ޖަޕާން ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި އަށް އެމްބިއުލަންސް ހަދިޔާ ކުރަން ނިއްމައިފިއެވެެ.

ޖަޕާން ސަރުކާރުން ރާއްޖެއަށް ހިލޭ އަށް އެމްބިއުލަންސް ހަދިޔާ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ތަކެއުޗި މިދޮރިއެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއީ އަށް ސެޓުގެ 12 މެޑިކަލް އިކުއިޕްމެންޓްތަކާއެކު ހަދިޔާކުރެވޭ އެމްބިއުލާންސްތަކެއް ކަމަށެވެ. އެ މެޑިކަލް އިކުއިޕްމެންޓް ތަކުގެ ތެރޭގައި އެޑްވާންސް ލައިފް ސަޕޯޓް ބޭގާއި އޮކްސިޖަން ފުޅިއާއި، ބޭގް ވޯލްވް މާސްކް އަދި ސްޕައިނަލް ބޯޑް ހިމެނޭ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.

ޖަޕާން ސަރުކާރުން "ގްރާންޓް އެސިސްޓެންޓް ފޯރ ގްރާސް ރޫޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް" ގެ ދަށުން ރާއްޖެއަށް ހަދިޔާ ކުރަނީ 2،453،800ރ. ގެ އަށް އެމްބިއުލާންސް ކަމަށް ހެލްތް މިނިސްޓްރީން ބުނެފައި ވެއެެވެ.



ކިޔުންތެރިންގެ ހިޔާލު