މިދިޔަ ހޮނިހިރުދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކޮށް، އެ ގޮނޑިއަށް އިންތިހާބުވި މުހައްމަދު ރާޝިދު މަޖިލިސް މެމްބަރުކަމުގެ ހުވާކުރުން މާދަމާ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ރާޝިދު ހުވާކުރެއްވުން އޮންނާނީ މާދަމާ އޮންނަ މަޖިލީހުގެ ކުރިން ހެނދުނު 8:30 ހާއިރުކަމަށެވެ.

އިލެކްޝަން ކޮމިޝަނުން އިޢުލާނުކޮށްފައިވާ އިންތިޚާބުގެ ދާއިމީ ނަތީޖާ ދައްކާގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ މުޙައްމަދު ރާޝިދަށް 1401 ވޯޓު ލިބިފައިވާއިރު އެގޮނޑިއަށް ވަދަކުރެއްވި ޕީޕީއެމްގެ މޫސާ ފަތުޙީއަށް ލިބިފައިވަނީ 1161 ވޯޓެވެ. އަދި އެމްއެންޕީގެ އަބްދުލް ހަންނާނަށް ލިބިފައިވަނީ 323 ވޯޓެވެ.

މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 3،309 މީހަކަށް ލިބިފައިވާއިރު ވޯޓްލާފައިވަނީ 88.61 ޕަސެންޓް މީހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާފައި ވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު