ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގައި ގިނަ އަދަދެއްގެ ބިލުތަކެއް ހުށަހަޅަން އެޓާނީ ޖެނެރަލް އޮފީހުން ނިއްމައިފިއެވެެ.

އެޓާނީ ޖެނެރަލް އޮފީހުން ބުނީ މަޖިލީހުގެ މިދައުރުގެ ތެރޭގައި 36 ބިލެއް މަޖިލީހަށް ހުށައަޅަން ނިއްމައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާއާ ގުޅޭ ބިލުތަކާއި، އިޖުތިމާއީ އަދި ގައުމީ ސަލާމަތާ ގުލޭ ދާއިރާތަކާ ގުޅޭ ބިލުތައް ހިމެނެ އެވެ. ނަމަވެސް އިދިކޮޅު ޕީޕީއެމް/ ޕީއެންސީން އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލައި ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމުގެ ބިލު މީގެ ތެރޭގައި ހިމަނާފައެއް ނުވެއެވެ.



މީގެ އިތުރުން މަޖިލީހަށް ހުށައަޅާ މުހިންމު ބިލްތަކުގެ ތެރޭގައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގޭންގް ކުށްތައް މަނާކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހި ރައްޔިތުންގެ ދީނި އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލާއި އާއިލާއާ ބެހޭ ބިލާއި، ކުންފުނީގެ ބިލާއި، ކުނި ނައްތާލުމާ މެނޭޖުކުރުމާ ބެހޭ ބިލާއި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފަދަ ބިލްތައް ހިމެނެެެެއެެވެ.

މަޖިލީހުގެ ނިމިގެން ދިޔަ ދައުރުގައި ވެސް ގިނަ އަދަދެއްގެ ބިލުތަކެއް ހުށަހަޅާނެކަމަށް އެޓާނީ ޖެނެރަލް އޮފީހުން މީގެ ކުރިން ބުނި ނަމަވެސް ހުށަހަޅާނެކަމަށް ބުނި ބިލުތަކުގެ ތެރެއިން މަޖިލީހަށް ހުށަހެޅުނީ މަދު ބިލުތަކެއް ކަން ފާހަަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު