ރަށްރަށަށް ދަތުރުކުރާ މީހުން ގޮވައިގެން އެމްއެމްއޭ ކުރިމަތިން ފުރާ ލޯންޗުފަހަރު ކުރީގެ ނަސަންދުރަ ހޮޓާ ކުރިމަތިން ފުރާގޮތަށް ހަމަޖައްސައިފިއެވެ.

އެމްއެމްއޭ ކައިރިން ފުރާ ލޯންޗުފަހަރު ނަސަންދުރަ ކުރިމަތީގައި އޮންނަ ޖެޓީއަށް ބަދަލުކުރަން ނިންމީ، އެމްއެމްއޭ ސަރަހައްދަކީ ކާރޫބާރޫ ބޮޑު ސަރަހައްދަކަށް ވާތީ، އެ ސަރަަހައްދުގެ ޓްރެފިކަށް ލުޔެއް ހޯދައިދިނުމަށްކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ އެމްއެމްއޭ ކައިރިން ފުރާ ލޯންޗުފަހަރު ނަސަންދުރަ ކުރިމަތިން ފުރާ ގޮތަށް ހަމަޖެހުމުން އާއްމުންނަށްވެސް އެކަމުގެ ފައިދާކުރާނެކަމަށެވެ. އެގޮތުން އެމްއެމްއޭ ކައިރީގައި ހިޔާވާނެ އެއްވެސް ޖާގައެއް ނޯންނައިރު، ނަސަންދުރަ ކުރިމަތީގައި އޮންނަ ޖެޓީއަކީ ހިޔާކޮށްފައިވާ ޖެޓީއެއްކަން ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.

ނަސަންދުރަ ކުރިމަތީގައި އޮންނަ ޖެޓީއަކީ ހުޅުލެއަށް ދަތުރުކުރާ މީހުން ކުރިން ބޭނުންކުރި ޖެޓީއެވެ. ނަމަވެސް ސިނަމާލެ ބްރިޖާއެކު އެ ޖެޓީގެ ބޭނުން ވަނީ މުޅިންހެން ކެނޑިފައެވެ.

އެމްއެމްއޭ ކައިރިން ފުރާ ލޯންޗުފަހަރު ނަސަންދުރަ ކުރިމަތީގައި އޮންނަ ޖެޓީން ފުރާ ގޮތަށް ހަމަޖައްސާފައިވާއިރު، އެމްއެމްއޭ ކުރިމައްޗަށް ދެން މަޑުކުރާނީ ރަށްރަށުން ތަރުކާރީ އާއި މޭވާގެ ބާވަތްތައް ބަރުކޮށްގެން އަންނަ ދޯނިފަހަރު ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު