ސްރީލަންކާގައި މަރުވެފައި އޮއްވާ ފެނުނު އަފްހާމްގެ މަރުގެ މައްސަލައިގައި ދިވެހި ފުލުހުންގެ ޓީމެއް ލަންކާއަށް ދިއުމަށް ހަމަޖެހިއްޖެއެވެ.

ލަންކާގައި ކިޔަވަމުންދިޔަ ދިވެހި ޒުވާނެއްކަމަށްވާ އުމުރުން 21 އަހަރުގެ އަފްހާމް ނަސީރު މަރާލާފައި އޮއްވާ ފެނުނީ މިދިޔަ ހޮނިހިރުދުވަހު ލަންކާގެ ވެއްލަވައްތަ ބީޗް ސަރަހައްދުންނެވެ. އެމައްސަލަ ލަންކާ ފުލުހުން ތަހުޤީޤްކުރަމުންދާއިރު، ފުލުހުން ބުނީ ފުލުހުންގެ ޓީމެއް މިއަދު ލަންކާއަށްދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ދިވެހި ފުލުހުންގެ ޓީމު ލަންކާއަށް ދިއުމަށް ހަމަޖެހިފައިވަނީ އެ މައްސަލާގައި ކަންހިނގާފައިވާ ގޮތް އޮޅުންފިލުވުމަށާއި، އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލައި އެކަންކަން ކުރުމަށްޓަކައިކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިިދިޔަ އާދީއްތަދުވަހު ބުނީ ލަންކާގައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިފައިވާކަމަށް ދެކެވޭ ވާހަކަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ސްރީލަންކާގެ ފުލުހުންގެ އިސްތަރުޖަމާނެއްކަމަށްވާ ޑީއައިޖީ އަޖިތު ރޮހާނާ، ލަންކާގެ ނިއުސް ފަސްޓް ނޫހާއި ވާހަކަދައްކަވަމުން، ސްރީލަންކާގެ ވެއްލަވައްތަ ބީޗު ސަރަހައްދުގައި މަރުވެފައި އޮއްވާ ފެނުނު ދެމީހުންގެ ތެރެއިން އެކަކަކީ ދިވެއްސެކަމަށް ތަހުގީގުން ހާމަވެފައިވާކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގައި ވަޅިން ޒަހަމްތަކެއް ދީފައިވާ ކަމުގެ ނިޝާންތައް ހުރިކަމަށްވެސް ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު