އޯޑިއޯއެއް ލީކުވިޔޭ ކިޔާފައި މީހަކު ވަޒީފާއިން ވަކިކުރުމަކީ ރަނގަޅު ވިސްނުމެއް ނޫންކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މިހެން ވިދާޅުވެފައި މިވަނީ ނިމިދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓުދިނުމަށް މަޖުބޫރުކޮށް ފެނަކަ ކޯޕަރޭޝަންގެ އޮޕަރޭޝަންސް ހެޑް ޒާހިރު އުސްމާން މުވައްޒަފުންނަށް ބިރު ދައްކާފައިވާ ކަމަށްބުނާ އޯޑިއޯއެއް ލީކްވެފައިވާތީ އެކަމާ ގުޅިގެން އޭނާ ވަޒީފާއިން ވަކި ކުރުމަށް އެމްޑީޕީގެ ބައެއް މެމްބަރުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

އެކަމާއި ގުޅިގެން އާންމުންގެ އިތުރުން އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ ފާޑު ކިޔުން ވަނީ ފެނަކައަށް އަމާޒުވެފައެވެ.



ފެންމަތިވެގެން އުޅޭ މައްސަލައާއި ގުޅޭގޮތުން މީޑިއާއަކާއި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ ޒާހިރުގެ އޯޑިއޯއެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ލީކުވެގެން އުޅެނީ ސައްހަ އޯޑިއޯއެއް ކަމާއި މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ސައްހަކަން ކަށަވަރުނުވާ އޯޑިއޯއަކަށް ރިޔާއަތްކޮށް މީހުން ވަޒީފާއިން ވަކިކުރުމަކީ ރަނގަޅު ވިސްނުމެއް ނޫންކަމަށާއި އަދި އެއީ އޭނާ ތާއީދުކުރާ ވިސްނުމެއް ނޫންކަމަށްވެސް ސައީދު ވިދާޅުވިއެވެެ.

"އެހެން ވަކި ކުރަންޏާ އެމްޑީޕީގެ ތެރެއިން ވެސް ގިނަ ބަޔަކު ވަކި ކުރަންޖެހޭ." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެމްޑީޕީއަށް މީހުން ވޯޓް ދެނީ މަޖުބޫރުކަމެއް ނެތި، ލޯތްބާއި އޯގާތެރިކަމާއެކުކަމަށެވެ. އަދި ބިރު ދައްކައިގެން އެމްޑީޕީއަށް ވޯޓް ހޯދަން މަސައްކަތް ނުކުރާނެކަމަށްވެސް ސައީދު ވިދާޅުވިއެވެެ.



ކިޔުންތެރިންގެ ހިޔާލު