ސަރުކާރުން ތިމާވެށީގެ ރޮނގުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ކާމިޔާބުކުރުމަށް ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަން ޚާއްޞަކޮށް، މާލީ ކަންކަމުގައި ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ގްލޯބަލް ސެންޓަރ އޮން އެޑަޕްޓޭޝަން (ޖީސީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ޑޮކްޓަރ ޕެޓްރިކް ވެރްކޮޔަން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖީސީއޭގެ ސީއީއޯ ރާއްޖެ ވަޑައިގެންނެވި ކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ. އަދި، ދެބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ސަރުކާރުން ތިމާވެށީގެ ރޮނގުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ޖީސީއޭގެ ސީއީއޯއާ ޙިއްޞާކުރައްވައި އެކަންކަން ކާމިޔާބުކަމާއެކީ ކުރުމަށްޓަކައި، ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަން ޚާއްޞަކޮށް މާލީ ކަންކަމުގައި ބޭނުންވާކަން ފާހަގަކުރައްވާފައެވެ.



މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ޖީސީއޭގެ ސީއީއޯ ވަނީ ރާއްޖޭގެ އިތުރުން އެހެން ބައިނަލްއަޤްވާމީ ފަރާތްތަކާއި އެކު ޖީސީއޭ އިން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ގުޅޭގޮތުން ކުރަމުން އަންނަ ބައެއް މަޝްވަރާތަކާއި މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މީގެ އިތުރުން ވެސް ސީއީއޯ ވިދާޅުވިގޮތުގައި ޖީސީއޭ އިން ރާއްޖެއަށް ހުށަހަޅާ ކަންކަމަކީ ރައީސް ސާލިޙްގެ ސަރުކާރުން ތިމާވެށީގެ ރޮނގުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ ޢަމަލީ މަސައްކަތް ހިމެނޭހެން ހުށަހަޅާ ކަންތައްތަކެކެވެ. އަދި ޑޮކްޓަރ ވެރްކޮޔަން ވަނީ ތިމާވެށީގެ ކަންކަމުގައި ޖީސީއޭގެ ފަރާތުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަން ކަށަވަރުކޮށްދެއްވާފައެވެ.

ޖީސީއޭއަކީ މޫސުމަށް އަންނަ ބަދަލުތަކުން ޤައުމުތައް އަރައިގަތުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދޭ ބައިނަލްއަޤްވާމީ ޖަމިއްޔާއެކެވެ.



ކިޔުންތެރިންގެ ހިޔާލު