އިއްޔެ ކުރިއަށްދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ގުޅޭގޮތުން ބޮޑު މައްސަލައެއް ހުށަހަޅާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ގުޅޭގޮތުން މިހާތަނަށް ހުށަހެޅިފައިވަނީ 10 ޝަކުވާކަމަށެވެ. ނަމަވެސް އޭގެތެރޭގައި އިންތިހާބަށް އަސަރުކުރާފަަދަ މާބޮޑު މައްސަލައެއް ނެތްކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިއްޔެ އޮތް އިންތިހާބުގެ ވޯޓްލުން ފެށުމުގެ ކުރިންވެސް ބައެއް ޝަކުވާތައް ހުށަހެޅި ކަމަށާއި، އަދި އެ މައްސަލަތަކަށް ޖަވާބުދާރީވެފައިވާކަމަށެވެ. މީގެއިތުރުން އިއްޔެ އިންތިހާބުކުރިއަށްދިޔައިރުވެސް 7 ޝަކުވާއެއް ލިބިފައިވާ ކަމަށާއި އެ ޝަކުވާތައް މިހާރު ބަލަމުންދާކަމަށެވެ. ނަމަވެސް އެއީވެސް މާބޮޑު މައްސަލަތަކެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިއްޔެ ކުރިއަށްދިޔަ އިންތިހާބާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށެވެ. އަދި ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި އެފަދަ ޝަކުވާތައް ހުށަހެޅުމަށް އެ ކޮމިޝަނުން އިލްތިމާސްކުރެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައިވާއިރު، އެގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދެވެ. އޭނާއަށް ވަނީ 1401 ވޯޓް ލިބިފައެވެ. އަދި ދެވަނައަށް ދިޔަ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އަށް ލިބުނީ 1161 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާނަށް ލިބުނީ 323 ވޯޓެވެ.



ކިޔުންތެރިންގެ ހިޔާލު