އިންޑިއާގެ ލެޖެންޑަރީ ލަވަކިއުންތެރިޔާ ލަތާ މަންގޭޝްކަރުގެ ކުއްލި މަރާއި ގުޅިގެން ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ތައުޒިއާ ވިދާޅުވެއްޖެއެވެ.

ލަވަކިއުންތެރިޔާ ލަތާ މަންގޭޝްކަރް މަރުވީ ކޮވިޑް ބަައްޔަށް ޕޮޒިޓިވްވެ، މަހެއްހާ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދަނިކޮށެވެ.

ލަތާގެ މަރުގެ ހަބަރާއިއެކު މުޅި އިންޑިއާ ކުރަމުންދާ ހިތާމައިގައި ބައިވެރިވެވަޑައިގެން ރައީސް ޞާލިޙް ވަނީ ލަތާގެ އާއިލާއަށާއި އިންޑިއާގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި އިންޑިއާއަށް ގެއްލިގެން އެދިޔައީ އަގުހުރި ހަޒާނާއެއް ކަމަށްވެސް އެމަނިކުފާނުގެ ތައުޒިޔާގެ މެސެޖުގައި ވިދާޅުވިއެވެ.

"ލަތާ މަންގޭޝްކަރު ނިޔާވި ހަބަރު އެހީ ފުންހިތާމައާއިއެކު. ލަތާގެ ލަވަތަކަކީ އަދިވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގެ އެތައްބަޔަކަށް އުފާވެރިކަން ގެނެސްދޭ ލަވަތަކެއް. އިންޑިއާއަށް ގެއްލިގެން އެދިޔައީ އަގުހުރި ހަޒާނާއެއް." ރައީސް ޞާލިޙް ވިދާޅުވިއެވެ.

އުމުރުން 92 އަހަރުގައި ލަތާ މަންގޭޝްކަރް މަރުވެފައިވަނީ އިންޑިއާގެ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓްލުގައި އެޑްމިޓްކޮށް ފަރުވާދެމުދަނިކޮށެވެ. ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ލަތާ ވަނީ ކޮވިޑް ބަލީގެ އިތުރުން ނިއުމޯނިއާ ބައްޔަށްވެސް ފަރުވާ ހޯދާފައެވެ. އަދި ހާލު ގޯސްވެ ދެފަހަރެއްގެ މަތިން ވެންޓިލޭޓަރަށް ލައި ފަރުވާ ދިން ކަމަށްވެސް މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

ލަތާ މަންގޭޝްކަރުގެ ޖަނާޒާ ބާއްވާފައިވަނީ އިންޑިއާ ގަޑިން މިއަދު އިރުއޮއްސި 6:30 ހާއިރުއެވެ.

ލަތާގެ މަރުގެ ހަބަރާއެކު، އިންޑިއާގެ ރައީސް، ބޮޑުވަޒީރު އަދި ސަރުކާރުގެ ގިނަ އިސްވެރިން ވަނީ ލަތާގެ އާއިލާއަަށް ތައުޒިއާގެ މެސެޖު ފޮނުވާފައެވެ. އަދި ސަރުކާރުގެ އިސްވެރިންގެ އިތުރުން، ގިނަ އާންމު ފަރުދުން ވަނީ ލަތާ މަންގޭޝްކަރުގެ ޖަނާޒާގައި ބައިވެރިވެފައެވެ.

ލަތާގެ މަރުގެ ހަބަރާއި އެކު މުޅި އިންޑިއާ ކުރަމުންދާ ހިތާމައާއިއެކު، އިންޑިއާ ސަރުކާރުން ވަނީ ތައުޒިއާގެ ދެދުވަސް އިއުލާންކޮށް، ބައި ދަނޑިއަށް ގައުމީ ދިދަވެސް ތިރިކޮށްފައެވެ.

އިންޑިއާގެ ސިނަމާތަކަށް ވިދުން ގެނައި ލެޖެންޑަރީ ލަވަކިޔުންތެރިޔާ ލަތާ ވަނީ މިހާތަނަށް 36 ބަހަކުން 30،000 އަށް ވުރެ ގިނަ ލަވަ ކިޔާފައެވެ. ލަތާގެ ލަވަތަކަކީ މިހާރުވެސް ދުނިޔޭގެ އެކިކަންކޮޅުގައި ގިނަ ބައެއްގެ މެދުގައި މަގުބޫލު ލަވަތަކެވެ.

ލަތާގެ މަސައްކަތް ފާހަގަކޮށް އިންޑިއާ ސަރުކާރުން ވަނީ މިދިޔަ އަހަރު، އިންޑިއާގެ އާންމު ރައްޔިތަކަށް ދެވޭނެ އެންމެ މަތީ ލަގަބާއިއެކު ގައުމީ އިނާމުވެސް ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު