ޕާކިސްތާންގެ ޤައުމީ އެއަރލައިން، ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސްގެ ސީދާ ދަތުރުތައް ދިވެހިރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ޕާކިސްތާނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޕާކިސްތާނުގެ ޤައުމީ އެއަރލައިނުން ދަނީ 3 ޤައުމަކަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ. އެއީ އޮސްޓްރޭލިއާ، ދިވެހިރާއްޖެ އަދި ހޮންގކޮންގެވެ. މީގެއިތުރުން އެ އެއަރލައިނުން މީގެކުރިން ދަތުރުތައް ބޭއްވި ތުރުކީގެ އިސްތަންބުލް އަދި ތައިލެންޑުގެ ބެންކޮކަށް އަލުން ދަތުރުތައް ފެށުމަށް ނިންމާފައިވާކަމަށްވެސް މީޑިއާތަކުން ބުނެއެވެ.

މީގެ އިތުރުން އެއަރލައިނުން ދަނީ އިނގިރޭސިވިލާތަށާއި، އެމެރިކާ އަދި ޔޫރަޕުގެ ޤައުމުތަކަށް ބާއްވަމުން އައި ދަތުރުތައް އަލުން ފެށުމަށްޓަކައި ކަމާއި ގުޅޭ އިދާރާތަކާއެކު މަޝްވަރާކުރަމުންނެވެ. މިގޮތުން ފުރިހަމަކުރަންޖެހޭ އޮޑިޓްތައް މިމަހުގެތެރޭގައި ނިންމާ އެސަރަޙައްދުގެ ޤައުމުތަކަށް އަލުން ދަތުރުތައް ފެށޭނެކަމަށް އެ އެއަރލައިނުން ލަފާކުރެއެވެ.

ޕާކިސްތަނުގެ ޤައުމީ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވަމުންދާއިރު ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު 13764 ފަތުރުވެރިން ޕާކިސްތާނުން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން