާހަކައެވެ. ދިވެއްސެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި މި ސަރުކާރުން ބަޖެޓުގައި އޮތް އެންމެ ފަހު ރުފިޔާވެސް ޚަރަދު ކުރަން ފަސްނުޖެހޭނެ ކަމުގެ ޔަޤީންކަން އޭނާވެސް ދެއްވިއެވެ.



އެހިސާބުން މަސައްކަތް ފަށައިފިއެވެ. ޓެސްޓްކިޓްތަކާއި، ވެންޓިލޭޓަރު ތަކާއި، ފަރުވާ ދިނުމަށް ބޭނުންވާ އާލާތްތައް ހަމަކުރުމުގެ މަސައްކަތުގައި ދަޢުލަތުގެ ވަޒީރުން ރެއާދުވާލު އެބޭފުޅެއްގެ ދާއިރާއިން ކުރެއްވެން ހުރި މަސައްކަތެއް ކުރެއްވުމުގައި ހޭލަމޭލަވާން ފަށައިފިއެވެ. މިކަމުގެ ތެރެއިންވެސް އެންމެ ފާހަގަ ވެގެން ދިޔައީ، ދިފާޢީ ވުޒާރާއެވެ. އެ ވުޒާރާގެ ވަޒީރަކަށް އެ ހުންނެވީ ފިސާރި ކަނބަލެކެވެ. އެކަމަނާގެ ބެއްލެވުމުގެ ދަށުގައިވާ ދިވެހިންގެ ދިފާޢީ ފާރުގެ ހިތްވަރުގަދަ ލަޝްކަރު ރުކުރުވާލީ ކޯވިޑް-19 އާ ހަނގުރާމަ ކުރުމަށެވެ. ކުރާން ޖެހުނު ކޮންމެ ގޮތަކަށެވެ. ބައްޔަށް އޮތް ހީރާސްއަށް ފަސްޖެހުމެއް ނެތި ދިވެހި ސިފައިން އެމީހުންގެ ޤައުމީ ވާޖިބަށް ނިކުތީ ފަސްގަނޑާ ދީނާ ޤައުމަށް ޓަކައެވެ. ލޮބުވެތި ރައްޔިތުންގެ ހައްގުގައެވެ. ކަނޑިބަޑިއަށްވުރެ މާ ނުރައްކާތެރި ހަތިޔާރެއްގެ ކުރިމައްޗަށް އަރާ ރައްޔިތުންގެ ފުރާނަ ސަމާތް ކުރުމަށް އެ ފަހުލަވާނުންގެ މޭ ދިއްކޮށްގެން ނުކުތީ އަމިއްލަ ފުރާނައަށް އެއްވެސް ފަރުވާލެއް ބެލުމެއް ނެތިއެވެ. ޤައުމީ ޚިދުމަތުގައި އެންމެ ހިނދުކޮޅަކަށްވެސް ފަސް ނުޖެހޭނެކަން ސާބިތުކޮށްދެމުންނެވެ.

ސިފައިންނަށް ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވި އެއް މަސައްކަތަކީ ހުޅުމާލޭގައި 300 މީހުންގެ މެޑިކަލް ފެސިލިޓީއެއް ޤާއިމު ކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް ސިފައިން ފަށާފައި ވަނީ 2020 އޭޕްރީލް 01 ވަނަ ދުވަހުއެވެ. މަސައްކަތް ރާވާ ހިންގުމުގައި އެންމެ އިސްކޮށް އެމްއެންޑީއެފުން މަސައްކަތް ކުރި ނަމަވެސް ފެނަކަ ކޯޕަރޭޝަން، ޕްލޭނިންގ މިނިސްޓްރީ، ލިއޯ ކޮންސްޓްރަކްޝަން، ރަޝީދު ކާޕެންޓްރީ އަދި އަމިއްލަ ބައެއް ކުންފުނިތަކުން މި މަސައްކަތް ކުރަމުންދިޔައީ ރެއެއް ދުވާލެއް ބެލުމެއްނެތި 24 ގަޑިއިރުއެވެ.



މަސައްކަތުގެ ވަކި ހިސާބަކުން ދެން ކުރިމަތިވީ ހިތްދަތި ޙާލަތެކެވެ. މަސައްކަތުގައި އުޅުނު ސިފައިންގެ ބޭކަލުންތަކެއް ކޯވިޑް-19 ގެ ޢާލަމީ ވަބާއަށް ހުށަހެޅިއްޖެއެވެ. އެހެން ނަމަވެސް މިއީވެސް ދިވެހި ސިފައިން ފަހަތަށް ޖެއްސޭނެ ސަބަބަކަށް ނުވިއެވެ. ބައްޔަށް ފައްސިވި ސިފައިންގެ ބަހަކަށްވީ، ޤައުމު ގޮވާލި މިދަނޑިވަޅުގައި އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް މަސައްކަތުގައި ދެމިތިބޭނެ ކަމަށެވެ. އެގޮތުން ސިފައިންގެ 76 ބޭކަލަކު ވަނީ އެ ފެސިލިޓީގެ މަސައްކަތުގައި އެތަނުގައި ކަރަންޓީނުގައި ތިބެ މި މަސައްކަތްކޮށް ސިފައިންގެ ހުރި ކެރުންތެރިކަން ދިވެހިންނަށް ސާބިތުކޮށްދީފައެވެ. ދިވެހި ސިފައިންނަށް އައްސަރިބަހާއި ސާބަހެވެ.

އެމްއެންޑީއެފްގެ މިލިޓްރީ އިންޖިނިއަރސްއާއި އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ އިތުރުން ސިގްނަލްސްގެ 350 ސިފައިން 45 ދުވަހުގެ ތެރޭގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގެ މަސައްކަތް ނިންމައިފިއެވެ. ހުރިހާ ގޮންޖެހުމަކުން އަރައިގަނެ، ދިވެހި ސިފައިންނަށް ނުވާނެ ކަމެއް ނޯންނާނެކަން އިތުރަށް ޔަޤީންކޮށްދީފިއެވެ. ރެއާދުވާލު މަސައްކަތްކޮށް ރައީސް ޞާލިޙް ދެއްވި އިރުޝާދާއި އެއްގޮތަށް، ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީގެ ޙިކުމަތު ޢަމަލީ އާއި އެކު، މޭޖަރ ޝަމާލްގެ ޖަޑިބު ކަމުގައި ދިވެހިންނަށް މި ވަގުތަށް އެންމެ ބޭނުންވި، ސިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ ޒަމާނީ މަރުކަޒު ދިވެހި ސިފައިން ބިނާކޮށްދީފިއެވެ. މި ޢީދުގައި ދިވެހި ސިފައިންގެ ފަރާތުން ދިވެހިންނަށް ހަދިޔާކޮށްފައި މިވަނީ މިވަގުތާއި އަދި މިހާލަތާއި އެންމެ ގުޅޭ އެންމެ ބޭނުންތެރި އަގު ނުކުރެވޭވަރުގެ އަގުބޮޑު، ބޮޑު، ބިޔަ ހަދިޔާއެކެވެ. މިއާއެކު ކަމާބެހޭ ބޭފުޅުން ވިދާޅުވީ މިހާރު ސާޖެއް އަޔަސް ބޭނުންވާ ވަސީލަތްތައް ފުރިހަމަ ވެއްޖެ ކަމަށެވެ.



ހުޅުމާލެ މެޑިކަލް ފެސިލިޓީސް ތަރައްޤީކޮށްފައިވަނީ ފަސް ބުލޮކް ހިމެނޭ ގޮތަށެވެ. މިގޮތުން ހަތަރު ބުރި ހިމެނޭ ބުލޮކް އޭ އިމާރާތް ތަރައްޤީކޮށްފައިވަނީ 222 އެނދު ހިމެނޭ ގޮތަށެވެ. އަދި އެއްބުރި އިމާރާތެއްގެ ގޮތުގައި ހަދާފައިވާ ބުލޮކް ބީ ގައި 68 އެނދު ހިމެނޭއިރު ބުލޮކް ސީ ޢީމާރާތް ތައްޔާރުކޮށްފައި ވަނީ ހެލްތު ކެއަރ ވޯކަރސް އެކޮމޮޑޭޝަން އިމާރާތެއްގެ ގޮތުގައެވެ. އަދި ބުލޮކް ޑީ ސަރވިސް ބިލްޑިންގއެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާއިރު މި ޢިމާރާތުގައި ހިމެނެނީ ލޯންޑްރީއާއި އޮފީހާއި މީޓިންގ ރޫމެކެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ފަސްވަނަ ބުލޮކް ކަމަށްވާ އެއްބުރިއަށް ހަދާފައިވާ ބުލޮކް އީ ގައި ހިމެނެނީ ހިނަވާގެޔަކާއި އޮޓޯކްލޭވް މެޝިނެވެ.

ސިފައިންގެ މަސައްކަތް އޭގެ އެންމެ ފުރިހަމައަށް ނިންމުމަށްފަހު މި ޢީދު ދުވަހު އެ މަރުކަޒު ވަނީ، ދިވެހި ސަރުކާރާއި ޙަވާލުކޮށްފައެވެ. އެކަމަށްޓަކައި ކުޑަރަސްމިއްޔާތެއް ބާއްވާފައިވާއިރު ދިފާޢީ ވަޒީރު މާރިޔާ އަޙްމދު ދީދީ ވަނީ ފުރާނަ އަތްމައްޗަށް ލައިގެން މެޑިކަލް ފެސިލިޓީ ތަރައްޤީކުރުމުގެ ބުރަ މަސައްކަތް ކުރި އެންމެހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ. އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ ރައީސް ޞާލިޙާއި، ދިފާޢީ ވަޒީރު މާރިޔާގެ އިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީސްގެ މަސައްކަތް ކުރިއަށްދިޔައިރު މަސައްކަތަށް ބޭނުންވާ ފަރުމާކުރުމާއި އަދި ބޭނުންވި އެހެނިހެން އެހީތެރިކަން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ދެއްވާފައިވާތީއާއި، މި މަސައްކަތަށް ބޭނުންވާ އެންމެހާކަންކަމަށް މަގުފަހިކޮށްދިނުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮންސަލްޓަންޓް މަހުޖޫބް ޝުޖާޢު ދެއްވި އެހީތެރިކަމަށްޓަކައި އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.



ދިވެހި ސިފައިން މަސައްކަތް ކުރީ މި ފެސިލިޓީގެ މަސައްކަތުގައި އެކަންޏެއް ނޫނެވެ. ކޯވިޑް-19 ގެ ނުރައްކާ ފެށުނީއްސުރެ އެންމެ ކުރީ ސަފުގައި، ދޭހާ އަތްވެއްގައި، ވެހޭހާ ވާރެއެއްގައި އަދި ނަގާ ބިޔަ ރާޅުތަކާއި ގަދަވަޔާއި ވިއްސާރައިގައި ސިފައިން އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުން އެގެންދަނީ ތިމަންމެން އެންމެންގެ ފުރާނައަށްވުރެ އެންމެ ދިވެއްސެއްގެ ފުރާނަ މުހިންމުކަމުގައި ދެކި މި އާލަމީ ވަބާގައި ހަމަ އެންމެ ދިވެއްސެއްގެ ފުރާނަ ދިއުމަށްވެސް ނޭދޭކަން ސާބިތު ކޮށްދެމުންނެވެ.

ބައްޔަށް ޝައްކު ކުރެވޭ މީހުންނާއި ފެސިލިޓީތަކަށް ގެންދާ މީހުންނާއި އައިސޮލޭޝަނަށް ގެންދާ މީހުން އުފުމުގައިވެސް އެންމެ ކުރީ ސަފުގައި އެމީހުންނެވެ. ކަރަންޓީން ފެސިލިޓީތަކަށް ތަކެތި އުފުލުމާއި ބެލެހެއްޓުމުގައިވެސް އެމީހުންގެ ދައުރު ކުޑައެއްނޫނެވެ. ރައްޔިތުން ގޭތެރޭގައި ބައިތިއްބައިގެން ކާބޯތަކެއްކާއި ފެނާއި ކާޑުވެސް އެމީހުން ގޭގެއަށް އުފުލައިދިނެވެ. ޖެހުނު ކޮންމެ ދާއިރާއެއްގައި، ގޮވައިލި ކޮންމެ ވަގުތަކު ކޮންމެ ކަމެއްގައި، ހަމަ "ޔެސް ސަރ" ނޫން ހަމަ އެހެން އެއްވެސް ބަހެއް ގައުމީ މަސައްކަތެއްގައި އެމީހުންގެ ދުލަކުން ބޭރު ނުވާނެކަން މިއަދު މިވަނީ ކިތަންމެ ރަނގަޅަކަށްވެސް ސާބިތު ކޮށްދީފައެވެ.



ކޮންމެއަކަސް މިއަހަރުގެ ފިޠުރު ޢީދުގެ އުފާވެރިކަން ދިވެހިންނަށް ލިބިގެން މިދިޔައީ މިވަގުތަށް ދިވެހިން އެންމެ ބޭނުންވި މަންޒަރު ދިވެހިންނަށް ކުރަހައިދެމުންނެވެ. ދިވެހި ސިފައިންގެ ފަރާތުން ދިވެހިންނަށް ތިޔަ ދިން ޢީދު ހަދިޔާއަކީ، އެ ހަދިޔާއެއްގެ ހަނދާން މި ޤައުމު އަބަދުމެ އާކުރާނެ ހަދިޔާއެކެވެ. ދިވެހި ތާރީޚުގައި ރަން އަކުރުން ލިޔެވޭނެ ތީރީޚީ ހަދިޔާއެކެވެ. ތިޔައީ މި ޤައުމުގެ ރައްޔިތުންގެ ދިފާޢީ ފާރަވެރިންކަން އަނެއްކާވެސް ތިޔަ ސާބިތުކޮށްދިނީ ދިވެހިންގެ ހިތްތަކަށް ފިނިކަން ގެނެސްދެމުންނެވެ. ދިވެހި ސިފައިންނަށް ފަށްފަށުން ޝުކުރިއްޔާއެވެ.





ކިޔުންތެރިންގެ ހިޔާލު


-5

ބީސީ

26-May-2020

350 ސިފައިން ނެން ނޫން 76 ސިފައިން


7

ސުލައިމާން

26-May-2020

ސިފައިންގެ އަޝްކރިއްޔާގެ ޖަޑިބު ކަމުގައި ނުހުނާނެ މޭޖާ ޝަމާލެއް. މޭޖާ ޖެނެރަލް ޝަމާލް. ޢިސްލާހު ކުރިއްޔާ ރަގަނޅު



ޓްރެންޑިން