އެމްޑީޕީގެ މެމްބަރުންގެ މެދުގައި ނުތަނަވަސްކަން ނެތް ނަމަ އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ އިންތިޚާބު ބޮޑުތަނުން އެޕާޓީ ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވެ ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ނަތީޖާއާއިމެދު ހިތްހަމަ ނުޖެހޭކަން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހާމަކުރަށްވައިފިއެވެ.

އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު އިންތިޚާބު ކާމިޔާބު ކުރެއްވީ 1401 ވޯޓުންނެެވެ. އޭނާ އާއި އެންމެ ގާތުން ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުޙީއަށް ލިބިވަޑައިގަތީ 1161 ވޯޓެވެ. އެމްޑީޕީން ކޮމަންޑޫ ގޮނޑި ދިފާއު ކުރީ 200 އެއްހާ ވޯޓްގެ ތަފާތަކުންނެވެ.

އެކަމާ ގުޅިގެން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ‏އެމްޑީޕީ މެމްބަރުންނާ ސަޕޯޓަރުންގެ ތެރޭގައި ބައެއް ނުތަނަވަސްކަން ނެތްނަމަ، އިއްޔެގެ އިންތިޚާބު މާބޮޑުތަނުން ކާމިޔާބު ކުރެވުނީސް ކަމަށެވެ. އެހެންކަމުން ޕާޓީގެ މެމްބަރުންނާ ސަޕޯޓަރުންގެ އަޑުއަހަންޖެހޭ ކަމަށް ވަހީދު ވިދާޅުވިއެވެެ.

"މެމްބަރުންގެ މި ނުތަނަވަސްކަން ފިލުވާލައި އާހިތްވަރާއެކު އެމްޑީޕީ ހިންދެމިލާންޖެހޭ. ޕާޓީގެ އިތުބާރު ނަގަހައްޓަންޖެހޭ." ވަހީދު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބު ސަރުކާރާއި ކޯލިޝަން ޕާޓީތަކުގެ ލީޑަރުންގެ އެހީތެރިކަމާއެކު ކާމިޔާބުކޮށް އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ގޮނޑި ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ 48 އިންސައްތަ ވޯޓުންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް 40 އިންސައްތަ ވޯޓް ހޯއްދެވިއިރު އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީހަށް ލިބުނީ 11 އިންސައްތަ ވޯޓެވެެ.



ކިޔުންތެރިންގެ ހިޔާލު