ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން މެނުވީ ރައްޔިތުންނަށް އިގްތިސާދީ ފުދުންތެރިކަމާއި، އިޖުތިމާއީ ދުޅަހެޔޮކަން ނާންނާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވީ ބ. ގޮއިދޫގައި ޕޮލިސް ޕޯސްޓް، ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ އިގްތިސާދީ އިޖުތިމާއީ ފާގަތިކަމާއި ފަހިކަން ގެނެސްދިނުމަށްޓަކައި ކުރަންހުރި މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުންކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން މެނުވީ ރައްޔިތުންނަށް އިގްތިސާދީ ފުދުންތެރިކަމާއި، އިޖުތިމާއީ ދުޅަހެޔޮކަން ނާންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މުޅި ރާއްޖެއަށް ވިސްނައި ފިކުރު ހިންގައިލާއިރު ރާއްޖޭގެ ރަށްރަށުގެ މީހުންގެ ދިރިއުޅުމާއި ސަގާފަތާއި ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވައި މީގެ އެތައް ދުވަހެއް ކުރިން ރާއްޖެއަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި އެއް ވަބާ ކަމުގައިވާ މަސްތުވާތަކެތީގެ އަސަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ފަހަތުގައި ތިބި ނުރައްކާތެރި މީހުން އެކުރާ މަސައްކަތަކީ ހުރިހާ މީހުންވެސް އެކަމަށް ވިސްނައިގެން ފުލުހުންގެ ހިދުމަތް ބައްޓަންކުރަންޖެހޭ މަސައްކަތެއް ކަމަށާއި، ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދެވޭނީ އެގޮތުން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.



ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ މުއައްސަސާއަކީ އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމާ އެކީގައި ރައްޔިތުން އެދޭގޮތަށް ރައްޔިތުންނާ ގުޅިގެން ދެވޭ ހިދުމަތަކަށް ބަދަލުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް ކުރައްވާ މުހިންމު މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ ހިދުމަތް މުޅި ރާއްޖޭގައި ފުޅާވެ ބޭނުންވާ ހެޔޮ ބަދަލުތައް އަންނަމުންދަނީ އެތައް ގޮންޖެހުންތަކަކާ އެކުގައިވެސް އެކަންކަމަށްޓަކައި ކޮމިޝަނަރ އޮފް ޕޮލިސް ކުރައްވާ ވަރަށް ބުރަ މަސައްކަތްތަކެއްގެ ސަބަބުންކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުދެންނެވިއެވެ.

އަދި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތަކީ ގޮންޖެހުން ބޮޑު ހިދުމަތެއް ކަމަށާއި، ގޮއިދޫގައި ގާއިމްކުރެވުނު ފުލުހުންގެ މަރުކަޒުގައި ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ފުލުހުންނަކީ އެކަމަށް ގާބިލު ފުލުހުންތަކެއް ކަން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތަކު ހިދުމަތަކަށް އެދިއްޖެނަމަ އެ ހިދުމަތެއް ފެށިގެން ނިމެންދެން ދެމިތިބުމަށް ފުލުހުންގެ ކިބައިން އެދިލެއްވިއެވެ. އަދި ރަށުތެރެ އަމާންކަމާއި ރައްކާތެރިކަންމަތީގައި ބޭއްވެނީ ހަމައެކަނި ފުލުހުން އެކަނި މަސައްކަތްކޮށްގެން ނޫންކަން ފާހަގަކުރައްވައި ފުލުހުންނާ ގުޅިގެން ކައުންސިލް އިދާރާއިން މަސައްކަތްކޮށްދެއްވައި އަދި މިހާރުވެސް ކައުންސިލް އިދާރާއިން ރަށުގެ ތަަރައްގީއަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް ޝުކުރުދެންނެވިއެވެ.

ގޮއިދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓު ހުޅުއްވައި ދެއްވުމަށްފަހު ދިވެހިރާއްޖޭގެ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފެވެ.



ކިޔުންތެރިންގެ ހިޔާލު