ނިމިދިޔަ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ޕީޕީއެމް ބަލިވީ ކީއްވެގެންކަން ރައްޔިތުންނަށް ވިދާޅުވެދެއްވަފާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިހެން ވިދާޅުވީ ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުނީ ޖުމުހޫރީ ޕާޓީއާއި ކޯލިޝަން ހެދުމުން ކަމަށް ވިދާޅުވެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދު ﷲ ޔާމިން ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުންނެެވެ.

ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރ އިލްހާމް އަހުމަދު ވިދާޅުވީ ޕީޕީއެމްގެ އިސްވެރިން ހިންގަވާ ނޫސްތަކުން ކޮމަންޑޫ އިންތިޚާބާއި ދިމާކޮށް އެތައް ދޮގު ވާހަަކައެއް ފަތުރާފައިވާ ކަމަށެވެ. އަދި މަޖިލިސް އިންތިޚާބުގައި ޕީޕިއެމް ބަލިވީ ކީއްވެ ކަން އެންމެ ރަނގަޅަށް އެނގިވަޑަައިގަންނަވާނީ ރައީސް ޔާމިނަށް ކަމަށް އިލްހާމް ވިދާޅުވިއެވެ.





"މަޖިލިސް އިންތިޚާބުގައި ބަލިވީ ކީއްވެކަން އެންމެ ބޮޑަށް އެނގޭނީ ހަމަ މަނިކުފާނަށް (ރައީސް ޔާމިނަށް). ބޭނުންފުޅު ވަންޏާ ކިޔައިދީފާނަން." ޕީޕީއެމްގެ ނާއިބް ލީޑަރުކަންވެސް ކުރެއްވި އިލްހާމް ވިދާޅުވިއެެވެ.

އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއިދާއެކުއެެވެ. ގާސިމް ވަނީ ރާޝިދަށް ކެމްޕޭން ކޮށްދެއްވުމަށް ކޮަމަންޑޫ، ފޯކައިދޫ އަދި މަރޮށްޓަށް ވަޑައިގެން އޭނާ އެ ގޮނޑިއަށް އިންތިޚާބު ކޮށްދިނުމަށް ކޯލިޝަން ލީޑަރެއްގެ ހައިސިއްޔަތުން ގިނަ މަސަައްކަތްތަކެއް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު