މިއަދު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުން ބަލިވީ އެމްޑީޕީ ކަމަށާއި މިއީ ޕީޕީއެމަށް ލިބުނު ވަރަށް ބޮޑު ނަސްރެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު މިރޭ ވިދާޅުވެެއްޖެއެވެ.

މިއަދު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. ރާޝިދަށް ގޮނޑި ލިބެނީ ބޮޑު ތަފާތަކުންނެވެ.

ޕީޕިއެމް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، މިއަދުގެ އިންތިޚާބުން އެމްޑީޕީ މޮޅުވި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ސަރުކާރު އިންތިޚާބަށް އެކިގޮތްގޮތުން އެތަށް ނުފޫޒެެއް ފޯރުވާފައިވާ ކަމަށާއި، އިންތިޚާބާއި ދިމާކޮށް ކުއްލިއަކަށް ގިނަ ވަޒީފާތަކެއް އުފެއްދިއިރު އެކަންކަން ބަލާނެ މުވައްސަސާއެއް ނެތް ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އެތައް ނުފޫޒެއްގެ ތެރެއިން ބޭއްވި ކޮމަންޑޫ އިންތިޚާބުގެ ނަތީޖާ އިދިކޮޅު ކޯލިޝަނުން ގަބޫލުނުކުރާ ކަމަށާއި އެ އިންތިޚާބަށް އިންޑިޔާއިން ވެސް ނުފޫޒު ފޯރުވި ކަމަށް ޝުޖާއު ތުހުމަތުކުރެއްވިއެވެ.

"ހުރިހާ ނުފޫޒެއްގެ ބޭނުންކުރަމުން ދިޔައިރުވެސް އަޅުގަނޑުމެން އޭގެ މައްޗަށް ހޯދި ނަސްރުމީ، މިއީ އެމްޑީޕީން ފަޚުރުވެރިވާންޖެހޭ ވަރުގެ ކާމިޔާބެއް ނޫން. ބޮޑު ބައްޔަކުން އަޅުގަނޑުމެން މި ބަލިކުރީ." ޝުޖާއު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕިއެމްގެ ނާއިބް ރައީސް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިންތިޚާބުން ނުކުތީ އެމްޑީޕީން ލަދުގަންނަންޖެހޭ ވަރުގެ ނަތީޖާ އެއް ކަމަށެވެ. އިންތިޚާބާއި ދިމާކޮށް ބިލިއަނެއްހާ ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވާ ކަމަށާއި އެއީ ބޮލަކަށް ބަލާނަމަ 300000 ރުފިޔާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ ޕީޕިއެމަށް ވުރެ އިތުރަށް އެމްޑީޕީއަށް ހޯދުނީ 230 ވޯޓް ކަމަށާއި، އިންތިޚާބުން އެނގިގެންދިޔައީ ރައީސް ޔާމިނަށް އޮތް ތާއިދު ކަމަށެެވެ. މިއީ ޕީޕިއެމްގެ ސަޕޯޓަރުން ހިތްވަރު ލިބިގަންނަންވީ ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އޭސީސީ ޕެރެލައިޒް ކުރުމަށްފަހު، ފަސް މެމްބަރުންވެސް ނެތް އޭސީސީ އަކު. ނެތް މިއިން ކަމެއް ބެލޭނެ ނިޒާމެއް. ގަސްތުގައި ސަރުކާރުން އެތަން އެހެލާފައި ބާއްވާފައި އެބޭފުޅުން ބޭނުންވާ ގޮތަކަށް ކަންތައްކުރިތަން ފެނިގެންމިދިޔައީ، ސީދާ އިންޑިޔާގެ ނުފޫޒުގެ ދަށުން ސަރުކާރުން ރާވައިގެން ކުރިއަށް ގެންދިޔަ ތަން ފެނިގެން މިދިޔައީ." މޭޔަރު މުއިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު